ރާއްޖޭގެ ރަސްމީ ރިޒާވް 53 އިންސައްތައަށް އިތުރުވެއްޖެ

ރާއްޖޭގެ ރަސްމީ ރިޒާވް މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި 53 އިންސައްތަ އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ބުނެފި އެވެ. އެމްއެމްއޭއިން މަހަކު އެއް ފަހަރު ނެރޭ އިގްތިސާދީ ރިވިއުގައ...

03 Jun 2015 | 08:06

ރާއްޖޭގެ ރަސްމީ ރިޒާވް މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި 53 އިންސައްތަ އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ބުނެފި އެވެ.

އެމްއެމްއޭއިން މަހަކު އެއް ފަހަރު ނެރޭ އިގްތިސާދީ ރިވިއުގައި ބުނެފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް 664.7 މިލިއަން ޑޮލަރަށް އިތުރުވެފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 53 އިންސައްތަ އިތުރު އަދަދެއް ކަމަށް ބުންޏެވެ.

އެމްއެމްއޭއިން ކުރިން ބުނެފައި ވަނީ ބޭރު ފައިސާގެ ރިޒާވް އިތުރުވާ މައިގަނޑު ސަބަބަކީ ބޭންކްތަކުން ބަހައްޓާ އިންވާޑް ޓްރާންސްފާސް މަތިވުން ކަމަށެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރިޒާވްގައި ހުރި މިންވަރުން ފުދެނީ ހަތަރު މަސް ދުވަހަށެވެ.

އެމްއެމްއޭއިން ބުނިގޮތުގައި ބޭރު ފައިސާގެ އެކި މުއާމަލާތްތަކަށް ވަގުތުން ވަގުތަށް އެތަނުގައި ބޭނުންކުރަން ހުންނަ ބޭނުންކުރާ ރިޒާވްގެ މިންވަރަކީ 204.4 މިލިއަން ޑޮލަރެވެ. މިއީ މަހުން މަހަށް ބަލާއިރު ފަހެއް އިންސައްތައިގެ ކުރިއެރުމެއް ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ. އަދި އަހަރުން އަހަރަށް ބަލާއިރު އެއީ 50 އިންސައްތަ އިތުރު އަދަދެެއް ކަމަށް އެމްއެމްއޭއިން ބުންޏެވެ.

ބޭރު ފައިސާގެ ރަސްމީ ރިޒާވަކީ ގައުމުގެ މާލީ ހާލަތު އަންގައިދޭ ވަރަށް މުހިންމު މިންގަނޑެކެވެ. އާއްމުކޮށް ބޭރު ފައިސާގެ ރިޒާވްގައި މަދުވެގެން ތިން މަސް ދުވަހަށް ބޭނުންވާ ކާބޯތަކެތި އިމްޕޯޓްކުރެވޭ މިންވަރަށް ހުންނަން ޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް