އިންޑިއާގެ އޮޑިޝާ ސްޓޭޓްގައި ހިނގި ރޭލު އެކްސިޑެންޓެއްގައި 280 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.
އެ ސްޓޭޓްގެ ބަލަސޯރު ޑިސްޓްރިކްޓުގައި ހިނގި މި އެކްސިޑެންޓު ހިނގީ ތިން ރޭލު މުޑިއަރައިގެން ކަމަށްވެ އެވެ. ހާދިސާ ހިނގަން މެދުވެރިވީ އޭގެ ތެރެއިން ދަތުރުވެރިން ގޮވައިގެން ދަތުރު ކުރި ރޭލެއް ދަގަނޑުމަތިން ކައްސާލައިގެންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި މިހާތަނަށް މަރުވެފައިވާ 280 މީހުންގެ ހަށިގަނޑު ފެނިފައިވާއިރު މިއަދަދު ވަރަށް މައްޗަށް ދާނެ ކަމަށް ލަދާ ކުރެވެ އެވެ. މިހާތަނަށް 850 މީހުން ވަނީ ޒަހަމް ތަކާއި އެކު ސަލާމަތް ކޮށްފައި އެވެ.
މިއީ މި ގަރުނު ތެރޭގައި އިންޑިއާގައި ހިނގި އެންމެ ނުރައްކާތެރި ރޭލު އެކްސިޑެންޓެވެ. ހާދިސާ ހިނގި ސަރަހައްދަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިއަދުގެ ވަގުތެއްގައި ވަޑައިގެންނަވާނެ އެވެ.
މި ހާދިސާއިން ސަލާމަތްވި މީހަކު މީޑިއާގައި ބުނީ ގިނަ ބަޔަކު މަރުވީ ރޭލުތައް ޖެހުމާއި އެކު އެކަކު ގައިމައްޗަށް އަނެކަކު ވެއްޓި ފިތުމުން ކަމަށެވެ. އެގޮތުން 10 ނުވަތަ 15 ވަރަކަށް މީހުން މަތިމައްޗަށް ތިއްބަ އޭނާއަށް ފެނިފައިވާ ކަމަށް ބުންޏެވެ.
މި ހާދިސާގައި އެމީހާގެ އަތާއި ބުރަކައްޓަށް އަނިޔާވުމުގެ އިތުރުން އެހެން އަނިޔާއެއް ނުލިބެ އެވެ. އެކަމަކު އޭނާއަށް ފެނުނު ބައެއް މީހުންގެ އަތާއި ފައި ބުރިވެ މޫނު ޗިސްވެފައިވާ މަންޒަރު ފެނުނު ކަމަށް ބުންޏެވެ.
ރޭގެ ވަގުތެއްގައި މި އެކްސިޑެންޓު ހިނގީ އެކްސްޕްރެސް ރޭލުތަކެއް ޖެހިގެންނެވެ.
އިންޑިއާގެ ރޭލު ދަތުރުފަތުރަކީ ދުނިޔޭގެ އެންމެ ބޮޑު ރެއިލް ދަތުރުފަތުރުގެ ނިޒާމެވެ. ދުވަސްވީ ރެއިލް އިންފްރާސްޓްރަކްޗާގެ ސަބަބުން އަބަދުވެސް ދަގަނޑުން ކައްސާލުމާއި ބާވެ ގިނަ ދުވަސްވީ ރެއިލްތައް އެނޫންވެސް ކަންކަން ހިނގުމުން ރެއިލް އެކްސިޑެންޓުތަކަކީ އިންޑިއާގައި އާންމު ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް