ކުޅުދުއްފުށީ ކުޅިން ހިއްކި ބިމަށް އިތުރަށް ފަސް އަޅަން ޖެހިއްޖެ

ހދ. ކުޅުދުއްފުށީ އެއާޕޯޓު އެޅުމަށް އެ ރަށު ކުޅިން ހިއްކި ބައި ހަރު ނުވާތީ އަލުން ކުޅީގެ އަޑީގައި ހުރި ޗަކަ ނަގައި ފަސް އަޅަން ޖެހިއްޖެ އެވެ. އެމްޓީސީސީގެ ޕްރޮޖެކްޓްސް ޖެނެރަލް މެނޭޖަރު މުހައްމަދު ހުޝާ...

03 Jun 2018 | 13:16

ހދ. ކުޅުދުއްފުށީ އެއާޕޯޓު އެޅުމަށް އެ ރަށު ކުޅިން ހިއްކި ބައި ހަރު ނުވާތީ އަލުން ކުޅީގެ އަޑީގައި ހުރި ޗަކަ ނަގައި ފަސް އަޅަން ޖެހިއްޖެ އެވެ.

އެމްޓީސީސީގެ ޕްރޮޖެކްޓްސް ޖެނެރަލް މެނޭޖަރު މުހައްމަދު ހުޝާމް މިއަދު ވިދާޅުވީ ކުޅިން ހިއްކި ބައި އެކަށީގެންވާ ވަރަށް ހަރުނުވާތީ އަލުން އެބައި ކޮނެ، ޗަކަތައް ނަގައި އެ ތަނަށް އިތުރަށް ވެލި އެޅުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެކަމަކު މިހާރު ހިއްކާފައި އޮތް ސަރަހައްދަށް ވުރެ އިތުރަށް ކުޅީގެ އެއްވެސް ބައެއް ނުހިއްކާނެ ކަމަށެވެ.

ހުޝާމް ވިދާޅުވީ މިހާރު ކުރިއަށްދާ މަސައްކަތަކީ ފަސްގަނޑު ހަރުނުވެ ހުރި ބައެއް ސަރަހައްދުތަކުން އަލުން ފަސް ނަގައި އެ ފަސްގަނޑުގެ އަޑީގައި ހުރި ޗަކަތައް ނެގުމުގެ މަސައްކަތް ކަމަށެވެ. އޭނާ ވިދާޅުވީ ކުރިން ޗަކަ ނަގާފައި ހުރީ ތިލަކޮށް ނަމަވެސް މިފަހަރު ބައެއް ދިމާތަކުން ވަރަށް ފުންކޮށް ޗަކަ ނެގުމަށްފަހު އެ ތަންތަނަށް ފަސް އަޅާނެ ކަމަށެވެ.

"އަޅުގަނޑުމެން ކުރިން ހީކޮށްގެން ތިބީ ދެތިން ފޫޓަށް ޗަކަ ނަގައި، އެތަނަށް ފަސް އެޅީމައި ބޭނުންވާ ވަރަށް ހަރުވާނެއޭ. އެކަމަކު އެ ވަރަށް ހަރެއް ނުވޭ. އެހެންވެ، މިހާރު އެބަޖެހޭ ހަތް ފޫޓު އަށް ފޫޓަށް ކޮނެ ޗަކަތައް ނަގަން،" ހުޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލުން ޗަކަ އަޅަން ޖެހުނަސް މަސައްކަތް އިތުރަށް ލަސް ނުވާނެ ކަމަށާއި ކަނޑައެޅިފައިވާ ތާރީހަށް އެއާޕޯޓުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

ކުޅުދުއްފުށީ އެއާޕޯޓޫ އެޅުމަށް ޖުމްލަ 15 ހެކްޓަރުގެ ބިން ވަނީ ހިއްކާފައި އެވެ. އެއީ ފަޅުން ހަ ހެކްޓަރު އަދި ކުޅިން ނުވަ ހެކްޓަރުގެ ބިމެވެ. ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ކުރަނީ ދައުލަތުގެ ބަޖެޓުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް