މަޝްހޫރު ބްރިޓިޝް ވޯގް މަޖައްލާގެ ބޭރު ގަނޑަށް މިފަހަރު މަލާލާ

މި ޖޫން މަހު، މަޝްހޫރު ބްރިޓިޝް ވޯގް މަޖައްލާގެ ބޭރު ގަނޑަށް އެރުމުގެ ޝަރަފު,ޕާކިސްތާނުގެ އެކްޓިވިސްޓު އަދި ނޮބެލް އިނާމްގެ ވެރިޔާ، މަލާލާ ޔޫސަފްޒައިއަށް ލިބިއްޖެއެވެ. އަންހެން ކުދިންނަށް ތަޢުލީމު ހޯދ...

03 Jun 2021 | 03:33

މި ޖޫން މަހު، މަޝްހޫރު ބްރިޓިޝް ވޯގް މަޖައްލާގެ ބޭރު ގަނޑަށް އެރުމުގެ ޝަރަފު,ޕާކިސްތާނުގެ އެކްޓިވިސްޓު އަދި ނޮބެލް އިނާމްގެ ވެރިޔާ، މަލާލާ ޔޫސަފްޒައިއަށް ލިބިއްޖެއެވެ.

އަންހެން ކުދިންނަށް ތަޢުލީމު ހޯދައިދިނުމުގެ މުހިންމު ކަމަށް ވަކާލާތު ކުރާ މަލާލާ އަންނަނީ ޕާކިސްތާނުގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި މައްސަލައާއި މެދު ވަކަލާތުކޮށް މީހުން ހޭލުންތެރި ކުރުވަމުންނެވެ. 2012 ވަނަ އަހަރު، އުމުރުން އެންމެ 15 އަހަރުގައި ޠާލިބާނުން ވަނީ މަލާލާ ގަޔަށް ބަޑި ޖަހާ، އޭނާ މަރާލަން މަސައްކަތް ކޮށްފައެވެ.

މި ހާދިސާއާއި ގުޅިގެން، ނަފްސާނީ ގޮތުންނާއި އެހެނިހެން ގޮތް ގޮތުން ދަތިތަކަކާއި ކުރިމަތި ލާން ޖެހުނު ނަމަވެސް،މަލާލާ އޭނާގެ އެކްޓިވިޒަމް މަޑު ޖައްސާފައެއް ނުވެއެވެ. އެކަން ބަލައިގަތުމުގެ ގޮތުން، ތަޢުލީމީ ދާއިރާއިން ނޯބެލް ޕީސް ޕްރައިޒް މަލާލާއަށް އަރުވާފައި ވަނީ 2014 ވަނަ އަހަރުގައެވެ. އަދި ސްކޮލަރޝިޕެއްގައި ، މިދިޔަ އަހަރު އޮކްސްފޯރޑު ޔުނިވަރސިޓީން މަލާލާ ވަނީ އޭނާގެ ޑިގްރީ ފުރިހަމަ ކޮށްފައެވެ.

ވޯގަށް ދިން އިންޓަރވިއުގައި، މަލާލާ ވަނީ އޭނާގެ އެކްޓިވިޒަމްގެ އިތުރުން، ދީނާއި ގުޅޭ ގޮތުންނާއި ޕްރޮޑިއުސަރެއްގެ ގޮތުގައި ކުރިއަރަމުން އަންނަ އޭނާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ގޮތުން ގިނަ ވާހަކަތަކެއް ހިއްސާ ކޮށްފައެވެ.ވޯގް މަޖައްލާގެ ބޭރުގަނޑުގައިވާ މަލާލާގެ ފޮޓޯއިން ފެންނަ ގޮތުގައި، މަލާލާ ހުރީ އޭނާ އާންމުކޮށް އަޅާ ސްޓައިލަށް، ރަތް ކުލައިގެ ޝޯލެއް ބޮލުގައި އަޅައިގެންނެވެ. މަލާލާ ބުނާ ގޮތުގައި، މި ޝޯލް ރަމްޒު ކޮށްދެނީ އޭނާގެ ސަޤާފީ އަސްލު ކަމުގައިވާ،ޕާކިސްތާނުގެ ޕާޝްޓުންއެވެ.

ޕާޝްތުންއަކީ، ޕާކިސްތާނުގެ 15 އިންސައްތަ ހިއްސާ ކުރާ ދަރިކޮޅެވެ.އޭނާ އިތުރަށް ބުނީ، މުސްލިމު އަންހެން ކުދިން ނުވަތަ ޕާޝްޓުން އަންހެން ކުދިންނާއި  ޕާކިސްތާނުގެ އަންެހެން ކުދިން ބޮލުގައި ނިވާވާން އަޅާ ފޮތިގަނޑުގެ ސަބަބުން، ގިނަ މީހުން ދެކޭ ގޮތުގައި އެކުދިން ތިބެނީ އަޅުވެތި ވެފައި ކަމަށެވެ. ނުވަތަ ފިރިހެނުންގެ ބާރުވެރި ކަމުގެ ދަށުގައި ކަމަށެވެ.

މިފަދަ މީހުންނަށް މަލާލާ ބުނެލަން އޮތީ، އަމިއްލަ ސަޤާފީ އާދަކާދައިގެ ތެރެއިންވެސް އަމިއްލަ 'އަޑު' ހޯދޭނެ ކަމަށާއި، ސަޤާފަތުގެ ތެރެއިން ހަމަހަމަކަން ލިބިގަތުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.

މަލާލާ ޔޫސަފްޒައި އޮކްސްފޯރޑު ޔުނިވަރސިޓީން ތައުލީމު ހާސިލް ކުރީ ސިޔާސީ، އިޤްތިޞާދީ އަދި ފަލްސަފާގެ ދާއިރާއިންނެވެ. އޭނާ ސިފަ ކުރާ ގޮތުގައި، މަތީ ތައުލީމު ހާސިލް ކުރަން އެ ޔުނިވަރސިޓީގައި ހޭދަ ކުރެވުނު މުއްދަތަކީ އޭނާގެ ހަޔާތުގައިވެސް މިހާތަނަށް ކުރިމަތިވި އެންމެ އުފާވެރި ދުވަސްތައް ކަމަށެވެ.އެއީ، އޭގެ ކުރިން، އެއް އުމުރެެއްގެ ކުދިންނާއިއެކު އުޅުމުގެ ފުރުސަތު އޭނާއަށް ލިބިފައި ނުވާތީ ކަމަށާއި، އޮކްސްފޯޑުގައި ހޭދަ ކުރި ދުވަސްވަރު، އެއް އުމުރެއްގެ ކުދިންނާއި ގުޅުން ބަދަހި ވުމުގެ އިތުރުން، އޭނާއަށް މުޅި ދުނިޔޭގައި ދަތުރު ކޮށްލުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ.

އަދި"އައި އޭމް މަލާލާ: ދަ ގަރލް ހޫ ސްޓުޑް އަޕް ފޯރ އެޑިއުކޭޝަން އެންޑް ވޯސް ޝޮޓް ބައި ޠާލިބާން" ( އަހަންނަކީ މަލާލާ: ތައުލީމަށްޓަކައި ތެދުވީތީ ޠާލިބާނުން ބަޑި ޖެހި އަންހެން ކުއްޖާ) މި ނަމުގައި އޭނާގެ އަމިއްލަ ފޮތް ޝާޢިއު  ކުރުމަށާއި، ގިނަ ވީޑިއޯތަކެއް ޕްރޮޑިއުސް ކުރުމުގެ ފުރުސަތުވެސް މި ދުވަސްވަރު  ލިބުނީތީ އޭނާ އުފާ ކުރާ ކަމަށް މަލާލާ ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް