ރޯކޮށްލި އިރާނު ބޯޓުން 115 ކިލޯގެ މަސްތުވާތަކެތި ފެނުނު: ފުލުހުން

ހއ. އިންނަފިނޮޅު ފަރަށް މިދިޔަ ބުރާސްފަތި ދުވަހު އުރުނު އީރާނު ބޯޓުން މިހާތަނަށް 115 ކިލޯގްރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުންނާއި ސިފައިން ގުޅިގެން ބޭއްވި ނޫސްވެރިނ...

03 Jun 2018 | 15:11

ހއ. އިންނަފިނޮޅު ފަރަށް މިދިޔަ ބުރާސްފަތި ދުވަހު އުރުނު އީރާނު ބޯޓުން މިހާތަނަށް 115 ކިލޯގްރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ސިފައިން އެ ބޯޓް އޮތް ސަރަހައްދަށް ދިއުމުން މަސްތުވާތަކެތި ނައްތާލުމަށް ޓަކައި ބޯޓުގައި ރޯކޮށްލައިފައިވާތީ ސީދާ އަދަދު ދެނެގަނެވޭގޮތް އަދި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ މަސްތުވާތަކެތި ނައްތާލަން އަލިފާން ރޯކޮށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާތީ، އެއިން ސީޒް ކުރެވޭ ޕިޔޯ ކޮންޓެންޓް ކުޑަވީމަ ސީދާ އަދަދެއްގެ އެއްޗެހި އެ ބޯޓުގައި ހުރިކަން ނޭނގޭތީ  މިހާރު ވެސް ދަނީ އިތުރަށް އެ ސަރަހައްދު ބަލައި ފާސްކުރަމުން ކަމަށެވެ.

އެކަމަކު މިހާތަނަށް އެއްކުރެވުނު މަސްތުވާތަކެތީގެ ތެރޭގައި 14 ބާވަތެއް ފެނިފައިވާ ކަމަށެވެ. އެއީ އެ އަތޮޅުގެ ރަށްތަކަށް ލެއްކި މަސްތުވާތަކެއްޗެވެ. ޝިފާން ވިދާޅުވީ އޭގެ ތެރޭގައި ހިމެނެނީ އުލިގަމަށް ލެއްގި މަސްތުވާތަކެއްޗާއި މޮޅަދޫއަށް ލެއްގި 300 ގްރާމްގެ މަސްތުވާތަކެތި އަދި އިހަވަންދޫ އަށް ލެއްގި ދެ ގްރާމުގެ މަސްތުވާތަކެތީގެ އިތުރުން ދެ ފަޅު ރަށަކުން 4.2 ކިލޯގެ މަސްތުވާތަކެތި ލައްގާފައި ވަނިކޮށް ފެނިފައިވާ ކަމަށެވެ.

ޝިފާން ވިދާޅުވީ، މިއީ ރާއްޖެ އަށް ޚާއްސަ ކޮށްގެން އެތެރެކުރި މަސްތުވާތަކެތި ކަމަށް ނުބެލެވޭ ކަމަށެވެ. އެ ބޯޓުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާގޮތް ތަހުގީގު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވިސްނާލީމަ ގަބޫލެއް ނުކުރެވޭ މިހާ ބައިވަރު އެއްޗެހި ދިވެހިރާއްޖެ އަށް ގެނައުން. ނުވަތަ މީގެން ކޯއްޗެއްތޯ ރާއްޖެ ގެންނާނީ. ވޭތުވެދިޔަ ތަނުގައި އަޅުގަނޑުމެން ބަލާފައިވާ މައްސަލަތަކާ މި މައްސަލަ އަޅާ ކިޔަންޏާ އަޅުގަނޑުމެންނަށް އެއްވެސް ވަރަކަށް ގަބޫލެއް ނުކުރެވޭ މިއީ ދިވެހިރާއްޖެ އަށް ގެނައި މަސްތުވާތަކެތި ކަމަކަށް،" ޝިފާން ވިދާޅުވި އެވެ.

އެމްއެންޑީއެފް ކޯސްޓްގާޑްގެ ޕްރިންސިޕަލް ޑައިރެކްޓާ މުހައްމަދު ސަލީމް ވިދާޅުވީ މިދިޔަ ހަފްތާއަކީ މޫސުން ގޯސް އަދި ގިނަ އޮޕަރޭޝަންތަކެއް ހިންގި ދުވަސްވަރަކަށް ވީތީ އެ ބޯޓް ފަރަށް އަރައިގެން ރިޕޯޓް ލިބުނުއިރު އެމްއެންޑީއެފްގެ އުޅަނދެއް އެ ސަރަހައްދަކު ނެތް ކަމަށެވެ. އެހެންވެ އެ ބޯޓު ކައިރިއަށް ދިއުމަށް ބޭނުން ކުރީ ހޯރަފުށީގައި އޮތް ސީ އެމްބިއުލާންސް އެވެ. ސަލީމް ވިދާޅުވީ ހާދިސާއެއް ދިމާވެއްޖެ ނަމަ ސިފައިން އަމަލުކުރާ ގޮތަކީ އެންމެ ފަސޭހައިން ދެވޭ އުޅަދެއްގައި އެ ސަރަހައްދަށް ދިއުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް