ސިޔާސީ ނިންމުންތަކުގައި ވެސް ނޫސްވެރިން އަދާކުރާ ދައުރު ނުހަނު ބޮޑު: މިނިސްޓަރ ޝާހިދު

ރައްޔިތުންގެ މަސްލަހަތާއި ގުޅުންހުރި ސިޔާސީ ނިންމުންތަކާއި ބަހުސްތަކުގައިވެސް ނޫސްވެރިންނާއި މީޑިއާ އަދާކުރާ ދައުރު ނުހަނު ބޮޑުކަމަށް ފޮރިން މިނިސްޓަރ އަބްދު ﷲ ޝާހިދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ އަބްދ...

03 May 2021 | 10:47

ރައްޔިތުންގެ މަސްލަހަތާއި ގުޅުންހުރި ސިޔާސީ ނިންމުންތަކާއި ބަހުސްތަކުގައިވެސް ނޫސްވެރިންނާއި މީޑިއާ އަދާކުރާ ދައުރު ނުހަނު ބޮޑުކަމަށް ފޮރިން މިނިސްޓަރ އަބްދު ﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަބްދު ﷲ ޝާހިދު މިހެން ވިދާޅުވީ، ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ދެއްވި ޚާއްސަ މެސެޖެއްގައެވެ.

އަބްދު ﷲ ޝާހިދުގެ މެސޖުގައި ވަނީ މީގެ 30 އަހަރު ކުރިން އެންމެ ފުރަތަމަ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެއް ފާހަގަކުރަން ފެށި ގޮތަށް އަލިއަޅުވާލައްވާފައެވެ. 1993 ވަނަ އަހަރު ޔުނައިޓެޑް ނޭޝަންސްގެ ޖެނެރަލް އެސެމްބްލީގައި ފުރަތަމަ ފަހަރަށް މި ދުވަސް ފާހަގަ ކުރަން ފަށާފައިވާއިރު މިއީ ގައުމުތަކުގެ ޑިމޮކްރަސީއާއި މިނިވަންކަން ރައްކާތެރި ކުރުމަށް ނޫސްވެރިން އަދާކުރާ މުހިއްމު ދައުރު ފާހަގަކުރާ ދުވަހެއްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ ރައްޔިތުންގެ މަސްލަހަތާއި ގުޅުންހުރި ސިޔާސީ ނިންމުންތަކާއި ބަހުސްތަކުގައިވެސް މީޑިއާ އަދާކުރާ ދައުރު ނުހަނު ބޮޑު ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމަކީ އަބަދުވެސް ރައްކާތެރިކަން ބޭނުންވާނެ އެއްޗެއްކަން ފާހަގަ ކުރައްވައި ފޮރިން މިނިސްޓަރ ވިދާޅުވީ މުޅި ދުނިޔެއަށް ބަލާއިރުވެސް އެކަން އޮތީ އެގޮތަށް ކަމަށެވެ.

މިހާރު ދުނިޔޭގެ ހާލަތަށް ބަލާއިރު ކޯވިޑް-19ގެ ސަބަބުން ކުރިމަތިވަމުންދާ ކަންކަމުގައިވެސް މީޑިއާގެ މުހިއްމު ދައުރު ފެނިގެންދާކަމަށް ފޮރިން މިނިސްޓަރ އަބްދު ﷲ ޝާހިދު ވިދާޅުވިއެވެ. އަދި އާންމުންނަށް ސައްހަ މައުލޫމާތު ފޯރުކޮށްދިނުމާއި އިތުބާރު ހިފޭ މައުލޫމާތު ފޯރުކޮށްދެވޭ ކަން ކަށަވަރު ކުރުމުގެ މުހިއްމުކަންވެސް އަބްދު ﷲ ޝާހިދު ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން މިނިސްޓަރ ޝާހިދު ވަނީ ފާއިތުވި ދުވަސްތަކުގައި ރާއްޖެއިން ނޫސްވެރިކަމުގެ މިނިވަންކަމުގައި ހޯދާފައިވާ ކުރިއެރުން ފާހަގަ ކުރައްވައި މިއީ ކުރިއާ އަޅާބަލާއިރު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް