"މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2022"އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

"މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2022" އަށް ކުރިމަތިލުމުގެ ފުރުސަތު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހުޅުވާލައިފިއެވެ. މިއީ ބްރޯޑްކާސްޓިން ދާއިރާއަށް ހާއްސަކޮށްގެން ބްރޯޑްކޮމްއިން އަލަށް ދޭން ނި...

03 May 2022 | 17:34

"މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2022" އަށް ކުރިމަތިލުމުގެ ފުރުސަތު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހުޅުވާލައިފިއެވެ.

މިއީ ބްރޯޑްކާސްޓިން ދާއިރާއަށް ހާއްސަކޮށްގެން ބްރޯޑްކޮމްއިން އަލަށް ދޭން ނިންމާފައިވާ އެވޯޑެކެވެ.

ބްރޯޑް ކޮމް އިން ބުނީ މި އެވޯޑް ދޭން ނިންމާފައިވަނީ، ދިވެހިރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީ އާލާކޮށް ދަމަހައްޓާ އަދި ޤައުމު ބިނާކުރުމާއި، އެކި ދާއިރާތަކުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މައުލޫމާތު މުއްސަނދި ކުރުމުގައި ބްރޯޑްކާސްޓިންގ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަދާކުރާ މުހިއްމު ދައުރުގެ އަގުވަޒަންކޮށް، މި ސިނާއަތުގެ ތަރައްޤީއަށް މަގުފަހިކޮށް ހިތްވަރު ދިނުމުގެ ގޮތުންކަމަށެވެ.

އެގޮތުން ޓީވީ ސްޓޭޝަންތަކާއި އެ ތަންތަނުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންގެ އިތުރުން ބްރޯޑްކާސްޓިން ދާއިރާ އަށް ހިދުމަތް ކޮށްދީފައިވާ ފަރާތްތަކަށް އެވޯޑް ދޭނެއެވެ. މީގެ އިތުރުން ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް ވެސް އެވޯޑް ދޭނެއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ދާއިރާތައް:

އެންމެ މޮޅު ޑޮކިއުމެންޓަރީ ޕްރޮގްރާމް

އެންމެ މޮޅު ކަރަންޓް އެފެއާޒް ޕްރޮގްރާމް

އެންމެ މޮޅު މުނިފޫހިފިލުވުމުގެ ޕްރޮގްރާމް

އެެންމެ މޮޅު ކުޑަކުދިންގެ ޕްރޮގްރާމް

އެންމެ މޮޅު ޑޭޓައިމް ޕްރޮގްރާމް

އެންމެ މޮޅު ދީނީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމް

އެންމެ މޮޅު ކުޅިވަރު ޕްރޮގްރާމް

އެންމެ މޮޅު ތިމާވެށި ޕްރޮގްރާމް

އެންމެ މޮޅު އުފެއްދުންތެރި ޕްރޮގްރާމް

އަހަރުގެ އިޖްތިމާއީ ޕްރޮގްރާމް

އަހަރުގެ އެންމެ މޮޅު ކެމްޕެއިން (އިޖްތިމާޢީ ކެމްޕޭން އަދި މާރކެޓިންގ ކެމްޕޭން)

އެންމެ މޮޅު ނިއުސް އެންކަރ

އަހަރުގެ ނޫސްވެރިޔާ

އެންމެ މޮޅު ޕްރޮގްރާމް ޕްރެޒެންޓަރ

އެންމެ މޮޅު ކެމެރާ ޕާރސަން

އެންމެ އުއްމީދީ ނޫސްވެރިޔާ

ބެސްޓް ބްރޯޑްކާސްޓިންގ ޗެނަލް

ބެސްޓް އިންކްލޫސިވް ބްރޯޑްކާސްޓަރ

އެންމެ އުފެއްދުންތެރި ޗެނަލް

ބްރޯޑްކާސްޓިންގ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތަށް ދޭ އިނާމް ރީބްރޯޑްކާސްޓިންގ ހިދުމަތުގެ އެވޯޑް

ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ އިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތައް އެކުލެވޭ ތަފްސީލާއި އެޕްލިކޭޝަން ފޯމް "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑު ދިނުމުގެ އުޞޫލު" ގައި ބަޔާންކޮށްފައި ވާނެ ކަމަށެވެ.

އަދި މި އުސޫލު މޯލްޑިވްސް ބްރޯޑްކާސްޓް ކޮމިޝަނުގެ ވެބްސައިޓް broadcom.org.mv އިން ލިބޭނެކަމަށް އެކޮމިޝަނުން ބުނެފައި ވެއެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 2 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް