ކޯވިޑަށް ނުބަލައި ބުރަ މަސައްކަތެއް ކުރާ އިންޑިއާ މުސްލިމުންތަކެއް، ތައުރީފު އޮހެނީ!

ދުނިޔޭގެ ރެކޯޑު އަދަދަކަށް ކޮންމެ ދުވަހަކު އިންޑިއާއިން މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވާތާ މަހެއްވާން ކައިރިވެފައިވައިރު ކޮންމެ ދުވަހަކު އެތައް ހާސްބަޔަކު ދަނީ ބަލީގައި މަރުވަމުންނެވެ. އިންޑީއާގައި ކޯ...

03 May 2021 | 16:04

ދުނިޔޭގެ ރެކޯޑު އަދަދަކަށް ކޮންމެ ދުވަހަކު އިންޑިއާއިން މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވާތާ މަހެއްވާން ކައިރިވެފައިވައިރު ކޮންމެ ދުވަހަކު އެތައް ހާސްބަޔަކު ދަނީ ބަލީގައި މަރުވަމުންނެވެ.

އިންޑީއާގައި ކޯވިޑް ޖެހިގެން މަރުވާ މުސްލިމުން ވަޅުލާ ގަބުރުސްތާނުތައް ފުރެމުންދާއިރު ހިންދޫއިން މަރުވުމުން އަންދާ ތަންތަނުގައި ދަރާއި އެނޫންތަކެތި ހުސްވެގެން އެތައް ގަބުރެއް ނޭންދި ކިޔުގައި އެބަ އޮތެވެ. އަދި ކޯވިޑްގެ ނުރައްކާތެރިކަން ބޮޑުވެ ބަލި ޖެހިދާނެ ކަމުގެ ބިރަށް މަރުވާ މީހުން އެންދުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ނެތް ބައެއް ސިޓީތަކުގެ އަވަށްތައް އެބަހުއްޓެވެ.

މިފަދަ ދަނޑިވަޅެއްގައި ޒުވާން މުސްލިމް ފިރިހެނުންތަކެއް ދަނީ ގިނަ ބައެއްގެ ސަމާލުކަމާއި ލޯބި ހޯދަމުންނެވެ. އިންޑިއާ މީޑިއާގެ ސަމާލުކަމަށް އައިސްފައިވާ 22 މީހުންގެ އެ ގްރޫޕަކީ އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ލަކްނޯއަށް ނިސްބަތްވާ ޒުވާނުންތަކެކެވެ.

އެ މީހުންގެ ތެރެއިން މީޑިއާއަށް މައުލޫމާތު ދިނީ އަމިއްލަ ފިހާރައެއް ހިންގާ ގްރެފިކްސް ޑީޒައިނަރެއް ކަމަށްވާ އުމުރުން 33 އަހަރުގެ އިމްދާދް އިމާން އެވެ. އޭނާ ބުނީ އެމީހުންގެ މަސައްކަތަކީ ވަކި ދީނެއްގެ މީހުންނަށް ނުބަލައި ކޯވިޑްގައި މަރުވާ މީހާ އަޅުކަން ކުރާ ދީނެއްގައި އޮންނަ ގޮތަށް ޖަނާޒާގެ ކަންކަން ކުރިޔަށް ގެންގޮސްދިނުން ކަމަށެވެ.

އިމްދާދް ބުނެފައިވާ ގޮތުގައި މިހާތަނަށް އެމީހުން ޖަނާޒާ ކަންކަން ކުރިޔަށް ގެންގޮސްފައިވަނީ މުސްލިމުންނާއި ހިންދޫއިންގެ އެވެ. އެގޮތުން ކޯވިޑްގައި މަރުވި 30 މުސްލިމުންގެ ޖަނާޒަ އިސްލާމީ އުސޫލުތަކާއި އެއްގޮތަށް މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކޮށްފައިވާއިރު ހަތް ހިންދޫ ދީނުގެ މީހުން އަންދާ ތަންތަނަށް ގެންގޮސް އަންދާ ދީފައިވާ ކަމަށެވެ.

އޭނާ ބުނެފައިވާ ގޮތުގައި މަރުވެފައިވާ ގިނަ މީހުންގެ ތެރެއިން ހިންދޫ ދީނުގެ މީހުންނަކީ އާއިލާ މީހުންނަށް ކޯވިޑް ޖެހިދާނެތީ ބިރުން ހަވާލުނުވެވާ ހަށިތަކެއް ކަމަށެވެ. މުސްލިމުންގެ ތެރެއިން ގިނައީ އާއިލާ އާއި ދުރުގައި އުޅެނިކޮށް ކޯވިޑް ޖެހިގެން މަރުވެފަވާ މީހުންނަށް ވުމުން އާއިލާތަކަށް ހަވާލުވާން ނާދެވޭ ގަބުރުތަކެވެ.

އިމްދާދް ބުނީ ކޯވިޑް ޖެހޭ މީހުން އެންދުމުގެ މަސައްކަތް އަމިއްލައަށް އިސްނަގައިގެން އެ ގްރޫޕުން ކުރަން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅު ކަމަށެވެ. އެއީ ލަންނޯގެ މަގުމަތީގައި ދިރިއުޅުނު ގެދޮރު ނެތް މީހަކު ކޯވިޑް ޖެހިގެން މަރުވެފައި އޮންނަތާ ތިން ދުވަސް ވީއިރުވެސް އަންދާލުމުގެ މަސައްކަތް ކުރާނެ ބަޔަކު ނުވުމުން ފެށި މަސައްކަތެއް ކަމަށެވެ.

އެކަމަކު ކުއްލިއަކަށް އެ މަސައްކަތުގައި ބާރުބޮޑުވީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން އިންޑިއާގައި ކޯވިޑް ކޭސްތައް ކުއްލިއަކަށް އިތުރުވެ މަރުވާ މީހުންގެ އަދަދު އިތުރުވާން ފެށުމުންނެވެ.

ނޫސްތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި އެ ބުރަ މަސައްކަތް މިހާރު އެމީހުން ކުރަމުންދަނީ ރޯދައަށް ތިބެގެންނެވެ. އަދި ކޯވިޑް ޖެހިދާނެ ކަމަށް ބިރު ނުގަތަސް އެމީހުން ތިބެނީ ރައްކާތެރިކަމުގެ ގޮތުން ޕީޕީ ލައި ވަރަށް ބޮޑަށް ނިވާވެގެން ކަމަށް ބުނެފަވެ އެވެ.

ނޫސްތަކުގައި އެ ޓީމު ސިފަ ކުރަމުން ދަނީ ކުރިއަރަމުން އަންނަ ވިދާ ތަރިންތަކެއްގެ ގޮތުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް