ގެއްލިގެން ހޯދަމުންދާ ޑައިވަރު ގެންގުޅުނު ކަމަށް ބެލެވޭ އާލާތެއް ކަނޑު އަޑިން ފެނިއްޖެ

ފުވައްމުލަކު ސިޓީ "ޓައިގާ ޝާކް" ޕޮއިންޓު ކައިރިއަށް ޑައިވިނަށް ދިޔަ ފަހުން ގެއްލިގެން ހޯދަމުންދާ މީހާ ގެންގުޅުނު ކަމަށް ބެލެވޭ އާލާތެއް ފެނިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. ގެއްލިގެން ހޯދަމުނ...

03 May 2022 | 15:19

ފުވައްމުލަކު ސިޓީ "ޓައިގާ ޝާކް" ޕޮއިންޓު ކައިރިއަށް ޑައިވިނަށް ދިޔަ ފަހުން ގެއްލިގެން ހޯދަމުންދާ މީހާ ގެންގުޅުނު ކަމަށް ބެލެވޭ އާލާތެއް ފެނިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ގެއްލިގެން ހޯދަމުން ދަނީ އުމުރުން 35 އަހަރުގެ މުހައްމަދު ސައީދެވެ. އޭނާ ގެއްލިގެން އެންއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓު ކުރީ އިއްޔެ ހަވީރު 3:35 ގައި އެވެ. އެމީހާ ޑައިވިނަށް ފޭބި ކަމަށްވަނީ މެންދުރު 2:30 ހާއިރު އެވެ.

އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރު ވިދާޅުވީ ސައީދު މަސް ހިފަން ގެންގުޅު އާލާތެއް ކަމަށް ބެލެވޭ އާލާތެއް ފެނިފައިވަނީ ކަނޑުގެ 59 މީޓަަރު އަޑިން ކަމަށެވެ. އޭނާ ވިދާޅުވީ ސްލޯޕެއްގޮތަށް އުފެދިފައިވާ މި ސަރަހައްދުގެ ފުންމިނުގައި މި އާލާތްފެނުނު ޕޮއިންޓުން ފެށިގެން 70 އާއި 100 މީޓަރާ ދެމެދުގެ ފުންމިން ހުންނާނެކަމަށް ލަފާކުރެވޭ ކަމަށް އެމްއެންއެންޑީއެފްގެ ޑައިވަރުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އިންފޮމޭޝަން އޮފިސަރު ވިދާޅުވީ އެ އާލާތް ފެނުނު ފަހުން ކަނޑުގެ އަޑިން 550 މީޓަރުގެ ސަރަހައްދެއް ކޯސްޓްގާޑުގެ ޑައިވިންގ ޓީމުން ވަނީ ބަލާފައެވެ. އެކަމަކު މިހާތަނަށް ސައީދުގެ އެއްވެސް ހިލަމެއް ވެފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ސައީދު އިއްޔެ ޑައިވިނަށް ފޭބި އިރު ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިންގ ސޫޓަކާއި ކަޅުކުލައިގެ ފިންސަކާއި އަދި ކަޅުކުލައިގެ މާސްކެކެވެ. އޭނާގެ އަތުގައި ރީނދުލާއި އޮރެންޖު ކުލައިގެ ބެލޫނެއް އޮންނާނެކަމަށް ކޯސްޓްގާޑަށް އޭނާ އާއި އެކު މަސައްކަތް ކުރާ މީހުން މައުލޫމާތު ދީފައިވެ އެވެ.

އެމްއެންޑީއެފުން ބުނީ ސައީދު ހޯދުމަށް ހުއްޓުމެއް ނެތި ކަނޑާއި ވައިގެ މަގުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ކޯސްޓުގާޑުގެ ދެ ހާބާކްރާފްޓު އުޅަނދާއި ޑޯނިއާ ފްލައިޓުގެ އިތުރުން ފުވައްމުލަކުގައި މަސައްކަތް ކުރާ ޑައިވަރުންވެސް ވަނީ އޭނާ ހޯދުމަށް އެހީތެރިވަމުން ކަމަށް މައުލޫމާތުދެ އެވެ.

ކޯސްޓްގާޑުން ވަނީ ސައީދު އާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ފުލުހުންނަށް ނުވަތަ އެ އިދާރާއަށް އެންގުމަށް އެދިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް