ބަނގުރާ އެތެރެކޮށް ވަގު ވިޔަފާރި ކުރަމުން ދިޔަ ބިދޭސީންތަކެއް މާލެއިން ހައްޔަރުކޮށްފި

ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ތިން ގެއަކާއި ސައިކަލެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސައާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި އޮޕަ...

03 May 2022 | 09:43

ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ތިން ގެއަކާއި ސައިކަލެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސައާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ސްރީލަންކާ ފިރިހެނަކާއި 31 އަހަރުގެ ސްރީލަންކާ ފިރިހެނަކާއި 29 އަހަރުގެ ބަނގުލަދޭޝް ފިރިހެނެއް ކަމަށެވެ.

މި ތިން މީހުންވެސް ހައްޔަރުކޮށްފައިވަނީ މާލެއަށް ގަވާއިދާ ހިލާފަށް ބަނގުރާ އެތެރެކޮށް، ބަނގުރާ ބޭނުންކޮށް އެތަކެތީގެ ވަގުވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމަތަކާ ގުޅިގެން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖަންސް ޑިޕާޓްމަންޓާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަަމަށް ފުލުހުން ހާމަކުރެއެވެ.

ފުލުހުން  ބަލައިފާސްކުރި ތިން ގެއިންވެސް ގިނަ އަދަދެއްގެ ބަނގުރަލާއި ގިނަ އަދަދެއްގެ ދިވެހި ފައިސާ އާއި އެމެރިކާ ޑޮލަރު ފެނިފައިވާ ކަަމަށް ފުލުހުން ބުނެފައި ވެއެވެ. އެގޮތުން ޖުމްލަ 79 ފުޅި ބަނގުރާ ފެނިފައިވާއިރު 245000 އަށްވުރެ ގިނަ ދިވެހި ފައިސާއާއި 14500 އަށްވުރެ ގިނަ އެމެރިކާ ޑޮލަރާއި 50 ޔޫރޯ ފެނިފައިވާކަމަށް ފުލުހުން ހާމަކުރެއެވެ.

އަދި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ތިން މީހުންނަށް 15 ދުވަހުގެ މުއްދަތެއް ދީފައި ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުންކަމަށް ފުލުހުން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް