ބައެއް ގައުމުތަކުގެ ޓުވީޓުތަކާއި މެދު ކަންބޮޑުވޭ: ދުންޔާ

ބައެއް ގައުމުތަކުން ކުރާ ޓްވީޓްތަކާ މެދު ކަންބޮޑުވާ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ. ފޮރިން މިނިސްޓަރު ދުންޔާ އާއި ހަވާލާ ދީ މިއަދު ފޮރިންގ މިނިސްޓްރީގެ ރަސްމީ ޓުވިޓާ އެކައު...

03 Jun 2015 | 12:02

ބައެއް ގައުމުތަކުން ކުރާ ޓްވީޓްތަކާ މެދު ކަންބޮޑުވާ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓަރު ދުންޔާ އާއި ހަވާލާ ދީ މިއަދު ފޮރިންގ މިނިސްޓްރީގެ ރަސްމީ ޓުވިޓާ އެކައުންޓުން ކޮށްފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ "ޝަރުއީ މަރުހަލާގެ ކަންކަމަށް ސަރުކާރުން ނުބެހޭނެ" ކަމަށެވެ. އަދި ދެ ވަނަ ޓުވީޓްގައި ވިދާޅުވެފައި ވަނީ ގާނޫނާ އެއްގޮތަށް އިންސާފު ލިބިދެވޭނެ ކަމަށެވެ.

"އަހަރެމެންގެ ގާނޫނުތަކާއި ގާނޫނު އަސާސީއާ އެއްގޮތަށް އިންސާފު ލިބިދެވޭނެ. ކުށުގެ އަމަލުތަކާއި ހަމަނުޖެހުމަށް ޖާގައެއް ނުދެވޭނެ،" ދުންޔާ ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީގެ ޓްވީޓްގައި ބުނެފައިވެ އެވެ.

https://twitter.com/MDVForeign/status/606054266126528512

https://twitter.com/MDVForeign/status/606055016416178176

ދުންޔާ މިހެން ވިދާޅުވެފައިމިވަނީ ސްރީލަންކާގައި ހުންނަ އެމެރިކާ އެމްބަސީގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓަކާއި ގުޅިގެންނެވެ. އެ ޓުވީޓުގައި ބުނެފައިވަނީއިދިކޮޅު ތިން ލީޑަކު ހައްޔަރު ކުރުމުން ކަންބޮޑުވާކަމަށެވެ. އަދި ޑިމޮކްރަސީއަށް ދިވެހި ރައްޔިތުންގެ ހިތުގައި އިތުބާރު އުފެދޭތަން ދެކެން ބޭނުންވާ ކަމަށް ވެސް އެ ޓްވީޓްގައި ބުނެފައިވެ އެވެ.

https://twitter.com/USEmbSL/status/605788778066669570

އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި ޖޭޕީ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމް އަދި ޖޭޕީގެ ކައުންސިލް މެންބަރު ސޮބާހު ރަޝީދުގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ މިދިއަ މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދިއަ މުޒާހަރާގައި އަނިޔާވެރިކަމަށް ހިތްވަރުދޭ ގޮތަށް ވާހަކަ ދެއްކުމުން މުޒާހަރާގެ ބައިވެރިން ފުލުހުންގެ ބެރިކޭޑް ފަޅާލައި، އަނިޔާވެރި އަމަލުތަކެއް ހިންގުމުން ކަމަށް ބުނެ އެވެ.

އެ މައްސަލާގައި އިމްރާނުގެ ޝަރީއަތް ރޭ ފަށާފައިވާ އިރު އޭނާ ވަނީ ދައުލަތުން އުފުލި ދައުވާއަށް އިންކާރު ކުރައްވާފަ އެވެ. އަމީނާއި ސޮބާހުގެ ޝަރީއަތް ރެޔަށް ތާވަލު ކުރި ނަމަވެސް އެމީހުން ރޭއްޖޭގައި ނޫޅުއްވާތީ ޝަރީއަތް ބޭއްވޭ ގޮތް ވަނީ ނުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް