ހިލޭ ވެކްސިން ދޭން ކަމަށް ބުނެ ހުށައެޅީ ފޭކް ލިޔުންތަކެއް: ނަސީމް

ރަޝިޔާގެ ސްޕުޓްނިކް-ވީ ވެކްސިންގެ ފަސް ލައްކަ ޑޯޒް ހިލޭ ދިނުމަށް ދިވެހިރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ހުށައަޅާފައިވާ ކަމަށް ބުނާ ވާހަކަތަކެއް ވަނީ ފެންމަތިވެފައެވެ. ނަމަވެސް، ރަޝިޔާގެ ސްޕަޓްނިކް ވެކ...

03 Jun 2021 | 04:53

ރަޝިޔާގެ ސްޕުޓްނިކް-ވީ ވެކްސިންގެ ފަސް ލައްކަ ޑޯޒް ހިލޭ ދިނުމަށް ދިވެހިރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ހުށައަޅާފައިވާ ކަމަށް ބުނާ ވާހަކަތަކެއް ވަނީ ފެންމަތިވެފައެވެ.

ނަމަވެސް، ރަޝިޔާގެ ސްޕަޓްނިކް ވެކްސިން ގަތުމަށް ސަރުކާރުން މަސައްކަތް ކުރަނީ އެ ވެކްސިން ހިލޭ ހަދިޔާކުރުމަށް ކުންފުންޏަކުން ހުށައަޅާފައިވަނިކޮށް ކަމަށް ދެކެވޭ ވާހަކަތައް ހެލްތް މިނިސްޓަރ އަހްމަދު ނަސީމު ރޭ ދޮގުކުރައްވައިފިއެވެ.

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ ރަޝިއާގެ ސްޕަޓްނިކް ވެކްސިންގެ ފަސްލައްކަ ޑޯޒް ހަދިޔާކުރުމަށް ޑެލްޓަރ ޝިޕިން ނަމަކަށް ކިޔާ ކުންފުންޏަކުން މިނިސްޓްރީއަށް ސިޓީއަކުން އަންގާފައިވާކަމަށެވެ. މިހާ ބޮޑު އަދަދެއްގެ ވެކްސިން ހަދިޔާކުރުމަށް ހުށައެޅި ލިޔެކިޔުންތައް ލިބުމުން ޝައްކު އުފެދޭ ކަންކަނ ފާހަގަކުރެވިގެން ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެކަމުގެ ހަޤީގަތް ބެލިކަމަށް މިނިސްޓަރ ނަސީމު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ބެލި ބެލުމުން އެއީ ސައްހަ ނޫން ފޭކް ޑޮކިއުމެންޓްތަކެއް ކަން ރަޝިޔާ ސަރުކާރުން ހާމަކޮށްފައިވާކަމަށެވެ.

ނަސީމް ވިދާޅުވީ ވެކްސިން ފޯރުކޮށްދިނުމަށް އަމިއްލަ ފަރާތްތަކަށް ސަރުކާރުން ހުޅުވާލާފައިވާކަމަށެވެ. އެހެންނަމަވެސް މިކަމުގައި އިހްލާސްތެރިކަމާއި ތެދުވެރިކަމާއެކު ޤައުމަށް ކޮށްދޭ ކަމެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހޭކަމަށާއި މިފަދަ ޚަބަރުތަކަކީ ހަމައެކަނި މީސްމީޑިއާގައި ދައުރުކޮށްލާ ވާހަކަތަކަށް ނުހެއްދެވުމަށް މިނިސްޓަރ ނަސީމްވަނީ އިލްތިމާސްކުރެއްވިއެވެ.

ރަޝިޔާ ވެކްސިންގެ 2 ލައްކަ ޑޯޒްގަތުމަށް ސަރުކާރުން ވަނީ އެ ކުންފުންޏާއިއެކު އެއްބަސްވުން އެކުލަވާލާ އެ މަސައްކަތް ފައްޓަވާފައެވެ. މި ވެކްސިން އަދި ރާއްޖެއަށް ލިބިފައި ނުވިނަމަވެސް ވީ އެންމެ އަވަހަކަށް ވެކްސިން ރާއްޖެއަށް ފޮނުވުމަށް މަސައްކަތް ކޮށްދެއްވާނެކަން ރަޝިޔާގެ ފޮރިން މިނިސްޓަރ ސަރްގޭ ލަވްރޯފް ވަނީ ވިދާޅުވެފައެވެ. ރަޝިޔާގެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދިނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް