އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި އެވެ.
މި މައްސަލައިގަ ދެ ފަނޑިޔާރުންނަށްވެސް އިއްވާފައިވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ކޯޓުން ވަނީ އެ އަދަބު މާ ބޮޑު ކަމަށް ކަނޑައަޅައި އަދަބު ލުއިކޮށްދީފަ އެވެ. އެގޮތުން އެ އަދަބު ދެ ދަރަޖަ ދަށްކުރުމުން މިހާރު އަދަބަކަށް ވާނީ އެއް އަހަރާއި ދެ މަހަށް ޖަލަށް ލުމެވެ.
މި މައްސަލާގައި އިސްތިއުނާފްގެ ހުރިހާ މަރުހަލާތައް ނިމޭއިރު، ދަށު ކޯޓުން ހުކުމް ދަމަހައްޓައިފި ނަމަ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ފަނޑިޔާރުކަމުން ވަކިވާނެ އެވެ. އެއީ ދާދި ފަހުން ރައްޔިތުންގެ މަޖިލީހުން ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހުގައި ވާގޮތުން ޖިނާއީ ކުށެއް ސާބިތުވެއްޖެ ނަމަ ފަނޑިޔާރުކަން ގެއްލޭނެ އެވެ.
މި ދައުވާގެ އިތުރުން އެ ދެ ބޭފުޅުންގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާގެ އިތުރުން އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާ އުފުލާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް