ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް އާއި މިނިސްޓަރު މާރިޔާ ބައްދަލު ކުރައްވައިފި

ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް އަޒީޒް އަޙްމަދު، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ އަރިހަށް އިޚްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ...

03 Jun 2021 | 09:36

ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް އަޒީޒް އަޙްމަދު، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ އަރިހަށް އިޚްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ބަންޑާރަކޮށީގައި ހުންނަ ސިފައިންގޭގެ މައި މަރުކަޒުގައެވެ.

ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ، ދެޤައުމުގެ ޒަމާންވީ އަސްކަރީ އަދި ދިފާޢީ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ބެހޭގޮތުންނެވެ. މިގޮތުން ބަންގްލަދޭޝްގެ އާރމްޑް ފޯރސަސް މެޑިކަލް ކޮލެޖުގައި ދިވެހި ޑޮކްޓަރުން ކިޔެވުމަށް ޖާގަ އިތުރުކުރުމާއި، އެޤައުމުގައި ދިވެހި ސިފައިން ތަމްރީނުކުރުމަށް އިތުރު ފުރުޞަތުތައް ހޯދުމާއި، އަދި އިންސާނީ ވަގުފާރިއާއި ދެކޮޅަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ އިތުރުން ކާރިސާތަކަށް އިޖާބަދިނުމަށް ހިންގޭ އޮޕަރޭޝަންތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވެވިއެވެ.

މިނިސްޓަރ މާރިޔާ ވަނީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ އިބްރާހިމް މުޙައްމަދު ޞޯލިޙްގެ ފަރާތްޕުޅުން ޝުކުރުއަދާ ކުރައްވާފައެވެ. އަދި ކޮވިޑްގެ މި ދަތި އުނދަގޫ ވަގުތުގައި، ރާއްޖެއަށް ޒިޔާރާތް ކުރެއްވީތީވެސް ޝުކުރުއަދާކުރެއްވެވިއެވެ.

މިބައްދަލުވުމުގައި ޖެނެރަލް އަޒީޒް ވަނީ، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ފަރާތްޕުޅުންނާއި އެޤައުމުގެ ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައިވެސް ރައީސް ޞާލިޙަށާއި ދިވެހި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ހެޔޮއެދުމާއި ސަލާމް ރައްދުކޮށްދެއްވާފައެވެ.

މިބައްދަލުވުމުގައި މިލިޓަރީ ސެކްރެޓަރީ ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދާއި، ޑީ.އައި.ޑީ.ސީގެ ޕްރިންސިޕަލް ޑިރެކްޓަރ ލެފްޓިނެންޓް ކާނަލް ހުޞައިން ފައިރޫޝާއި ޑިރެކްޓަރ އޮފް އެންޓި-ހިއުމަން ޓޮރެފިކިންގ ޢަލީ ޖައިޝަން ޢާމިރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް