ޗައިނާއިން މެލޭޝިއާގެ ސަރަޙައްދުގައި ކުރިއަށް ގެންދިޔަ ޝައްކު އުފެދޭ ފަދަ ވައިގެ އަސްކަރީ ހަރަކާތްތަކަކާއި ގުޅޭ ގޮތުން ސުވާލު ކުރުމަށް ޗައިނާގެ މަންދޫބު ޙާޟިރު ކުރަން މެލޭޝިއާއިން ނިންމާފައިވާ ކަމަށް މެލޭޝިއާގެ ޚާރިޖީ ވުޒާރާއިން ހާމަ ކޮށްފިއެވެ.
މެލޭޝިއާއިން މި ގޮތަށް ނިންމާފައި ވަނީ ޗައިނާގެ އަސްކަރިއްޔާއަށް ނިސްބަތްވާ 16 ވައިގެ އުޅަނދެއް މެލޭޝިއާގެ ވައިގެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކަކާއި ގުޅިގެންނެވެ.
މެލޭޝިއާއިން ޗައިނާގެ މަންދޫބާއި ސުވާލު ކުރަން ނިންމާފައި ވާއިރު، ޗައިނާއާއި ފިލިޕީންސްއާއި ދެމެދުވެސް މީގެ ދުވަސްކޮޅެއް ކުރިން ވަނީ ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ހިންގަމުން އަންނަ އަސްކަރީ ހަރަކާތްތަކަކާއި ގުޅިގެން ނުތަނަވަސްކަން އުފެދިފައެވެ. މެލޭޝިއާގެ ވައިގެ ސަރަޙައްދުގައި ޗައިނާއިން ކުރިއަށް ގެންދިޔަ އަސްކަރީ ޙަރަކާތްތައް ކަށަވަރު ކުުރުމުގެ ގޮތުން މެލޭޝިއާއިން ވަނީ އަސްކަރީ ޖެޓުތަކެއް އެ ސަރަޙައްދަށް ފޮނުވާ، ވިޝުއަލް ކޮންފަރމޭޝަން ޔަޤީން ކޮށްފައެވެ.އަދި މި ހޯދުންތަކުގެ އަލީގައި، ޗައިނާގެ އަސްކަރީ ވައިގެ އުޅަނދުތަކެއް މެލޭޝިއާގެ ބޯނިއޯއޭ ކިޔުނު ސަރަޙައްދު ކައިރިން އޮންނަ ސަރަވަކްއާއި 60 ނޯޓިކަލް މޭލު ކައިރިން ދަތުރު ކޮށްފައިވާ ކަން ވަނީ ކަށަވަރު ކުރެވިފައެވެ.
މި ހާދިސާއަކީ އެ ޤައުމުގެ ސިޔާދަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ސިފަ ކުރަމުން މެލޭޝިއާއިން ބުނެފައި ވަނީ މި ކަމުގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ ސަލާމަތަށް ވެސް ނުރައްކާ ވެފައި ވާ ކަމަށެވެ.މީގެ އިތުރަށް މެލޭޝިއާގެ ވައިގެ އަސްކަރިއްޔާއިން މައުލޫމާތު ދިން ގޮތުގައި، އެތައް ފަހަރެއްގެ މަތިން ސަރަޙައްދީ އެއަރ ޓްރެފިކް ކޮންޓްރޯލަރުންނާއި ގުޅުމަށް ޗައިނާގެ އުޅަނދުތަކަށް އިރުޝާދު ދީފައިވީ ނަމަވެސް، ޗައިނާއިން އެ ގޮތަށް އަމަލު ކޮށްފައެއް ނުވެއެވެ.
މެލޭޝިއާގެ ޚާރިޖީ ވަޒީރު ހިޝާމުއްދީން ޙުސައިން ވިދާޅުވެފައި ވަނީ، މި މައްސަލައިއާއި ގުޅިގެން އިޖްތިހާދު ކުރައްވާނެ ކަމަށާއި، ޗައިނާއިން މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ އަރިހުން ޖަވާބު ދާރީ ވުމަށް އައްސަވާނެ ކަމަށެވެ.މީގެ އިތުރުން، އެހެން ޤައުމުތަކާއި ގުޅުން ބަދަހި ކުރުމުގައި، އަމިއްލަ ޤައުމުގެ ސަލާމަތަށް ނުރައްކަލެއް އައިސްގެން ނުވާނެ ކަމަށްވެސް ޙުސައިން ވިދާޅުވިއެވެ.
ޗައިނާގެ އެމްބަސީއިން މިކަމާއި ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ޗައިނާގެ ވައިގެ އަސްކަރިއްޔާއިން ކުރިއަށް ގެންދިޔައީ އާންމު ކޮށް ކުރިއަށް ގެންދާ ތަމްރީނު ތަކެެއް ކަމަށާއި، މި ތަމްރީނުތަކުގައި އެއްވެސް ހާލެއްގައި އިންޓަރނޭޝަލް ލޯވއާއި ޚިލާފުވެފައި ނުވާނެ ކަމަށެވެ. އަދި މެލޭޝިއާގެ ވައިގެ ސަރަޙައްދަށް ވަދެފައިވާ ކަމަށް ކުރާ ތުޙުމަތު ޗައިނާގެ ބަޔާނުގައި ވަނީ ދޮގު ކޮށްފައެވެ.މީގެ އިތުރުން، ޗައިނާ އެމްބަސީގެ ތަރުޖަމާނު ވިދާޅުވީ، މެލޭޝިއާއާއި ޗައިނާގެ ދެމެދުގައި އޮންނަނީ ޒަމާންވީ ގާތް ގުޅުމެއް ކަމަށާއި، ދެ ޤައުމުގެ ދޭތެރޭގައި އޮތް ޚާރިޖީ ގުޅުން ދަމަހައްޓަން ޗައިނާއިން ބޭނުން ވާ ކަމަށެވެ. އަދި ޗައިނާގެ ވިސްނުން ހުރީ ދެ ޤައުމު ގުޅިގެން މި ސަރަޙައްދުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރުމަށް ކަމަށްވެސް ޗައިނާ އެމްބަސީގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.
މެލޭޝިއާގެ ވައިގެ އަސްކަރިއްޔާއިން އިތުރަށް މައުލޫމާތު ދޭ ގޮތުގައި،މެލޭޝިއާގެ ވައިގެ ސަރަޙައްދުން ދަތުރު ކުރި ޗައިނާ އުޅަނދުތަކުގެ ތެރޭގައި އިލްޔޫޝިން އިން-76 އަކާއި،ޖާން Y-20 އެއް ހިމެނެއެވެ.އަދި މި އުޅަނދުތަކުން ވަނީ "އިންޓްރެއިލް" ފޯމޭޝަންއަށް 27،000 ފީޓާއި 23،000 ފީޓުގެ ތިރިން ދަތުރު ކޮށްފައި ކަމަށްވެސް މެލޭޝިއާގެ ވައިގެ އަސްކަރިއްޔާއިން ހާމަ ކުރެއެވެ.
މެލޭޝިއާގެ އިތުރުން، ބުރޫނާއީ، ފިލިޕީންސް، ޓައިވާނާއި ވިއެޓްނާމަށް ނިސްބަތްވާ ގިނަ ރަށްތަކެއްވެސް މި ސަރަޙައްދުގައި އޮވެއެވެ.ނަމަވެސް މި ސަރަޙައްދުން ބޭރުގެ އުޅަނދެއް ފެނިއްޖެނަމަ، މިއީ ޗައިނާގެ ސަރަޙައްދު ކަމަށް ބުނެ ޗައިނާގެ ކޯސްޓު ގާޑުން އަންނަނީ އެ ބޯޓުތައް ފައްސާލަމުންނެވެ.
މިދިޔަ އަހަރުވެސް ތެޔޮ ހޯދުމަށް މަސައްކަތް ކުރާ އުޅަނދަކުން ވަނީ މެލޭޝިއާގެ އިޤްތިޞާދީ ސަރަހައްދުގައި އެއް މަސް ދުވަހަށް ދެމިގެން ދިޔަ ދިރާސާތަކެއް ކުރިއަށް ގެންގޮސްފައެވެ.މެލޭޝިއާއި ޗައިނާއާއި ދެމެދު މިހާރު މައްސަލަ ހޫނު ވެފައި ވާއިރު، ޗައިނާއާއި ފިލިޕީންސްއާއި ދެމެދުގެ ޚާރިޖީ ގުޅުން ހީނަރު ވަމުން އަންނަތާ މިހާރު ވަނީ މަހެއް ވެފައެވެ. ޗައިނާއާއި ފިލިޕީންސްއާއި ދެމެދުގެ މައްސަލަ ހީނަރު ވެގެން ދިއައީ، ޗައިނާގެ އެތައް ސަތޭކަ މަސްވެރިންެނެއް ފިލިޕީންސްގެ އިޤްތިޞާދީ ސަރަހައްދުން މަސްބާނަމުން ގެންދިއުމާއި ގުޅިގެން، ތަކުރާރު ކޮށް ޗައިނާއަށް އެ މައްސަލަތައް ހުށަހެޅި ނަމަވެސް ޗައިނާއިން އެކަމާއި އަޅާލާފައި ނުވާތީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް