މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މޯލްޑިވްސް އިމިގްރޭޝަން އާ އެކު މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ގްލޯބަލް ޓްރެވަލް އެސެސްމަންޓް ސިސްޓަމް (ޖީޓީއޭއެސް) މެދުވެރިކޮށް މަޢުލޫމާތު ޙިއްސާކުރުމަށްޓަކައި އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފިއެވެ. މިކަމަށްޓަކައި މިއަދު މެންދުރު ކަސްޓަމްސް ބިލްޑިންގްގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ. އަދި މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސެއިން އެވެ.
ޖީޓީއޭއެސް އަކީ ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާ އާއި ޔޫ.އެސް ކަސްޓަމްސް އެންޑް ބޯޑަރ ޕްރޮޓެކްޝަން ގުޅިގެން ޔޫ.އެން ސެކިއުރިޓީ ކައުންސިލްގެ ރިޒޮލިއުޝަން 2178 އާއި 2396 އަށް ރިއާޔަތްކޮށް އެޑްވާންސް ޕެސެންޖަރ އިންފޯމޭޝަން (އޭޕީއައި) އަދި ޕެސެންޖަރ ނޭމް ރެކޯޑްސް (ޕީއެންއާރް) އެސެސްކޮށް އެނެލައިޒްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ސިސްޓަމްއެކެވެ.
ސޮއިކުރެވުނު މި އެއްބަސްވުމުގެ މައިގަނޑު މަޤްސަދަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ޤާއިމްކުރެވިފައިވާ މި ސިސްޓަމް މެދުވެރިކޮށް އޭޕީއައި / ޕީއެންއާރް މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މޯލްޑިވްސް އިމިގްރޭޝަންއާއި ޙިއްސާކުރުން ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
މީގެ ސަބަަބުން ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި، ބޯޑަރު ސެކިއުރިޓީ ބެލެހެއްޓުމުގެ ނިޒާމް ހަރުދަނާވެ، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މޯލްޑިވްސް އިމިގްރޭޝަން އާއި ކަސްޓަމްސްއާއި ދެމެދު ފަސޭހަކަމާއިއެކު މަޢުލޫމާތު ބަދަަލުކުރެވޭނެ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
މި ނިޒާމް ޤާއިމްކުރުމުގެ ސަބަބުން ޓެރަރިޒަމް، މަނީ ލޯންޑަރިންގް އަދި ހިއުމަން ޓްރެފިކިންގް ފަދަ ކުށްތައް ހުއްޓުވުމާއި، މަސްތުވާތަކެއްޗާއި ރާއްޖެ އެތެރެކުރުން މަނާތަކެތި އެތެރެވުމާއި ބޭރުވުން ހުއްޓުވައި އަދި އެނޫނަސް ޤާނޫނާއި ޤަވާޢިދާއި ޚިލާފު ހަރަކާތްތަކަށް ފާރަވެރިވެ ދިވެހިރާއްޖެއަށް ވަދެނިކުމެވާ ދޮރާށިތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް ހަރުދަނާވެ، ބައިނަލްއަޤްވާމީ ވިޔަފާރިއާއި ދަތުރުފަތުރަށް ރައްކާތެރި އަދި ލުއިފަސޭހަ މާޙައުލެއް ޤާއިމްކޮށްދިނުމާއި ޤާނޫނާއި ޤަވާޢިދުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށް މަގުފަހިވެގެންދާނެއެވެ.
އަދި، މި ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުން ކަމާ ގުޅުންހުރި ސަރުކާރުގެ އިތުރު އިދާރާތަކާއިއެކު މިފަދަ އެއްބަސްވުންތަކުގައި ސޮއިކުރެވިގެންދާނެއެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް ޕޮލިސް ސަރވިސް، މޯލްޑިވްސް އިމިގްރޭޝަން އަދި ކަސްޓަމްސްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެވ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް