ކަނޑުން ހަކަތަ އުފައްދައި އޭގެ މަންފާ ހޯދޭނެގޮތް ދިވެހިން ހޯދަންޖެހޭ: ޝައުނާ

ކަނޑުން ހަކަތަ އުފައްދައި އޭގެ މަންފާ ހޯދޭނެގޮތް އަޅުގަނޑުމެން ދިވެހިން ހޯދަންޖެހޭ ކަމަށް އެންވަޔަރަމެންޓު މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ. މިނިސްޓަރ ޝައުނާ މިހެން ވިދާޅުވީ ބ. އަތޮޅު ތަޢު...

03 Jun 2023 | 09:03

ކަނޑުން ހަކަތަ އުފައްދައި އޭގެ މަންފާ ހޯދޭނެގޮތް އަޅުގަނޑުމެން ދިވެހިން ހޯދަންޖެހޭ ކަމަށް އެންވަޔަރަމެންޓު މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ. މިނިސްޓަރ ޝައުނާ މިހެން ވިދާޅުވީ ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އަހަރީ އިނާމު ދިނުމުގެ، ޙަފްލާގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން މިނިސްޓަރު ޝައުނާ ވިދާޅުވީ ބ. އަތޮޅުގެ މާހައުލުތަކުގެ ރީތިކަމުންނާއި، މުއްސަނދި ތާރީޚާއި ތަރިކަ އަށް ރިޢާޔަތްކޮށް 2011 ވަނަ އަހަރު ރާއްޖޭގެ ފުރަތަމަ ބަޔޮސްފިއަރ ރިޒާވްގެ ގޮތުގައި ޔުނެސްކޯއިން ބ. އަތޮޅު ކަނޑައަޅާފައިވާ ކަމަށް ޝައުނާ ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ އަޅުގަނޑުމެންގެ ތިމާވެއްޓަށް ދިމާވެފައިވާ އެކި ގޮންޖެހުންތަކުގައި މި ޖީލަކީ މިކަމުގައި ބަދަލެއް ގެނެވޭނެ އެންމެ ފަހު ޖީލު ކަމަށާއި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭކަމަށް މިނިސްޓަރ ޝައުނާ ވަނީ ވިދާޅުވެފައެވެ.

މުޅި ދުނިޔެއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޤައުމުތަކަށް ކުރާ ނޭދެވޭ އަސަރުތައް ކަމަށާއި މި ޖަޒީރާ ކުދި ރަށްތައް މި ދަނީ ކްލައިމެޓް ޗޭންޖުގެ ނޭދެވޭ އަސަރުތައް ތަހައްމަލު ކުރަމުން ކަމަށް ޝައުނާ ވަނީ ވިދާޅުވެފައެވެ.

މިގޮތުން ކޮންމެވެސް މިންވަރަކަށް ނުގިރާ އެންމެ ރަށެއްވެސް ރާއްޖެއަކު ނެތް ކަމަށާއި ގިނަ ރަށްރަށުގައި މި މައްސަލަ ވަނީ ސީރިއަސް ހާލަތަކަށް ގޮސްފައި ކަމަށް މިނިސްޓަރ ޝައުނާ ވަނީ ވިދާޅުވެފައެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ އެންމެ ބޮޑު ސަބަބަކީ އަޅުގަނޑުމެންގެ އެކި ބޭނުންތަކަށް ތެޔޮ އެންދުމުގެ ސަބަބުން ޖައްވަށް ބޭރުވާ ކާބަން ކަމަށާއި އެހެންކަމުން، ކާބަން މަދު އިޤްތިޞާދެއް ބިނާކުރަންޖެހޭ ކަމަށް މިިނިސްޓަރ ޝައުނާ ވަނީ ވިދާޅުވެފައެވެ.

އަދި ކަނޑުން ހަކަތަ އުފައްދައި އޭގެ މަންފާ ހޯދޭނެގޮތް އަޅުގަނޑުމެން ދިވެހިން ހޯދަންޖެހޭ ކަމަށާއި ރާއްޖޭގެ ރަށްތަކުގެ ހިމާޔަތުގައި ލައްވާފައިވާ މުރަކައިގެ ފަރުތައް ތާއަބަދު އެގޮތުގައި ކަނޑުއަޑީގެ ރީތި ބަގީޗާތަކެއްގެ ގޮތުގައި ދެމިއޮންނާނެ ގޮތްތައް ދިރާސާކޮށް ހޯދަންޖެހޭ ކަމަށް ޝައުނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝައުނާ ވަނީ ދަރިވަރުންނާ މުހާތަބު ކުރައްވާ ރާއްޖެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ދާއިރާތަކުން ދަރިވަރުން މަތީ ތައުލީމު ހާސިލުކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް