ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދިޔަ ވާވޭގެ އާ އޮޕަރޭޓިން ސިސްޓަމް، "ހާމަނީ އޯއެސް" އިފްތިތާޙް ކޮށްފި

"ހާރމަނީ"ގެ ނަމުގައު ޗައިނާގެ ވާވޭ ޓެކްނޮލޮޖީސްއިން އައު އޮޕަރޭޓިންގ ސިސްޓަމެއް އިފްތިތާޙް ކޮށްފިއެވެ. އެ ކުންފުނިން މި އައު ސިސްޓަމް ބުދަ ދުވަހު އިފްތިތާހު ކޮށްފައި ވަނީ، އެމެރިކާއިން އެ ކުންފުންޏާއި...

03 Jun 2021 | 08:08

"ހާރމަނީ"ގެ ނަމުގައު ޗައިނާގެ ވާވޭ ޓެކްނޮލޮޖީސްއިން އައު އޮޕަރޭޓިންގ ސިސްޓަމެއް އިފްތިތާޙް ކޮށްފިއެވެ. އެ ކުންފުނިން މި އައު ސިސްޓަމް ބުދަ ދުވަހު އިފްތިތާހު ކޮށްފައި ވަނީ، އެމެރިކާއިން އެ ކުންފުންޏާއި މެދު އަޅާފައިވާ ދަތި ކުރުމުގެ ފިޔަަވަޅުތަކުގެ ސަބަބުން ކުރިމަތި ވެފައިވާ ގެއްލުންތަކުން އަރައިގަތުމުގެ މަޤްސަދުގައެވެ.

ވާވޭއިން މައުލޫމާތު ދޭ ގޮތުގައި،ވާވޭގެ މި އައު އޮޕަރޭޓިންގ ސިސްޓަމް ހޮވާލެވިފައިވާ މޮޑެލްތަކުގެ ފޯނުތަކުގައި ވަރަށް އަވަހަށް ބޭނުން ކުރަން ފެށޭވަރު ވާނެއެވެ.އޭރުން، އެ މޮޑެލްތަކުގެ ފޯނު ބޭނުން ކުރާ ފަރާތްތަކަށް ވާވޭއިން ގޫގުލް އެންޑްރޮއިޑް ޕްލެޓްފޯމަށް ބޭނުން ކުރަމުން އަންނަ އޮޕަރޭޓިން ސިސްޓަމުން މި އައު އޮޕަރޭޓިންގ ސިސްޓަމަށް ބަދަލު ކޮށްލާ، އައު އޮޕަރޭޓިންގ ސިސްޓަމްގެ އަޖުމަ ބަލާލުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް ވާވޭއިން ބުނެއެވެ.

ހަރމަނީ އޮޕަރޭޓިންގ ސިސްޓަމް ބޭނުން ކުރަން ފެށުމުން، ވާވޭއަށް ދެން ގޫގުލްއަށް މުޅިން ބަރޯސާވާކަށް ނުޖެހޭނެއެެވެ.އެމެރިކާއިން ވާވޭއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި، އެލްފެބެޓް އިންކ ގެ ގޫގުލްއޯއިން ވާވޭ ފޯނުގެ އައު މޮޑެލްތަކަށް ޓެކްނިކަލް ސަޕޯޓު ފޯރުކޮށް ދިނުން ވަނީ މަނާ ކުރެވިފައެވެ.މީގެ އިތުރުން، ގިނަ އެންޑްރޮއިޑް ފޯނުތައް މަސައްކަތް ކުރުމަށް ބޭނުންވާ ގޫގުލް މޯބައިލް ސަރވިސަސްގެ ޚިދުމަތް ވާވޭއަށް ފޯރު ކޮށްދިނުންވެސް ވަނީ މަނާ ކުރެވިފައެވެ.

ވާވޭގެ ހާރމަނީ އޯއެސް އުފައްދާފައި ވަނީ މޯބައިލް ފޯނުގެ އިތުރުން އެހެނިހެން ޑިވައިސްތަކުގައިވެސް ބޭނުން ކުރެވޭ ގޮތަށެވެ. އޭގެ ތެރޭގައި، ލެޕްޓޮޕާއި، ސްމާރޓު ގަޑިއާއި ކާރުގެ އިތުރުން ގިނަ ވައްތަރުތަކެއް ހިމެނެއެވެ.ހަރމަނީ އޯއެސްއަކީ ތަފާތު ގިނަ ޑިވައިސްތަކެއް ގުޅުވާލަދޭނެ ސިސްޓަމެއް ކަމުން، ވާވޭގެ ސޮފްޓްވެއަރ ޑިޕާޓްމެންޓްގެ ރައީސް ވާންގ ޗެންގލޫ ވިދާޅުވަނީ މި ސިސްޓަމްގެ ސަބަބުން ސުޕަރ ސިސްޓަމެއް އުފެދިގެން ދާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވާ ގޮތުގައި،މި އޮޕަރޭޓިންގ ސިސްޓަމް މަސައްކަތް ކުރާނީ ވަން ފައިލް ސިސްޓަމެއްގެ ގޮތުގައެވެ. އެހެން ކަމުން، މި ސިސްޓަމްއާއި ގުޅާލެވޭ ހުރިހާ ޑިވައިސެއް އެއް ޑިވައިސެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވެއެވެ.މިކަމުގެ ސަބަބުން، އާންމުކޮށް ތަފާތު ވައްތަރުގެ ޑިވައިސްތައް ކަނެކްޓު ނުވާ މައްސަލައަށް އެދެވޭ ހައްލެއް ލިބިގެން ދާނެ ކަމަށްވެސް ވާންގ ވިދާޅުވެއެވެ.

ހަރމަނީ އޮޕަރޭޓިންގ ސިސްޓަމްގެ އިތުރުން، ވާވޭއިން ވަނީ ޗައިނާގެ ޝެންޖާންގައި ހުންނަ އެ ކުންފުނީގެ ހެޑްކުއަރޓަރުން އިންޓަނެޓް މެދުވެރިކޮށް ކުރިއަށް ގެންދިޔަ މި ހަފްލާގައި އެހެން އައު އުފެއްދުންތަކެއްވެސް ތައާރަފް ކޮށްފައެވެ.މީގެ ތެރޭގައި ޓެބްލެޓަކާއި، ސްމާރޓު ގަޑިއެއްގެ އިތުރުން ސްޓައިލަސްއެއްވެސް ހިމެނެއެވެ.މި ހަފްލާގައި ވާވޭއިން ދައްކާލި ޕްރެޒެންޓޭޝަން ނިންމާލީ ވާވޭގެ ފްލެގްޝިޕް p50  ފޯނުގެ ޓީޒަރއެެއްވެސް ދައްކާލާފައެވެ.މިއާއިއެކު، ވާވޭގެ ސީއީއޯ ރިޗަރޑު ޔޫ ވިދާޅުވީ މި ފޯނު އިފްތިތާހު ކުރުން ކުރިން ކަނޑައަޅާފައިވާ މުއްދަތަށް ވުރެ ލަސްވަމުން ދަނީ "އެންމެންނަށް ވެސް އިނގޭ ސަބަބާއި ހުރެ" ކަމަށެެވެ.ވާވޭއިން މި ހަފްލާގައި އެއްވެސް އައު ފޯނެއް އިފްތިތާޙް ކޮށްފައެއް ނުވެއެވެ.

ވާވޭއިން މަސައްކަތް ކުރަމުން އަންނަނީ މި އައު އޮޕަރޭޓިންގ ސިސްޓަމް 100 މިލިއަން ފޯނުގައި ބޭނުން ކުރެވޭ ގޮތް ހަދާ، ތަރޑު ޕާޓީ ސްމާރޓު ޑިވައިސްތަކުގެ ތެރެއިން އިތުރު 200 މިލިއަން ޑިވައިސްތަކަށް މި އަހަރު ނިމުމުގެ ކުރިން ހާރމަނީ އޯއެސް ބޭނުން ކުރެވޭނެ ގޮތް ހެދުމަށެވެ.

ވާވޭއަކީ ޤައުމީ ސަލަމާތަށް ހުރި ނުރައްކަލެއް ކަމަށް ބުނެ އެމެރިކާއިން 2019 ވަނަ އަހަރު އެ ކުންފުންޏާއި ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އަޅާފައިވާ އިރު،ވާވޭއަކީ ޗައިނާގައި އެންމެ ފުޅާ ދާއިރާއެެއްގައި ޓެލެކޮމިއުނިކޭޝަން ޑިވައިސްތައް އުފައްދާ ކުންފުނިކަން ފާހަގަ ކޮށްލެވެއެވެ.މި މައްސަލައިގައި ވާވޭއިން ވަނީ ތަކުރާރުކޮށް އެމެރިކާގެ ތުހުމަތުތައް ދޮގު ކޮށްފައެވެ.އެމެރިކާއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން ވާވޭގެ ހޭންޑްސެޓްގެ ވިޔަފާރިއަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފައި ވެއެވެ.އެގޮތުން، ކުރިން ސްމާރޓް ފޯނު އުފައްދާ ކުންފުނިތަކުގެ ލިސްޓުގެ އެއްވަނައިގައި އޮތް ވާވޭ މިހާރު ވަނީ މި ލިސްޓުގެ 4 ވަަނައަށް ވެއްޓިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް