ބައެއް ފިރިން "ވަރި" މި ބަސް ބޭނުންކުރަނީ އިންޒާރުދީ ބިރުދައްކަން އަނބިންގެ ބޯމައްޗަށް ދިއްކުރާ ހަތިޔާރެއްގެ ގޮތުގައި: ޚުޠުބާ

ބައެއް ފިރިން "ވަރި" މި ބަސް ބޭނުންކުރަނީ އިންޒާރުދީ ބިރުދައްކަން އަނބިންގެ ބޯމައްޗަށް ދިއްކުރާ ހަތިޔާރެއްގެ ގޮތުގައި ކަމުގައި މިއަދު ހުކުރު ޚުޠުބާގައި ބުނެފިއެވެ. މިއަދު ހުކުރު ޚުޠުބާގެ މަޢުލޫ އަކީ "...

03 May 2024 | 08:49

ބައެއް ފިރިން "ވަރި" މި ބަސް ބޭނުންކުރަނީ އިންޒާރުދީ ބިރުދައްކަން އަނބިންގެ ބޯމައްޗަށް ދިއްކުރާ ހަތިޔާރެއްގެ ގޮތުގައި ކަމުގައި މިއަދު ހުކުރު ޚުޠުބާގައި ބުނެފިއެވެ.

މިއަދު ހުކުރު ޚުޠުބާގެ މަޢުލޫ އަކީ "ވަރި" އެވެ.

މި މަޢުލޫގައި މިއަދު ހުކުރު ޚުޠުބާގައި، ކައިވެންޏަކީ މާތް الله ދެއްވާ ނިޢުމަތެއް ކަމާއި އެކަލާނގެ އަޅުތަކުންނަށް ލައްވާ ރަޙުމަތެއް ކަމާއި އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ހެތްކެތް ކަމާއި އެކަލާނގެ ރަޙުމަތްވަންތަކަމުގެ ތެރޭގައި، މުނާސަބު ގޮތެއްގައި އަންހެން ޖިންސު ހެއްދެވިކަމާއި އެއީ އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަމާއި، ލޯތްބާއި، އޯގާވެރިކަން ލިބިގަތުމަށެވެ. ފިރިހެނަކު އަންހެނަކާ ކައިވެނި ކުރާނީ އެ އަންހެން މީހާ ދެކެވާ ލޯބިން ނުވަތަ ހިތުގައި އުފެދޭ ކުލުނެއްގެ ސަބަބުން، ނުވަތަ އެއަންހެން މީހާގެ ފަރާތުން ދަރިންލިބުމަށް އެދިގެންކަމާއި އަދި މިކަންކަމުގައި ވިސްނާ ފިކުރުކުރާ ބަޔަކަށް ޢިބުރަތްތަކެއް ވާކަން ފާހަގަކުރިއެވެ.

"އަނބިމީހާއާއި ފިރިމީހާވެސް ކާވެނީގެ ޢަޤްދަށް ރައްކާތެރިވާންވާނެ، އެކަކު އަނެކަކުގެ ޙައްޤުތަކަށް ރައްކާތެރިވާންވާނެ، ކަންމިހެންއޮތްކަމުގައިވީނަމަވެސް ބައެއް ފިރިން އެ ގަދަފަދަ ވެގެންވާ ޢަހުދާ މެދު ފަރުވާކުޑަކޮށް މާތް الله ދެއްވި ނިޢުމަތަށް ފުރަގަސްދީ ކާފިރުވެ، ވަރި މިބަހަށް ފަރުވާ ކުޑަ ކުރަނީ ކީއްވެ؟،  ބައެއް ފިރިން އަނބިމީހާގެ ބޯމައްޗަށް ދިއްކުރާ ހަތިޔާރަކަށް މި ބަސް ހަދައި، ހުރިހާ ހިނދެއްގައި އަނބިންނަށް އިންޒާރު ދެމުން ގެންދޭ، ކަނބުލޭގެ މިވެނިކަމެއް ކޮށްފިނަމަ، އަދި މިވެނިކަމެއް ދޫކޮށްލައިފިނަމަ ނުވަތަ މިވެނިތަނަކަށް ގޮސްފިނަމަ ތިއިނީ ވަރިކޮށްފައޭ، ބުނޭ، މީގެ އިތުރަށް މައިންބަފައިންނާއި ވާހަކަ ދައްކާ އެ މީހުން ދިރިއުޅޭ ތަނަކަށް ގޮސްފިނަމަ ތިއިނީ ވަރިކޮށްފައޭ ބުނޭ، މިގޮތުން މަޖަލަކަށް ބުނާ ބަސްބަހުންނާއި އޮޅުވާލުމަށް ބުނާ ބަސްތަކުންނާއި އެނޫން ވެސް ގޮތްގޮތަށް ވަރިކުރޭ، އިސްލާމް ދީނުގައި ވަރިކުރުމުގެ ބާރު ފިރިމީހާއަށް ދީފައިވަނީ ބޭނުންވާ ކޮންމެ ވަގުތަކު އަނބިމީހާއަށް އެބަހުން އިންޒާރު ދިނުމަކަށް ނޫން" ހުކުރު ޚުޠުބާގައި ބުނެފައިވެއެވެ.

ރާއްޖޭގެ ތަފާސް ހިސާބުތަކަށް ބަލައިލާ ހުކުރު ޚުޠުބާގައި ފާހަގަކޮށްފައިވާގޮތުގައި ފާއިތުވީ ތިން އަހަރުގެ ތެރޭގައި ފެމެލީ ކޯޓަށް ވަރިވުމަށް އެދި ތިން ހާސް އަށްސަތޭކަ ވިހި ވަރި ހުށަހަޅާފައިވެއެވެ. ދެހާސް އެކާވީހު ގައި އެގާރަ ސަތޭކަ ނުވަދިހަ ތިންވަރި، ދެހާސް ބާވީހުގައި ތޭރަ ސަތޭކަ ސާޅީސް ހަ ވަރި، ދެހާސް ތޭވީހުގައި ބާރަ ސަތޭކަ އައްޑިހަ އެއްވަރި ރަޖިސްޓްރީ ކުރެވިފައިވާކަމަށް ފެމެލީ ކޯޓުގެ މަޢުލޫމާތުތަކުން ދައްކައެވެ. މި މަޢުލޫމާތުތަކުން އެނގޭގޮތުގައި ޢާންމުކޮށް ވަރިކުރުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ލޯތްބާއި އޯގާތެރިކަން ކުޑަވުމާއި، ހަޑިހުތުރު ބަހުން ވާހަކަ ދެއްކުމާއި، ޒުވާބު ކުރުމާއި، ތަޅައި އަނިޔާ ކުރުމާއި، މަސްތުވާތަކެތި ބޭނުން ކުރުމާއި، ޝައްކު ކުރުމާއި، އިތުބާރު ނުކުރުމާއި، ޒިންމާދާރުކަން ކުޑަވުމާއި، މިޒާޖު ތަފާތުވުމާއި، ދޮގުވާހަކަތައް ދައްކައި ބަދުނާމު ކުރުމާއި، ޢާއިލީ ގުޅުންތައް ނުބޭއްވުމާއި، ދީނީ ކަންކަމަށް ފަރުވާ ކުޑަކުރުމާއި، ޙައްޤުތައް ބަރާބަރަށް އަދާނުކުރުމާއި، ޤަވާޢިދުން ޚަރަދު ނުކުރުމާއި، ދަރިން ކުރިމަތީގައި ތަޅައި އަނިޔާކުރުން ހިމެނެއެވެ.

ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކުގައި  ވަރަށް ތާކުންތާކު ނުޖެހޭ ސަބަބުތަކުގައި ބައެއް ފަހަރަށް ޢާއިލީ ގުޅުމުގައި ނިމުމުގެ ސިއްކަ ޖެހިފައިވާކަމަށާއި ދެމަފިރިންގެ މެދުގައި މައްސަލަ ޖެހި، ޚިޔާލު ތަފާތުވުން އުފެދޭ ޙާލަތުގައި، ކެތްތެރިވެ ރުޅީގެ މައްޗަށް ބުއްދި އިސްކޮށް ނަބަވީ އިރުޝާދުގައި ބަޔާން ކޮށްފައިވާ ގޮތަށް ޢަމަލު ކުރުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެއްކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. އަދި ބައެއް މީހުން ދެމަފިރިންގެ މެދުގައި ފިތުނައިގެ އަލިފާން ރޯކުރާކަމާއި މުސްލިމުންގެ ގޯތި ގެދޮރު ހަލާކުކޮށް، ދެމަފިރިން ދެމެދު ފަސާދަ ކުރާކަމާއި މިކަމުގެ ސަބަބުން ޢާއިލާތައް ބިކަވެ މައިން ބަފައިންގެ ލޯބިން ދަރިން، މަޙްރޫމުވާކަންވެސް ފާހަގަކޮށްފައިވެއެވެ.

ހުކުރު ޚުޠުބާގައި ފާހަގަކޮށްފައިވާގޮތުގައި ދެމަފިރިންގެ މެދުގައި މައްސަލައެއް އުފެދިއްޖެނަމަ އެ މައްސަލައެއް ޙައްލު ކުރާނީ އެދެމަފިރިންނެވެ. ނުވަތަ  ދެމަފިރިން އިތުބާރުކުރާ މީހަކާ މަޝްވަރާ ކޮށްގެންނެވެ.

ހުކުރު ޚުޠުބާގައި އިތުރަށް ބުނެފައިވާގޮތުގައި ދެމަފިރިންގެ މެދުގައި ގުޅުން ގޯސްވެ އެއްވެސް ޙައްލެއް ނުފެނިއްޖެނަމަ، ވަރި ހުއްދަވާނެ ކަމާމެދު ޝައްކެއް ނެތެވެ. ނަމަވެސް އަނބިމީހާ ބޭނުމެއް ނެތި ވަރިއަށް އެދުމަކީ ދީނުގައި ނަހީ ކުރައްވާފައިވާ ކަމެވެ. ވަރިއަކީ ދަރިން ބިކަވެ، ތަރުބިއްޔަތު ނުކުރެވި، މަގުމަތިވެ މަގުން ކަސިޔާރުވުމުގެ ސަބަބެކެވެ. ވަރިވުމާއެކު ޢާއިލީ ގުޅުންތައް ކެނޑި، ހިތްތަކުގައި ނުރުހުން އުފެދި، ކޮންމެ މީހަކުވެސް އަނެކަކަށް ގެއްލުންދީ އޭނާގެ ކިބައިންބަދަލު ހިފުމަށް މަސައްކަތް ކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް