500 އަށްވުރެ ގިނަ ދުވަސް ފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިވަނީ މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާފައެވެ.
މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ނޫސްވެރިކަމުން މިނިވަންކަމުގެ ދުވަސްކަމުގައިވާއިރު މިއަދު މި ނޫސްވެރިންގެ ބައްދަލުވުން ބާއްވާނެ ކަމުގައި ރައީސުލްޖުމްހުރިއްޔާ ވަނީ ދުރާލާ އިޢުލާނުކޮށްފައެވެ.
ހެނދުނު 10:00 ގައި ފެށި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އެންމެ ފުރަތަމަ ނޫސްވެރިންނަށް ޕްރެޒެންޓޭޝަނެއް ދެއްވިއެވެ. ދެ ގަޑިއިރަށް ކުރިއަށްދިޔަ އެ ޕްރެޒެންޓޭޝަންގައި ސަރުކާރުގެ ސިޔާސަތުތަކާއި ކުރައްވާނެ ކަންކަމުގެ ތަފްސީލު ވަރަށް ތަފްސީލީ ގޮތެއްގައި ރައީސް ހިއްސާކުރައްވަމުން ގެންދެވިއެވެ.
އެއަށްފަހު މެންދުރު ނަމާދަށް މެދުކަނޑާލުމަށްފަހު އަލުން ނޫސްވެރިންގެ ބައްދަލުވުން ފަށައި ސުވާލު ކުރުމުގެ ފުރުޞަތު ނޫސްވެރިންނަށް ހުޅުވާލިއެވެ.
ހުޅުވާލި އެ ފުރުޞަތުގައި ދުވަސް ނޫހުގެ މެނޭޖިން އެޑިޓަރ އަޒްމީ އަލީ ކުރި ސުވާލަކީ މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ ޢަދަދު ސަރުކާރުން ހާމަ ނުކުރަނީ ކީއްވެތޯ އާއި އަދި އެ ޢަދަދަކީ ކޮބައިތޯ ކުރި ސުވާލެވެ.
"ރައީސް ވިދާޅުވެއްޖެ އެއްވެސް ބޭކާރު ސިޔާސީ މީހަކު އައްޔަންކޮށްފައި ނުވާނެ ކަމަށް، އަދި ހަމަ އެހެންމެ ވިދާޅުވެއްޖެ މަޢުލޫމާތު ހާމަ ކުރުމަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާ ކަމަށް، އެހެންކަމަށް ވަންޏާ ސިޔާސީ މުވައްޒަފުންގެ ޢަދަދު ސަރުކާރުން ހާމަނުކުރަނީ ކީއްވެތޯ؟ އަދި އެ ޢަދަދަކީ ކޮބައިތޯ؟" އަޒްމީގެ ސުވާލުގައި އަހާފައިވެއެވެ.
ޖަވާބުގައި ރައީސް ވިދާޅުވީ އެ މަޢުލޫމާތު ރައީސްގެ އަތްޕުޅުގައި މިވަގުތު ނެތް ކަމަށާއި ފަހުން ހާމަކުރައްވާނެ ކަމަށެވެ.
ހަމަ އެ ސުވާލު އެހެން ނޫސްވެރިއަކުވެސް ތަކުރާރު ކުރިއެވެ. އަދި އަބަދުވެސް އެ މަޢުލޫމާތު ފަހުން ދެއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައި އެ މަޢުލޫމާތު ހިއްސާކުރަން ސަރުކާރުން ދެކޮޅު ހަދާކަން އެ ނޫސްވެރިޔާވެސް ފާހަގަކުރިއެވެ.
ނަމަވެސް ރައީސްގެ ތަކުރާރު ޖަވާބަކަށް ވީ ފަހުން އެ މަޢުލޫމާތު ހާމަކުރައްވާނެ ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައްޔާއި އަދި އެއަށްފަހުވެސް ރައީސް ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަރުކާރެއްގައި ސިޔާސީ މުވައްޒަފުންގެ ޢަދަދު 700 އިން މަތި ނުކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް އެ ޢަދަދު އެތައް ގުނައެއް މަތި ކަމުގެ ތުހުމަތު މިއަދާ ހަމައަށް ކިތަންމެ ވަރަކަށް ކުރި ނަމަވެސް އެ މަޢުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޖަވާބުދާރީ ވުމުގައި ބެކްއެންޑްގައި ކެބިނެޓްގެ މެންބަރުން ތިއްބެވިކަން ހާމަކަން ބޮޑު ގޮތެއްގައި އެނގޭއިރު، ރައީސަށް ކުރިމަތިވާ އެކި އެކި ސުވާލުތަކަށް ޖަވާބުދެއްވާއިރު ނަމްބަރުތަކާއި ޕަސެންޓޭޖްތަކާއި ތަފާސް ހިސާބުތައް ރައީސް ވަރަށް ފަރިތަކަމާއެކު ހިއްސާ ކުރައްވަމުން ގެންދެވިއެވެ. ރައީސަށް ހަމަ ހިލާ ނޭނގޭ އަދަދަކަށް ވެގެންދަނީ ސިޔާސީ މުވައްޒަފުންގެ ޢަދަދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް