ފަހުލަވާނާއި ރޭވަން އެސްސީ އަށް ރަނގަޅު ފެށުމެއް

މިއަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި ފ. ނިލަންދޫގައި ކުރިއަށް ގެންދާ ފުޓްސަލް މުބާރާތުގެ ފުރަތަމަ ދެ މެޗް ސްޕޯރޓްސް ކްލަބް ފަހުލަވާނާއި ރޭވަން އެސް.ސީ އިން ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށ...

03 May 2022 | 06:32

މިއަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި ފ. ނިލަންދޫގައި ކުރިއަށް ގެންދާ ފުޓްސަލް މުބާރާތުގެ ފުރަތަމަ ދެ މެޗް ސްޕޯރޓްސް ކްލަބް ފަހުލަވާނާއި ރޭވަން އެސް.ސީ އިން ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ނިލަންދޫ ރަށްވެހި ގްރޫޕުން އިސްނަގައިގެން ޖަމްޢިއްޔަތުއް ޝަބާބު ނިލަންދޫއާއި ގުޅިގެން ކުރިއަށް ގެންދާ ބީއެމްއެލް ރަށްވެހި ޗެލެންޖް ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗްގައި އިއްޔެ ހަވީރު ބައްދަލު ކުރީ ސްޕޯރޓްސް ކްލަބް ފަހުލަވާނާއި ވައިޕާރސް އެފްސީއެވެ. މިމެޗް ފަސޭހަކަމާއެކު 6 ލަނޑު 1 ލަނޑުން ކާމިޔާބުކުރީ ފަހުލަވާނެވެ. މިމެޗުގައި ފަހުލަވާނުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އީޖާޒްއާއި ނަބީލްއާއި ޢަލީމް އަދި ޢާދިލްޢަލީއެވެ. ނަބީލުއާއި ޢާދިލްޢަލީ ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކޮށްފައެވެ. ވައިޕާރސްގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ އަޒުހާން ޚަލީލްއެވެ. މެޗްގެ މޮޅުކުންތެރިޔާއަށް އިލާލާގެ ފަރާތުން ހުށަހަޅާފައިވާ ހަދިޔާ ޙަވާލުކޮށްދިނީ ނިލަންދޫ ސްޕޯރޓްސް ކްލަބްގެ މުއައްސިސް މުޙައްމަދު ޢުމަރުއެވެ. މޮޅުކުޅުންތެރިއަކަށް ހޮވުނީ ފަހުލަވާނުގެ އަޙުމަދު ނަބީލެވެ.

މުބާރާތުގެ ދެ ވަނަ މެޗުގައި ރޭ އެސްޖީސީއާއި ވާދަކޮށް ފޯރިގަދަ ކުޅުމަކަށްފަހު ގިނަބަޔަކު ހީކުރިގޮތާއި ޚިލާފަށް 3 ލަނޑު 2 ލަނޑުން މެޗު ކާމިޔާބުކުރީ ރޭވަން އެސްސީއެވެ. އެސްޖީސީގައިތިބި ރަށުގެ ހުނަރުވެރި މޮޅެތި ކުޅުންތެރިންނާއި ދެކޮޅަށް ރޭވަން އެސްސީ ވަނީ ހިތްވަރުގަދަ މޮޅު ކުޅުމެއް ދައްކާފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ރޭވަން އެސްސީގެ އަނީސް ކާމިޔާބުކޮށްފައިވަނިކޮށް ފުރަތަމަ ހާފުގެ ފަހު މިނިޓުގައި އެސްޖީސީއަށް ނަތީޖާ ހަމަކޮށްދިނީ އަޙުމަދު ރިޒުވާންއެވެ. ދެ ވަނަ ހާފްގައި ރޭވަން އެސްސީގެ އަޙުމަދު އިބްރާހިމް ކާމިޔާބުކޮށްދިން ލަނޑުން ރޭވަން މޮޅުވާން ދަނިކޮށް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށްވެފައި ވަނިކޮށް އެސްޖީސީއަށް އެއްވަރުކޮށްދިނީ އަކުރަމް އިސްމާޢިލްއެވެ. އަކުރަމްގެ ލަނޑާއެކު މެޗް ނިމިދާނެކަމަށް ހީކޮށްގެން ތިއްބާ ރޭވަންގެ މޫސާ ނަޢީމުވަނީ އެސްޖީސީގެ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައި ރޭވަން އެސްސީގެ ތިން ވަނަ ލަނޑުޖަހާ ތިން ޕޮއިންޓް ރޭވަން އެސްސީއަށް ކަށަވަރުކޮށްދީފައެވެ.

މިމެޗްގެވެސް މޮޅުކުޅުންތެރިޔާއަށްއަށް ޢިނާމު ޙަވާލުކޮށްދެއްވީ މުޙައްމަދު ޢުމަރެވެ. މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރޭވަން އެސްސީގެ އަޙުމަދު އިބްރާހިމްއެވެ.

މިއީ ރަށްވެހި ގްރޫޕުން އަހރުގެ އެކި ދުވަސްތަކަށް ބަހާލައިގެން ކުރިއަށްގެންދާ ސިލްސިލާ މުބާރާތްތަކުގެ ތެރެއިން ހަމައެކަނި ނިލަންދޫ ރަށްވެހިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ. ބީއެމްއެލްއިން ސްޕޮންސަރ ކޮށްފައިވާ މިމުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ފ. ނިލަންދޫ އާސްތާނާ އަޙުމަދު ރަޝީދެވެ. މިރަސްމިއްޔާތުގައި ނިލަންދޫ މުއައްސަސާތަކުގެ އިސްވެރިންނާއި ކްލަބް ޖަމްޢިއްޔާ ތަކުގެ ހިންގުންތެރިން ބައިވެރިވަޑައިގެންނެވިއެވެ.

ޢީދު ދުވަހުން ފެށިގެން 5 ދުވަހުގެ މުއްދަތަަށް ކުރިއަށްގެންދާ މިމުބާރާތުގައި 6 ޓީމެއް ވާދަކުރާއިރު މުބާރާތުގެ ދެ މެޗެއް މިއަދު ވެސް ކުޅުމަށްވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް