ސްނެހާ އިލާލް ފެނިގެން ގޮސްފައިވަނީ ބޮލީވުޑްގެ ދެތިން ފިލްމަކުންނެވެ.
އޭގެ ތެރެއިން އެންމެ މަޝްހޫރުވީ 2005 ވަނަ އަހަރު ރިލީޒް ކުރި ސަލްމާން ހާން އާއި އެކު ކުޅެފައިވާ "ލަކީ" އެވެ. އެ ފިލްމު ކާމިޔާބީ ތަކެއް ހޯދި ނަމަވެސް ސްނެހާއަށް ބޮލީވުޑްގައި ފުރުސަތުތައް ނުލިބުމުން އޭނާ ޓެލެގޫ ފިލްމުތައް ކުޅެންފަށައި ބޮޑު ކާމިޔާބީތަކެއް ހޯދި އެވެ. ބޮލީވުޑްގައި އޭނާ މަޝްހޫރުވީ އައިޝްވާރިއާ ރާއީ ބަންޗަން އާއި ވައްތަރު ކަމުންނެވެ. އެކަމަކު ފަހުން އޭނާ ބޮލީވުޑާއި ޓެލެގޫ ފިލްމީ ދާއިރާއިން ވަނީ ގެއްލިފަ އެވެ.
އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން ސްނެހާ ބުނީ 2014 ވަނަ އަހަރުން ފެށިގެން އޭނާ ފިލްމު ކުޅުމާއި ދުރަން ދާންޖެހުނީ ހަށިގަނޑުގެ ދިފާއީ ނިޒާމާއި ލެއަށް ޖެހޭ ބައްޔެއް ޖެހިގެން ކަމަށެވެ. އެ ބަލި ޖެހުމުން އޭނާގެ ވިސްނުމާއި ހިޔާލުތައް ރަނގަޅުވިޔަސް ހިނގާބިނގާ އުޅޭވޭހާ ހަކަތަ އޭނާގެ ހަށިގަނޑުގައި ނުހުންނަ ކަމަށް ބުންޏެވެ.
ސްނެހާ ބުނީ އެ ބަލީގެ ސަބަބުން ގިނަވެގެން އޭނާއަށް ކޮޅަށް ހުރެވެނީ 40 މިނިޓް ކަމަށެވެ. އެހެންވެ ފިލްމު ކުޅުމާއި ދުރަށް ގޮސް ފަރުވާ ހޯދީ ކަމަށެވެ. އެކަމަކު މިހާރު އެ ބަލިން ސަލާމަތްވެ، އަލުން ފިލްމު ކުޅެން ފަށަން ތައްޔާރު ވަމުންދާ ކަމަށް އޭނާ ބުންޏެވެ.
އެގޮތުން މިހާރު ޓެލެގޫ ފިލްމަކަށް ސޮއިކޮށް، މަސައްކަތް ފަށާފައިވާއިރު، އަންނަ އޮކްޓޯބަރު މަހު ބޮލީވުޑްގެ ފިލްމެއްގެ މަސައްކަތްވެސް ފަށާނެ ކަމަށް އޭނާ ބުންޏެވެ. އެ ކަމަކު އެ ފިލްމާ ބެހޭ މައުލޫމާތު އޭނާ ހާމައެއް ނުކުރެ އެވެ.
ސްނެހާ ވަނީ ޓެލެގޫ ފިލްމު އިންޑަސްޓްރީ، ޓޮލީވުޑްގައި 10 ށް ވުރެ ގިނަ ފިލްމު ކުޅެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް