އިނގިރޭސި ރަސްކަމަށް އިސްވެވަޑައިގެންނެވި ރަސްގެފާނު ޗާލްސް ތިނެއް ރަސްމީކޮށް ތަހުތުގައި ވެޑުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގަންނަވާނެކަމުގައި ސަރުކާރުން ހާމަކޮށްފިއެވެ.
އެގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް މިރޭ ލަންޑަނަށް ފުރާވަޑައިގަންނަވާނެ ކަމަށެވެ. އަދި މި ދަތުރުފުޅުގައި ރައީސް، ކޮމަންވެލްތުގެ ލީޑަރުންގެ އިވެންޓާއި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ލަންޑަނަށްދާ ހާރިޖީ ފަރާތްތަކާއެކު ކުރިއަށްދާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވާނެކަމުގައިވެސް މިއުވާން ވިދާޅުވެފައިވެއެވެ.
އިނގިރޭސި ރަސްކަމުގެ ތަހުތަށް ރަސްމީ ގޮތުން ޗާލްސް ތިނެއް ވެޑުވުމުގެ ރަސްމިއްޔާތު އޮންނާނީ މި މަހުގެ ހައެއް ވާ ހޮނިހިރު ދުވަހުގައެވެ. އެ ރަސްމިއްޔާތުގައި ޗާލްސްގެ އަނބިކަނބަލުން ރާނީ ކެމީލާވެސް ތަހުތުގައި ވެޑުވުން ކުރިއަށްދާނެއެވެ.
ކުލަގަދަ ރަސްމިއްޔާތެއްގެ ގޮތުގައި މި ރަސްމިއްޔާތު ކުރިއަށްގެންދާއިރު، ޗާލްސް ތިނަކަށް ރަސްގެފާނުގެ ސިޔާދަތީ ބާރު ރަސްމީކޮށް ހަވާލުކުރުމާއި އިސްތަށިފުޅުގައި ތާޖު އެޅުވުން އޮންނާނީ މި ރަސްމިއްޔާތުގެ ތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް