މަޖިލީހުގައި ލިބުނު ފަހި އަގުލަބިއްޔަތާއެކު ނޫސްވެރިކަމުގެ ދަތިތައް ހައްލުކޮށްދޭނަން: ރައީސް މުއިއްޒު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރަށް ލިބުނު ބޮޑު ކާމިޔބީއާއި ލިބުނު ފަހި އަގުލަބިއްޔަތާއެކު ނޫސްވެރިންންނާއި މިނިވަން ނޫސްވެރިކަމަށް ހުރި ދަތިތަކަށް ހައްލު ހޯއްދަވައިދެއްވާނެކަމުގައި ރައީ...

03 May 2024 | 06:37

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރަށް ލިބުނު ބޮޑު ކާމިޔބީއާއި ލިބުނު ފަހި އަގުލަބިއްޔަތާއެކު ނޫސްވެރިންންނާއި މިނިވަން ނޫސްވެރިކަމަށް ހުރި ދަތިތަކަށް ހައްލު ހޯއްދަވައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންމިދާ ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ފޮނުއްވި ޚިޠާބުގައެވެ.

ދިވެހި އެންމެހައި ނޫސްވެރީންނަށް، ތަހުނިޔާއާ މުބާރަކްބާދު އަރިސްކުރައްވަމުން، ނޫސްވެރީންގެ އަގުހުރި އަދި ބުރަ މަސައްކަތަށް ޝުކުރާއި ތާރީފު ތަކުރާރު ކުރައްވަމުން އެ ޚިޠާބުގައި ރައީސް ވިދާޅުވެފައިވަނީ ޤައުމެއްގެ ދެމިއޮތުމާއި ކުރިއެރުމުގައި ނޫސްވެރީންގެ ބައިވެރިވުމާއި ޚިދުމަތް، ވަރަށް މުހިންމު ކަމަށާއި ރެޔާއިދުވާލު ހިނގަމުންދާ ކަންކަމުގެ ޚަބަރު ހޯދައި ފޯރުކޮށްދިނުމާއި، މުޖުތަމަޢު ހޭލުންތެރިކުރުވުމާއި، ސަރުކާރާއި ރައްޔިތުންނާ ދެމެދު ގުޅުވައިދިނުމާއި، ދައުލަތުގެ ކަންކަން ހިނގާ ނުހިނގާގޮތް ރައްޔިތުންނަށް ބުނެދިނުމާއި، ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމުގައިވެސް ނޫސްވެރީންގެ ދައުރު އަދާކުރުން ބޭނުންތެރި ކަމަށެވެ.

" އިންތިޚާބީ ރައީސެއްގެ ގޮތުގައި އަޅުގަނޑު އެންމެ އިސްކަން ދިން އެއްކަމަކީ، ދިވެހި ނޫސްވެރީންނާއެކު ގުންޒަރެއް ބާއްވައި، ނޫސްވެރީންގެ އަޑު އެހުން، ރިޔާސީ ދައުރު ފެށުމަށްފަހު، ނޫސްވެރީންނާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވެސް ވަނީ ބައްދަލުވުމެއް ބާއްވައިފައި، މި ބައްދަލުވުންތަކުގައި ނޫސްވެރީން ދެއްވި ޚިޔާލުތަކާއި، ފާހަގަކުރެއްވި ކަންކަން ވަނީ ނޯޓުކޮށްފައި، ނޫސްވެރީންގެ ހުށަހެޅުންތަކާއި އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދޭނަން" ރައީސް ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ލިބޭ އެއްޗަކުން ދެކޮޅު ޖެހޭނެ އާމްދަނީއެއް ހޯދަން އޮތް ދަތިކަން ކަމުގައި ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދައުލަތުގެ ބަޖެޓުން ނޫސްމީޑިއާތަކަށް ކަނޑައެޅޭ ވަކި ޢިނާޔަތެއް ދިނުމަށް މި ސަރުކާރުން ވާނީ އިސްނަގައިފައި ކަމަށާއި ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރާ އަޣްލަބިއްޔަތެއް އޮތް ރައްޔިތުންގެ މަޖިލީހަކާއެކު އިރާދަކުރެއްވިއްޔާ މި އިސްނެގުމުގައި ޙަޤީޤީ ކުލަ ޖެހިގެންދާނެކަމަށެވެ.

މީގެ އިތުރުން، ނޫސްވެރީން މަސައްކަތްކުރާނެ އޮފީސް ޖާގަ އަގުހެޔޮކޮށް ލިބޭނެ މީޑިއާ ވިލެޖެއް ބިނާކުރުމާއި، އެކި ދާއިރާތަކުން ތަޢުލީމާއި ތަމްރީނުގެ ފުރުޞަތު މީޑިއާތަކަށް އިތުރުކޮށްދިނުމާއި، ޚަބަރު ފެތުރުމުގެ ދާއިރާ ކުރިއަރުވަން އުފައްދާފައިވާ ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި ދިވެހި ނޫސްވެރީންނާ ގުޅުން ބަދަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރާނެކަމުގައިވެސް ރައީސް ވިދާޅުވެފައިވެއެވެ.

"އާމްދަނީ ލިބުމަށް އޮތް ދަތިތަކުގެ ސަބަބުން، ރޭޑިއޯ ޚަބަރު ފެތުރުމާއި، ޗާޕުކޮށްގެން ނޫސް މަޖައްލާ ނެރުން ރާއްޖޭގައި ހުއްޓެމުން ދާތީ ސަރުކާރުން ކަންބޮޑުވޭ، ސަރުކާރުގެ އަމާޒަކީ، ޓީވީ، ރޭޑިއޯ، ކަރުދާސް އަދި އިންޓަރނެޓާއި ޒަމާނީ ޓެކްނޮލޮޖީއާއެކު ކުރިއަރަމުން އަންނަ ހުރިހާ ބާވަތެއްގެ ނޫސްވެރިކަމަށްވެސް ފަހި މާޙައުލެއް ރާއްޖޭގައި ދެމެހެއްޓުން" ރައީސްގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.

އެ ޚިޠާބުގައި ފާހަގަކުރައްވާފައިވާގޮތުގައި ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު، މީސްމީޑިއާގެ މަންސަތައް އިތުރުވެ، ނުފޫޒު ގަދަވެ، ކޮންމެ މީހަކު ބޭނުންވާ ޚަބަރާއި މަޢުލޫމާތާއި ޝުޢޫރުތައްވެސް މުޅި މުޖުތަމަޢަށް ކުޑަވަގުތުކޮޅެއްގެ ތެރޭގައި ފޯރުކޮށްދިނުމުގެ ފުރުޞަތު މިއަދު އެބައޮތެވެ. މިފަދަ ހާމަކަން ބޮޑު، ހުޅުވައިލެވިފައިވާ ދުނިޔެއެއްގައި ތެދު މަޢުލޫމާތު ފެތުރުމަކީ، ކޮންމެ ފަރުދެއްގެ އިންސާނީ އަދި ޤައުމީ ޒިންމާއެކެވެ. ދޮގާއި ތެދު ހިމެނޭހެން ކެނޑިނޭޅި މަޢުލޫމާތު އޮހެމުންދާ މި ޒަމާނުގައި، ލިބޭ ކޮންމެ ޚަބަރަކާމެދު ފުންކޮށް ވިސްނުމާއި، ކޮންމެ ކަމެއްގެ ޙަޤީޤަތްވެސް ހޯދައިބެލުމަށްވެސް، އެންމެން ސަމާލުވާން ޖެހޭ ކަމަށާއި އެއީ، ދުލުން ނުވަތަ ގަލަމުން ކޮށްލެވޭ ޒަޚަމެއްގެ ސަބަބުން އަޅާ ވޭނާއި، އުފެދޭ ނުތަނަވަސްކަމުން، އަންދާޒާ ނުކުރެވޭވަރުގެ ބޮޑެތި ގެއްލުން މުޖުތަމަޢަށް ލިބިގެން ދިޔަ ނުދިނުމަށްޓަކައިކަން ފާހަގަކުރައްވާފައިވެއެވެ.

ރައީސްގެ ޚިޠާބުގައި އިތުރަށް ވިދާޅުވެފައިވަނީ ނޫސްވެރީންގެ ޤައުމީ މަސްއޫލިއްޔަތާއި ވާޖިބު، ހެޔޮ ގޮތުގައި އިޚްލާޞްތެރިކަމާއެކު އަދާކޮށްދިނުންމަތީ ދެމިތިބުމާއި، ޤައުމު ބިނާކޮށް، ޙާލަތު ރަނގަޅުކޮށް، ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންދިޔުމަށް ފަށާފައިމިވާ ދަތުރުގައި ސަރުކާރާއި، ނޫސްވެރީންނާއި، ޚިދުމަތްތެރީންނާއި، ހުރިހާ ރައްޔިތުންވެސް އަތުގުޅާލައިގެން އެއްބައިވަންތަކަމާއެކު ކުރިއަށް ދިޔުމަކީ ރައީސްގެ އެދިލެއްވުމެއް އަދި އިލްތިމާސެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް