ފިޔަވަޅުތައް ހަރުކަށިކުރަން އަދި ނުނިންމާ: މަބްރޫކް

މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރަން އަދި ނުނިންމާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ. މަބްރޫކް ވިދާޅުވީ އަޅާނެ ފިޔަވުތަކާމެދު މަޝްވަރާ ކުރ...

03 May 2021 | 13:08

މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރަން އަދި ނުނިންމާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް ވިދާޅުވީ އަޅާނެ ފިޔަވުތަކާމެދު މަޝްވަރާ ކުރަމުން ދާ ކަމަށާއި، ނަމަވެސް އަދި މިހާތަކަށް ވަކި ގޮތެއް ކަނޑައަޅާފައި ނުވާނެ ކަމަށެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެފައި ވާއިރު، އިއްޔެ އެކަނިވެސް500 އަށްވުރެ ގިނަ މީހުން ރާއްޖޭގައި ކޮވިޑަށް ފައްސިވެފައިވެއެވެ. އެޗްޕީއޭއިން ބުނެފައިވާގޮތުގައި އިއްޔެ 508 މީހަކު ޕޮޒިޓިވް ވެފައިވާއިރު މާލެ ސަރަހައްދުން އެކަނި 276 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. އަދި އަތޮޅުތަކުން 185 މީހަކު ޕޮޒިޓިވް ވެފައިވާކަމަށާއި ރިސޯޓްތަކުން 12 އަދި ލިވަބޯޑުތަކުން ތިނެއް އަދި އިންޑަސްޓްރިއަލް ރިސޯޓްތަކުން 32 މީހަކު ޕޮޒިޓިވް ވެފައިވާކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

ރޭ ލައިވްކޮށް ކުރިއަށްދިޔަ ޕްރެސްގައި މަބްރޫކް ވިދާޅުވީ 508 އަށް އަދަދު އެރުމުން މިއީ ބޮޑު އަދަދެއް ކަމަށެވެ. އާންމު ގޮތެއްގައި މިހާރު ކޮވިޑުގެ ވާހަކަ ދައްކާނީ އެޗްއީއޯސީން ކަމަށާއި ނަމަވެސް ކުރިން ކޮވިޑުގެ ކަންކަމާ އުޅެވިފަ ހުރީމަ އެއްޗެއް ބުނެލަން ބޭނުންވަނީކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

“އަޅުގަނޑަށް އެނގޭ މިކަމުގަ ވަރަށް ގިނަ ނުރުހުމާ ނުތަނަވަސްކަމާ އެބަ ހުރިކަން، އެއްބަޔަކު ގެއަށް ވަންނާށޭ ބުނެ އަނެއް ބަޔަކު އެއްވާ ވާހަކަޔާ، ކަންބޮޑުވުންތަކެއް އެބަ ހުރިކަން” މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މިވަގުތަކީ އެފަދަ ކަންކަމާ ހެދި ސީރިއަސްކަން ކުޑަވެފަ އޮތް ވަގުތެއް ކަމަށާއި ނަމަވެސް  500 އަށް ކޭސް އެރީމަ އަނެއްކާވެސް އަލުން ވިސްނަން އެބަ ޖެހޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް