ރައީސް ކަމަށާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހު މދަމާ އޮންނަ މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.
ސަރުކާރު ކޯލިޝަންގެ ފަރާތުން ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ހުށަހަޅުއްވާފައިވާ އެ އިސްލާހުގެ ބިލުގެ ފުރަތަމަ ކިއުން މާދަމާގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވަސް، އިބްތިދާއީ ބަހުސްގެ މަރުހަލާ ކުރިއަށް ދާނީ މާދަމާގެ ޖަލްސާގައި އެ ބިލު ބަލައި ގަތުމަށް ފާސްވެއްޖެ ނަމައެވެ.
ގާނޫނު އަސާސީގެ 109 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ރައީސުލް ޖުމްހޫރިއްޔާ ކަމަށާއި ނާއިބް ރައީސް ކަމަށް ކުރިމަތިލެވޭނެ އެންމެ ހަގު އުމުރަކީ 30 އަހަރު ކަމަށެވެ. މިހާރު ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށާއި ނައިބް ރައީސް ކަމަށް އިންތިހާބު ކުރެވޭ މީހެއްގެ އުމުރަކީ 35 އަހަރު ކަމަށެވެ.
އަދި މުހައްމަދު އިސްމާއިލް ހުށަހެޅުއްވި އިސްލާހުގައި ވަނީ 65 އަހަރުވުމުން ރައީސް ކަމަށާއި ނާއިބް ރައީސް ކަމަށް ކުރިމަތި ނުލެވޭނެ ކަމަށެވެ.
މުހައްމަދު ވަނީ މީގެކުރިން ވެސް މިފަދަ އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފައެވެ. އެގޮތުން މުހައްމަދު އޭރު ހުށަހެޅުއްވި އިސްލާހަކީ 65 އަހަރުވުމުން ވެރިކަމަށް ކުރިމަތި ނުލެވޭ އިސްލާހެވެ. ނަމަވެސް އެ އިސްލާހު ފަހުންވަނީ ނަންގަވައިފަ އެވެ.
އެ އިސްލާހު މަޖިލީހުން ފާސްވެއްޖެ ނަމަ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމަށް ރިޔާސީ އިންތިހާބުގައި ދެން ވާދައެއް ނުކުރެވޭނެ އެވެ. އަދި މި އިސްލާހު ފާށްކުރުމުގެ މަރުހަލާގައި ނައިބް ރައީސް އަކީ ރައީސްކަމުގެ މަގާމުގައި ހުންނަ މީހަކު ބޭޏުންވެއްޖެ ހިނދެއްގައި ވަކި ކުރެވޭ މީހަކަށް ހެދުމުގެ އިހުތިޔާރުވެސް ލިބިގެންދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް