ސިފައިންގެ މަސްއޫލިއްޔަތު ބެލުމަށް ވަކި ވަކި ސިފައިންނާ ސުވާލެއް ނުކުރެވޭނެ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ހިންގާ އިންކުއަރީއަށް ފުރިހަމަ އަށް އެއްބާރުލުން ދޭނެ ކަމަށް އެމްއެންޑީއެފް އިން ނެރުނު ނޫސް ބަޔާނުގައި ވެއެވެ. އެމްއެންޑީއެފް އިން ބުނެފައި ވަނީ، އެ ސިފައިންގެ މަސްއޫލިއްޔަތު ބެލުމަށް ވަކިވަކި ސިފައިންނާ ސުވާލު ކުރުމުގެ ބަދަލުގައި އެކަމަކު އެ އިދާރާއަށް ޖަވާބުދާރީވާނީ މުޅި މުއައްސަސާގެ ފަރާތުން ކަމަށެވެ.
އެމްއެންޑީއެފް އިން ބުނެފައި ވަނީ، ގާނޫނު އަސާސީ ގައި ރައްޔިތުންގެ މަޖިލީހަށާއި މަޖިލީހުގެ ކޮމިޓީތަކަށް ލިބިދޭ ބާރުތައް ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން ކޮންމެ މީހަކަށްމެ އަދި ކޮންމެ މުއައްސަސާއަކަށްމެ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ނުވަތަ ކޮމިޓީއެއްގެ ސަބް ކޮމިޓީއަކަށް ހާޒިރުވެ ހެކިބަސްދިނުމަށާއި މަޖިލީހުން ބޭނުންވާ ކޮންމެ ލިޔެކިޔުމެއް ހުށަހެޅުމަށް އެންގިދާނެކަމުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އަދި ކޮންމެ މީހަކާއި ނުވަތަ ކޮންމެ މުއްސަސާއަކާ ރައްޔިތުންގެ މަޖިލީހުން ކުރާ ކޮންމެ ސުވާލަކަށްމެ އެމީހަކަށް ނުވަތަ މުއައްސަސާއަކަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބުދޭންވާނެ ކަމުގައިވެސް އެ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ނަމަވެސް ސަލާމަތީ ކޮންމެ ހިދުމަތެއްމެ ހިންގާންވާނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެލުމުގެ ދަށުން ކަމަށާއި އެ ވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ ކޮންމެ ސަލާމަތީ ހިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރަކު ޖަވާބުދާރީ ވާންވާނެ ކަމުގައި ގާނޫނު އަސާސީގެ 242 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު ސިފައިންގެ ކޮންމެ މީހަކު ވެސް އެ މީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިހްތިޔާރު ބޭނުން ހިފާ ގޮތާމެދު އަދި އެ މީހެއްގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާމެދު ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު ޖަވާބުދާރީވާން ޖެހޭނީ ޗީފް އޮފް ޑިފެންސް ފޯސްއަށް ކަމަށް ޤާނޫނުގައި ބުނާ ކަމަށެވެ.
އަދި ސިފައިންގެ މައްޗަށް ޗީފް އޮފް ޑިފެންސް ފޯސްއަށް ލިބިގެންވާ އެންމެހާ ޤާނޫނީ ބާރާއި އިޚަތިޔާރުގެ ބޭނުން ހިފާގޮތާ މެދުގައާއި އޭނާގެ މަސްއޫލިއްޔަތު އަދާކުރާގޮތާ މެދު ޖަވާބުދާރީވާން ޖެހޭނީ މިނިސްޓަރަށް ކަމަށް އެ ގާނޫނުގައި ބުނާއިރު ސިފައިންގެ މައްޗަށް މިނިސްޓަރަށް ލިބިގެންވާ އެންމެހާ ގާނޫނީ ބާރާއި އިހްތިޔާރުގެ ބޭނުން ހިފާގޮތާ މެދުގައާއި މިނިސްޓަރުގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާމެދު މިނިސްޓަރު ސިފައިންގެ އެންމެމަތީ ވެރިޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންވާނެ ކަމަށް އެ ގާނޫނުގައި ބުނެފައިވާ ކަމަށެވެ.
ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މައުލޫމާތެއް ސިފައިންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ފިޔަވައި އެހެން ފަރާތަކަށް ހިއްސާ ކުރުމަކީ ކުށެއް ކަމަށްވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެެވެ. ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތް ބެލުމަށްޓަކައި ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ ސިފައިންގެ އަސްކަރީ ހައިރާކީ އާއި ސިފައިންގެ "ޗެއިން އޮފް ކޮމާންޑް"އާއި "ކޮމާންޑް އެންޑް ކޮންޓްރޯލް" އަދި ސިފައިންގެ ތެރޭގައި ޒަމާނުއްސުރެ ގާއިމްކުރެވިފައި އޮތް އުސޫލުތަކާއި ހިލާފް ކަމެއް ކަމަށާ އަދި މިކަމުގެ ސަބަބުން މުޅި ގައުމީ ދިފާއީ ބާރާއި އެބާރުގެ އެކިއެކި ސަބޯޑިނޭޓް އެޗެލޯންތަކުގެ މައްޗަށް އޮންނަ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލި ސިފައިންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ އަދި މިކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ފޫނުބެދޭވަރުގެ ނުރައްކާތަކެއް ކުރިމަތިވާނެ ކަމެއް ކަަމަށްވެސް އެމްއެންޑީއެފްގެ ބަޔާނުގައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް