އެސް.ޓީ.އޯގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދެއްކުމުގައި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސް.ޓީ.އޯއަށް އިންޓަރނޭޝަނަލް ބަންކަރިންގެ ޚިދުމަތް ފެށުމުގެ ހުއްދަ މިހާރު ލިބިފައިވާކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.
އެސް.ޓީ.އޯއިން ދަނީ ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތާއެކު ތެޔޮ ސްޓޯރޭޖެއް އިހަވަންދިޕޮޅުގައި ތަރައްޤީކުރުމުގެ މަސައްކަތްކުރަމުންކަން އެސް.ޓީ.އޯއިން ބުނެއެވެ. ބަންކަރިން ޚިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަކަން އެސް.ޓީ.އޯގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ސައީދު ވިދާޅުވިއެވެ. އަދި މީގެ އިތުރަށް ބޭރުގެ ކޮންސަލްޓަންޓަކާއި ގުޅިގެން މި މަސައްކަތް މިހާރު ކުރަމުން އަންނަކަންވެސް ސައީދު ފާހަގަކުރެއްވިއެވެ.
"އިންޓަނޭޝަނަލް ބަންކަރިން ފެށުމުގެ މަސައްކަތް ދަނީ ކުރިއަށް. އެސް.ޓީ.އޯއާއި ސަރުކާރާއި އަދި ބޭރުގެ ކޮންސަލްޓަންޓަކާއި އެއްކޮށް އިންޓަނޭޝަނަލް ބަންކަރިންގެ ރެގިއުލޭޓަރީ މަސައްކަތް މިހާރު ނިމުމަކަށް އަންނަނީ. އިންޓަނޭޝަނަލް ބަންކަރިން ކުރުމުގެ ހުއްދަ މިހާރު އެސްޓީއޯއަށް ވަނީ ލިބިފައި. އެސް.ޓީ.އޯ ސިންގަޕޯރ އަދި އެމްއެންއޯސީ ރިވައިވްކޮށް އިންޓަނޭޝަނަލް ފިއުލް ކުރުމަށް ވަނީ ނިންމާފައި. މީގެތެރޭގައި ފިޒްކަލް ޓްރޭޑިން އަދި ޕޭޕަރ ޓްރޭޑިންވެސް ހިމެނިގެންދާނެ" ސައީދު ވިދާޅުވިއެވެ.
ބަންކަރިންގެ ޚިދުމަތާއެކު ރާއްޖެއިން ބޭރުގައި އެސް.ޓީ.އޯގެ ތެޔޮ ރައްކާކުރާ ސްޓޯރޭޖެއް ހެދުމަށް ވިސްނަމުން ގެންދާ ކަމަށާއި މި ސްޓޯރޭޖް ހެދުމަށް މަސައްކަތް ކުރަމުންދަނީ ޔޫ.އޭ.އީގައިކަން ސައީދު ވިދާޅުވިއެވެ.
"ކުރިންވެސް އެސްޓީއޯ ސިންގަޕޯރ އަދި އެމްއެންއޯސީ ގުޅިގެން އޮޕަރޭޝަން ފަށައިގަތުމަށްފަހު ތެލުގެ ވިޔަފާރި ފުޅާކުރުމަށް ވަނީ ނިންމާފައި. ފިއުލް ޓެރޭޑް ކުރުމަށް ރާއްޖެއިން ބޭރުގައިވެސް ވިސްނިފައިވޭ. މިގޮތުން މިހާރު ބަލަމުން މިއަންނަނީ ޔޫއޭއީގެ ރަށެއްގައި ސްޓޯރޭޖް ގާއިމްކުރުމަށް." ސައީދު ވިދާޅުވިއެވެ.
އެސް.ޓީ.އޯއިން މަސައްކަތް ކުރަމުންދަނީ އައު ވިޔަފާރިތަކަށް ވަދެ އެ ކުންފުނީގެ އާމްދަނީ އިތުރުކުރުމަށްކަމަށް އެސް.ޓީ.އޯއިން ބުނެފައިވެއެވެ. އެގޮތުން މިދިޔަ އަހަރަކީވެސް އެ ކުންފުންޏަށް ކާމިޔާބު އަހަރެއްކަންވެސް ބުނެއެވެ.
2022 ވަނަ އަހަރު އެކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސް.ޓީ.އޯއިން ބުނެފައިވެއެވެ. މިއީ 2021 ވަނަ އަހަރު އެކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނު 10.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު %79 އިތުރު ޢަދަދެއް ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް