މި އަހަރުގެ ބޮޑު ޢީދު ވަރަށް ކުލަގަދަގޮތެއްގައި ފާހަގަކުރުމަށް މާއެނބޫދޫން ތައްޔާރުވެއްޖެއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން އެ ރަށުން ވާހަކަދެއްކި އޮފިޝަލަކު ވިދާޅުވީ މި އަހަރު ބޮޑު ޢީދު ކުލަގަދަގޮތެއްގައި ފާހަގަކުރުމަށް ރަށުގެ ކުދިބޮޑު އެންމެން އަތުކުރި އޮޅާލައި މަސައްކަތް ފަށާފައިވާކަމަށާއި މި ޢީދަކީ މުޅި ރާއްޖޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ޢީދަކަށް ވެގެންދާނެކަމަށެވެ.
އަބަދުވެސް މާއެނބޫދޫއަކީ ޢީދުގެ ހަރަކާތްތައް ކުލަގަދަގޮތެއްގައި ފާހަގަކުރަމުން އަންނަ ރަށެކެވެ. ކުލަގަދަކޮށް ޢީދު ފާހަގަކުރުމުގައި މުއްސަނދި ތާރީހެއް އޮތް ރަށެކެވެ.
"މިނިވަންފަދަ މުހިންމު ދުވަސްތަކުގައި ރަށުގެ ލަނގިރި ގްރޫޕުތައް ސަރުކާރުގެ ދައުވަތަށް މާލެ ގެނެސް ކުޅިވަރު ހުށަހަޅައިދެމުންދޭ، ރަށުގައި އަމިއްލަ މިއުޒިކު ބޭންޑެއް އޮވޭ، ޝޯތަކުގައި ހުރިހާ އިންސްޓްރުމަންޓެއް ލައިވްކޮށް ކުޅުމުގެ އިތުރުން ބޭންޑްގެ ލަވަކިޔުންތެރިންނަކީވެސް ހަމަ ރަށުގެ ތަރިން، މިފަހަރު އިތުރަށް ފޯރިގަދަވެގެންދާނީ އިހުގެ ސަގާފީ ކުޅިވަރުތައްވެސް އަލުން ދިރުވުމުގެ މަސައްކަތާއެކު" ދުވަހަށް މައުލޫމާތުދެއްވި އޮފިޝަލު ވިދާޅުވިއެވެ.
ބޮޑު ޢީދުގައި ކުރިއަށްގެންދަން ނިންމާފަައިވާ ބައެއް ހަރަކާތްތައް
- ޢީދު ވެދުމާ ދިއުން
- މަސް ރޭސް
- ފިރިހެނުންގެ ލަނގިރި/ދަފި
- ބޮޑުމަސް ބޭނުން
- ފުޓްބޯޅަ މުބާރާތް (ފިރިހެން)
- ވޮލީ މުބާރާތް (އަންހެން/ފިރިހެން)
- މާލެއިން މާއެނބޫދުއަށް ދާ ލަވަކިޔުންތެރިން ދެ ޝޯ
- ޖާދުﷲ ޑާންސް ގްރޫޕްގެ ޑާންސް ތައް (ޝިފާ، ނިމްޝާ މި ގްރޫޕްގައި ހިމެނޭ)
- ބަނޑިޔާ ޖެހުުން
- ރައްޔިތުންގެ ޢީދު ބޮޑު ސައި
- ކުޑަކުދިންގެ ހަވީރު
- ޢީދާއި ކުލަމަޖާ
މިފަހަރުގ ބޮޑު ޢީދު ކުލަގަދަގޮތެއްގައި މާއެނބޫދޫގައި ފާހަގަކުރަނީ ކައުންސިލާއި ރަށުގެ ކްލަބް ޖަމިއްޔާތަކާއި އަމިއްލަ ފަރުދުން ގުޅިގެންނެވެ. ކުޅިވަރުތައް އިންތިޒާމުކޮށް ލީޑުކުރަނީ ކައުންސިލުންނެވެ.
ޢީދަށް މަހަކަށް ވެފައިވާއިރު ތައްޔާރީތަކާއި ފަރިތަކުރުންތައް ވަރަށް ފޯރިއާއެކު ކުރިއަށްދާކަމަށް ދުވަހަށް މައުލޫމާތު ހިއްސާކުރި އޮފިޝަލް ވިދާޅުވިއެވެ. ތައްޔާރީތަކުގައި ރަށުގެ ކުދި ބޮޑު އެންމެން ހިއްސާވަމުން އަންނަކަން އޮފިޝަލް ފާހަގަކުރެއްވިއެވެ. އޮފިޝަލް އިތުރަށް ވިދާޅުވީ ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް މެހެމާންދާރީ އަދާކުރުމަށްވެސް ރަށުގެ ރައްޔިތުން ތައްޔާރު ކަމަށެވެ.
މާއެނބޫދުއަކީ ދ އަތޮޅުގެ ވެރިކަންކުރާ ކުޑަހުވަދުއއި އެންމެ ގާތުގައި އޮންނަ ރަށެވެ. ޑޮމެސްޓިކް ފްލައިޓްގައި ކުޑަހުވަދުއަށް 40 ވަރަކަށް މިނެޓުން ދެވޭއިރު ކުޑަހުވަދޫން މާއެނބޫދުއަށް ދާން ނަގާނީ އެންމެ ދިހަވަރަކަށް މިނެޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް