އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ބިދޭސީންނާއި ގުޅޭ ހަރުކަށި ސިޔާސަތުތައް އާންމު ކުރައްވައިފި އެވެ.
އުމަރު ފޭސްބުކުގައި އާންމު ކުރައްވަމުން ގެންދަވާ ސިޔާސަތުތަކަށް އާންމުން ހިޔާލު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި އެވެ. މިހާތަނަށް ގެދޮރާއި، މަތީތައުލީމާއި ގުޅޭ ސިޔާސަތު ވަނީ އާންމު ކުރައްވާފައި އެވެ.
އުމަރު ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލު ކުރަން އޭނާއަށް ބޭނުންވަނި ރިޔާސީ ފަސް އަހަރުގެ ތެރެެއިން ތިން އަހަރު ކަމަށެވެ. އުމަރު ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ 40،000 އަށްވުރެ ގިނަ ބިދޭސީން އަލުން ރަޖިސްޓްރީވުމުގެ ފުރުސަތު ދޭނެ ކަމަށެވެ. އެ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ހުރިހާ ބިދޭސީން އަނބުރާ ފޮނުވާލާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
މީގެ އިތުރުން ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިމިގްރޭޝަންގެ ދައުރަކީ ބިދޭސީންނާއި ގުޅޭ ކަންކަމުގައި ހަމައެކަނި ވިސާ ދިނުމާއި ވިސާ ކެންސަލް ކުރުން ކަމަށް ހަދައި ބިދޭސީންނަށް ކޯޓާ ކަނޑައަޅައި ކޯޓާ ދޫކުރުން އިކޮނޮމިކް މިނިސްޓްރީއަށް ބަދަލު ކުރާނެ ކަމަށް ވިދާޅުވި އެވެ. އަދި ބިދޭސީން އެތެރެކުރުމުގެ ޒިންމާ ނަގާނީ ރެކްރޫޓިން އެޖެންސީތަކުންކަމަށްވެސް ވިދާޅުވި އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި އަނބުރާ ފޮނުވާލުމަށްޓަކައި ފުލުހުންނާއި އިމިގްރޭޝަން އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ހިމެނޭ ވަކި ޔުނިޓެއް އުފައްދާނެ އެވެ. އަދި މި ޕްރޮޖެކްޓު ނިންމުމަށް ފަހު މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ބިދޭސީންނަށް ހާއްސަ ތަނެއްގެ ގޮތުގައި ގުޅީފަޅު ތަރައްގީ ކުރާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
"އަދި ނިޒާމުގެ ތެރޭގައި ހުރި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ނައްތާލުމަށްޓަކައި މުޅި ނިޒާމް އޮންލައިން ނިޒާމަކަށް ބަދަލުކުރާނަން. ބިދޭސީން ގެނައުމަށް ސަރުކާރަށް ދައްކާ ޑިޕޮޒިޓް ފައިސާ ބިދޭސީ މީހާ ފުރާތާ 72 ގަޑިއިރުގެ ތެރޭގައި ސަރުކާރުން އަނބުރާ ދޭނެ. ބިދޭސީންގެ ވިސާ ފީ އަށް ލިބޭ ފައިސާ ޚަރަދު ކުރާނީ ރާއްޖޭގެ އިންޑަސްޓްރީތަކަށް ބޭނުންވާ މީހުން ތަމްރީނު ކުރުމަށް،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ މި މަސައްކަތް ވެރިކަމުގެ ފުރަތަމަ 100 ދުވަހުގައި ފަށާނެ އެވެ. މި ފަދަ ސިޔާސަތެއް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ރައީސް އަބްދުﷲ ޔާމީންވެސް ގެންގުޅެނެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ދެ ވެރިކަމުގައިވެސް ރަޖިސްޓްރީވުމަށް ފުރުސަތު ދިނެވެ. އެކަމަކު ބިދޭސީންގެ ތެރެއިން ރަޖިސްޓްރީ ވަނީ މަދު ބައެ ކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް