މާބަނަޑުމީހާ ވިހެއީ އެމްބިއުލާންސްގައި، ނަރުހެއްވެސް ނެތް !

ކޮވިޑަށް ފައްސިވެފައިވާ މާބަނޑު އަންހެންމީހާ ވިހެއީ އެމްބިއުލާންސްގައި ކަމަށާއި، އޭރު އެމްބިއުލާންސްގައި ނަރުހެއްވެސް ނެތް ކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދީފިއެވެ. 'ދުވަސް' އަށް މައުލޫމާ...

03 Jun 2021 | 16:32

ކޮވިޑަށް ފައްސިވެފައިވާ މާބަނޑު އަންހެންމީހާ ވިހެއީ އެމްބިއުލާންސްގައި ކަމަށާއި، އޭރު އެމްބިއުލާންސްގައި ނަރުހެއްވެސް ނެތް ކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދީފިއެވެ.

'ދުވަސް' އަށް މައުލޫމާތު ދެއްވަމުން ދުވަހަށް މައުލުމާތު ހިއްސާކުރި ފަރާތުން ބުނެފައި ވަނީ، ވިހޭ އަންހެންމީހާ ދަރުމަވަންތަ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ކަމަށް ބުނެ އައިޖީއެމްއެޗް އިން ދީފައިވަނީ ދޮގު މައުލޫމާތެއް ކަމަށާއި މިހާރުވެސް އަންހެން މީހާ އޮތީ އައިޖީއެމްއެޗްގައި ކަމަށެވެ.

އެ ފަރާތުން ބުނެފައި ވަނީ، އަންހެންމީހާ ކޮވިޑަށް ފައްސިވެފައިވާކަން އެނގުމީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ކަމަށެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި، ކުއްޖާގެ ވިންދު ދައްވާތީ ދެފަހަރެއްގެ މަތިން އައިޖީއެމްއެޗް އަށް ގެންދިޔަ ކަމަށެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް 'ނޯމަލް' ކަމަށް ބުނެ ދޫކޮށްލާފައިވާ ކަމަށްވެސް ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުނެފައިވެއެވެ.

މިއަދު އެމްބިއުލާންސްއަށް ގުޅުމުން 10 ވަރަކަށް މިނެޓް ތެރޭގައި ގޮސްފައިވާކަން ފާހަގަކޮށް ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުނީ ވިހާފައި ވަނީ އެމްބިއުލާންސްގެ ތެރޭގައި ކަމަށެވެ.

ވިޔަފާރިިވެރިންގެ މިސްކިތާ ހިސާބަށް އެމްބިއުލާންސްއަށް ދެވުނުއިރު އަންހެން މީހާ ވިހާފައި ވާއިރު، އެވަގުތު އެމްބިއުލާންސްގައި ހުރި އަންހެން ކުއްޖެއް އެހީތެރިވެދީފައި ވެއެވެ. އެމްބިއުލާންސްއަށް ގުޅުމަށްފަހު އަންހެންމީހާގެ ހާލަތު ކިޔައިދީ، ވިހަން ތައްޔާރުވެފައި އިން ވާހަކަ ބުނި ނަމަވެސް ނަރުހެއް ފޮނުވާފައި ނުވާކަމަށް އެފަރާތުން ބުނެފައިވެއެވެ.

" ޕޭޝަންޓް އޮތީ ދަރުމަވަންތައިގަ އެއް ނޫން. ހަމަ އައިޖީއެމްއެޗްގެ ނޯމަލް ވޯޑްގައި އޮތީ" ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ.

ކޮވިޑަށް ފައްސިވެފައިވާ ފަރާތެއްކަމުން، އަދި 14 ދުވަސް ވެފައި ނުވާތީ އަންހެން މީހާ އޮތީ އެހެން ބަލިމީހުނާ ވަކިންނެވެ. އަދި އިތުރު މައްސަލައެއް ނޫޅޭނަމަ ދެ ދުވަސްތެރޭ ދޫކޮށްލާނެކަމަށް އައިޖީއެމްއެޗް އިން އާއިލާއަށް މައުލޫމާތު ދީފައިވާކަމަށް ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް