ގޭގައި ލިބޭ މަދު ވަގުތުކޮޅު ހޭދަކުރަނީ ސޯޝަލް މީޑިއާގައި، އާއިލާއަށް ވަގުތެއް ނުދެވޭ: ހުތުބާ

އަނބިމީހާ އަދި ފިރިމީހާވެސް ވަޒީފާގެ މާހައުލުގައި އުޅުމަށްފަހު ގޭގައި ހޭދަކޮށްލެވޭ މަދު ވަގުތުކޮޅުވެސް ހޭދަކޮށްލަނީ ސޯޝަލް މީޑިއާގައި ނުވަތަ ފިލްމެއް ބެލުމުގައި ކަމަށާއި އެކަމުގެ ސަބަބުން އާއިލާއަށް ދ...

03 Jun 2022 | 11:44

އަނބިމީހާ އަދި ފިރިމީހާވެސް ވަޒީފާގެ މާހައުލުގައި އުޅުމަށްފަހު ގޭގައި ހޭދަކޮށްލެވޭ މަދު ވަގުތުކޮޅުވެސް ހޭދަކޮށްލަނީ ސޯޝަލް މީޑިއާގައި ނުވަތަ ފިލްމެއް ބެލުމުގައި ކަމަށާއި އެކަމުގެ ސަބަބުން އާއިލާއަށް ދޭންވާ ސަމާލުކަން އަދުގެ މުޖްތަމައުގައި ނުދެވޭކަން ހުތުބާގައި ފާހަގަކޮށްފިއެވެ.

މިއަދުގެ ހުކުރު ހުތުބާގެ މައިގަނޑު މައުލޫއަކީ ހަރުދަނާ އާއިލާއެއް ބިނާކުރުމެވެ.

މި މައުލޫގައި ހުތުބާގައި ދައްކާފައިވާ ވާހަތަކުގެ ތެރެއިން ބުނެފައިވަނީ އާއިލާތައް ރޫޅި ވިއްސި ވިހާލިވާ ވާހަކަ ދައްކާއިރު މުޖްތަމައުގައި ހިނގާ އެހެން ދިމާއަކަށްވެސް ބަލައިލަން ޖެހޭ ކަމަށާއި، އެގޮތުން ކައިވެނި ކޮށްގެން އުޅޭ ދެމަފިރިންނަށް، އެކަކު އަނެކެއްގެ ފަރާތުން ލިބެންވާ އުފަލާއި ހިތްހަމަޖެހުން ފުރިހަމައަށް ނުލިބޭކަމގެ ޝަކުވާއަކީވެސް މިއަދު މަދު ޝަކުވާއެއް ނޫންކަމަށެވެ.

" ބުރަ ދުވަހެއް މަސައްކަތުގައި ހޭދަކޮށް، ފިރިމީހާ ނުވަތަ އަނބިމީހާ ގެއަށް އަންނައިރު އަނބިމީހާ ނުވަތަ ފިރިމީހާ ބޭރުގައި ވެދާނެއެވެ. ނުވަތަ ނިދާފައި އޮވެދާނެއެވެ. ހޭލާ އުޅޭނަމަ ފިލްމެއް ބަލަން އިނދެދާނެއެވެ. ހަމަ އެފަދަައިން ވަޒީފާގެ ވާޖިބުތައް އަަދާކުރުުމަށް ގެއިން ބޭރުގައި އުޅުމަށްފަހު، ގެއަށް އައިސް، ގޭގައި އުޅޭ ވަގުތުކޮޅު ހޭދަކުރާތަން ފެންނަނީ، ސޯޝަލް މީޑިއާގައި، ނުވަތަ ފޯނުކޯލެއްގައި ނުވަތަ ކޮންމެވެސް އެހެންކަމެއްގައެވެ. އޭގެ ސަބަބުން އާއިލާއާއި ދަރިންނަށް ދެވޭ ސަމާލުކަން އޮންނަނީ ނުދެވިފައެވެ. މިފަދަައިން ދެމަފިރިންގެ ކަންކަން ހުންނަނަމަ ދެންވާނޭގޮތް ނިކަން ހިތަށް ގެނެސްބަލާށެވެ.!" ހުކުރު ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ އޭގެ ބަދަލުގަި ދެމަފިރިންވެސް ގެއަށް އައުމަށްފަހު އެ ލިބޭ ކުޑަވަގުތުކޮޅުގައި އާއިލާއާއެކު ހޭދަކުރެވިއްޖެނަމަ ލިބޭނެ ހިތްހަމަޖެހުމާއިމެދު ވިސްނާލުމަށެވެ.

މާތް ނަބިއްޔާ ﷺ  އަހަރެމެންނަށް އިރުޝާދު ދެއްވާފައިވަނީ އާއިލާއަށް ހެޔޮކޮށް ހިތުމަށް ކަމަށާއި އެމީހުންނާމެދު ރިވެތިކޮށް މުއާމަލާތް ކުރުމަށް ކަން ހުކުރު ހުތުބާގައި ފާހަގަކޮށްފައިވެއެވެ. އަދި އޭގެ ސަބަބުން ދެމަފިރިންނަށްވެސް ހިތްހަމަޖެހުމާއި އުފާވެރިކަން ހާސިލުވާނެކަމާއި އާއިލީ ގުޅުންތައް ބަދަހިވާނެކަމާއި  ޒަވާޖީ ހަޔާތަށް އުފާވެރިކަމާއި ބާއްޖަވެރިކަން ލިބޭނެކަމުގައި ބުނެފައިވެއެވެ. މީގެ އިތުރުން ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރެވޭނީ، ގުޅިގެން ހިތްހަމަޖެހިގެން އުފަލުގައި ދިރިއުޅޭ އާއިލާތަކަށް ކަމުގައިވެސް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

ހުކުރު ހުތުބާގައި އިތުރަށް ބުނެފައިވަނީ އާއިލާއެއްގައި ދެމަފިރިން އެންމެ އިސް މަސްއޫލިއްޔަތަކަށް ވާންޖެހޭނީ، ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދީ، އެކުދިންގެ ހައްގުތަކަށް ރައްކާތެރިވުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް