މިމަހުގެ އެއް ވަނަ ދުވަހު ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުން ހެއްވާލީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނު ކުރެއްވި ބޮޑު މުސާރަ އާއި އެކު އެވެ.
މިމަހުން ފެށިގެން މުވައްޒަފުންނަށް ބޮޑު ކުރި މުސާރަ ލިބެން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިއުލާނު ކުރި އިރު އޭގެ ތެރޭގައި ސިވިލް ސާވިސް މުވައްޒަފުންގެ ގޮތުގައި ތިބި އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ޤުރުއާނާއި ބެހޭ މަރުކަޒުގެ ޓީޗަރުން ނުހިމެނެ އެވެ.
ޤުރުއާނުގެ އިލްމުން ޑިގްރީ ފެންވަރުގެ ޓީޗަރުން ތިބި އެ މަރުކަޒަކީ މީގެ ކުރިންވެސް މިފަދަ ކޮންމެ ކަމެއްގައި ފުރަތަމަ ބާކީވާ އަދި ފަހުން ޝަކުވާ ކޮށް ހިތްހަމަ ނުޖެހުން ފާޅުކޮށްގެން ސަރުކާރުގެ މިފަދަ އިނާޔަތްތައް ހޯދަން ޖެހޭ ބައެކެވެ.
ޤުރުއާނާއި ބެހޭ މަރުކަޒުގެ ޓީޗަރަކު "ދުވަސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މުސާރަ ބޮޑު ކުރި އިރު އެތަނުގެ ޓީޗަރުންނަށް މުސާރަ ބޮޑުވެފައި ނުވާ ކަމަށެވެ. އެކަމާއި ގުޅިގެން ޓީޗަރުން ޝަކުވާ ކުރުމުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެތަނުގެ ޓީޗަރުން އެ އޮނިގަނޑުގެ ތެރޭގައި ހިމަނާނެ ކަމަށް ބުނެފައި ކަމަށް ބުންޏެވެ.
އެކަމަކު މެއި މަހުގައި ލިބޭނީ ކުރިންވެސް ލިބެމުން އައި ކުޑަ މުސާރަ ކަމަށާއި އެ މަރުކަޒުގެ ޓީޗަރުންގެ މުސާރަ ބޮޑުވިޔަސް ބޮޑުވާނީ ޖޫން މަހުން ފެށިގެން ކަމަށް އަންގާފައިވާ ކަމަށެވެ.
މީގެ ކުރިން ތައުލީމާއި ބެހޭ ފަންޑުން ހަރަދުކޮށްގެން މާލޭގައި އިމާރާތް ކުރި އެދުރު ހިޔާ ފްލެޓުތަކަށް ކުރިމަތި ލުމަށް ހުޅުވާލި އިރު ޤުރުއާނާއި ބެހޭ މަރުކަޒުގެ މުވައްޒަފުން ނުހިމެނެ އެވެ. އެ ފްލެޓުތަކަށް ކުރިމަތި ލުމުގެ ފުރުސަތު އެތަނުގެ ޓީޗަރުންނަށް ދިނީ ހަމަ ޝަކުވާކޮށް ނުރުހުން ފާޅުކުރުމުންނެވެ.
ޤުރުއާނާއި ބެހޭ މަރުކަޒުގެ ޓީޗަރުންގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ އާއި އިސްލާމިކް ޔުނިވާ ސިޓީ އޮފް މޯލްޑިވްސްގެ ލެކްޗަރާއިންގެ މުސާރަ ބޮޑުވެފައި ނުވާތީ އެ ބޭފުޅުންވެސް ގެންދަނީ ޝަކުވާ ކުރަމުންނެވެ. އެމީހުން ގަބޫލު ކުރާ ގޮތުގައި އެއީ އެ ލެކްޗަރާއިންގެ މޫނުމަތީގައި ޖެހި ތަފާލެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް