އޭލެވެލް އިމްތިހާނު ކެންސަލް ކުރުމަށް ގޮވާލާ ބެލެނިވެރިން މިނިސްޓްރީ ދޮށަށް

މިހާރު ކުރިޔަށްދާ އޭލެވެލް އިމްތިހާނު ކެންސަލް ކުރުމަށް ގޮވާލާ ބެލެނިވެރިންތަކެއް އެޑިއުކޭޝަން މިނިސްޓްރީ ހުންނަ ވެލާނާގޭ އިމާރާތް ކައިރިއަށް އެއްވެ މުޒާހަރާ ކޮށްފި އެވެ. އިމްތިހާނު ކެންސަލް ކުރުމަށް ...

03 May 2021 | 09:18

މިހާރު ކުރިޔަށްދާ އޭލެވެލް އިމްތިހާނު ކެންސަލް ކުރުމަށް ގޮވާލާ ބެލެނިވެރިންތަކެއް އެޑިއުކޭޝަން މިނިސްޓްރީ ހުންނަ ވެލާނާގޭ އިމާރާތް ކައިރިއަށް އެއްވެ މުޒާހަރާ ކޮށްފި އެވެ.

އިމްތިހާނު ކެންސަލް ކުރުމަށް ބެލެނިވެރިން އެދުނީ އިންތިހާނުގެ ބައެއް ޓެސްޓު ޕޭޕަރުތައް ރާއްޖެއިން ބޭރުގައި ލީކުރަމުންދާތީ އެވެ. އަދި އިންޓަނެޓް މެދުވެރިކޮށް އެ ޕޭޕަރުތައް ދިވެހި ދަރުވަރުންނަށް ބެލުމުގެ ފުރުސަތު ފަހިވެފައިވާތީ އެވެ.

މިއަދު ވެލާނާގޭ ކައިރިއަށް އެއްވި ބެލެނިވެރިން ތިބީ އެކި ޝުއޫރުތައް ލިޔެފައިވާ ގަނޑުތައް ހިފައިގެންނެވެ. މުޒާހަރާގައި ބައިވެރިވި ބެލެނިވެރިން ބުނެފައިވަނީ ލީކުވެފައިވާ ޕޭޕަރެއް ހެދުމުން ކުއްޖާގެ އަސްލު ފެންވަރު ނޭނގޭނެ ކަމަށެވެ.

އެ ބެލެނިވެރިން ބުނީ ލީކުވެފައިވާ ޕޭޕަރުތަކެއް ދަރިވަރުން ލައްވައި ހެދުމަކީ ބޭކާރު ކަމެއް ކަމަށެވެ. އޭގެ ސަބަބުން ދަރިވަރުންނަށް ނަފްސާނީގޮތުން އަސަރުކޮށްފައިވާ ކަމަށް ބުންޏެވެ.

ބެލެނިވެރިން އެއްވެ މުޒާހަރާ ކުރަމުން ދިޔަ ސަރަހައްދަށް މިނިސްޓަރު ޑރ. އައިޝަތު އަލީ ވަޑައިގެންނެވި އެވެ. އަދި ބެލެނިވެރިންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވާފައިވެ އެވެ.

މި މައްސަލައިގަ އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާ ގޮތް ހާމަ ކުރުމަށް މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައިވަ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މިނިސްޓްރީން ނިންމާފައިވަނީ އަލުން އޭލެވެލް އިމްތިހާނު ހެދުމަށް ޢެޑެކްސެލްގައި އެދުމަށް ކަމަށް ބުނެފަ އެވެ.

ލީކުކޮށްލާފައިވާ ޕޭޕަރުތަކުގެ ތެރޭގައި ކެމިސްޓްރީ، ބަޔޮލޮޖީ، ހިސްޓްރީ ފަދަ ޕޭޕަރުތައް ހިމެނެ އެވެ. އެ ޕޭޕަރުތައް ލީކުރަމުން ދަނީ ރާއްޖެއިން ބޭރުގައި ކަމަށްވާތީ ރާއްޖޭގައި އިމްތިހާނު ހެދުމުގެ ގާތްގަނޑަކަށް ހަ ގަޑިއިރު ކުރިން ދިވެހި ދަރިވަރުންނަށް ޕޭޕަރު އޮންލައިންކޮށް ފޯރަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް