ރައްޔިތުންގެ މަޖިލީހުން ފާޅުގައި ސަރުކާރާ ދެކޮޅަށް "ހަނގުރާމަ އިއުލާންކޮށްފި"

ރައްޔިތުންގެ މަޖިލީހުން މަދަނީ އިޖުރާއަތްތަކުގެ ބިލުގެ މަސައްކަތް ލަސްކުރާތީ، އެކަން ފާހަގަކޮށް، ރައީސް އޮފީހުގެ ލީގަލް ކައުންސެލް އަޙްމަދު ޢަބްދުﷲ ޢަފީފް ރޭ ދެއްކެވި ވާހަކައަށް ރައްދުދެއްވައި މަޖިލީހ...

03 May 2021 | 07:47

ރައްޔިތުންގެ މަޖިލީހުން މަދަނީ އިޖުރާއަތްތަކުގެ ބިލުގެ މަސައްކަތް ލަސްކުރާތީ، އެކަން ފާހަގަކޮށް، ރައީސް އޮފީހުގެ ލީގަލް ކައުންސެލް އަޙްމަދު ޢަބްދުﷲ ޢަފީފް ރޭ ދެއްކެވި ވާހަކައަށް ރައްދުދެއްވައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާޅުގައި ސަރުކާރު ގޯސް ކުރައްވައިފި އެވެ.

ރޭގެ ޕްރެސް ކޮންފަރެންސްގައި ރައީސް އޮފީހުގެ ލީގަލް ކައުންސެލް އަޙްމަދު ޢަބްދުﷲ ޢަފީފް ވާހަކަ ދެއްކެވީ މަންދު ކޮލެޖަށް ބަދަލު ދިނުމަށް ނިންމާފައިވާ ނިންމުން ދިފާއު ކުރެއްވުމަށް ކަމަށް ވިދާޅުވެ އޭނާގެ އިޚްލާސްތެރިކަމާ މެދު، މަޖިލީހުގައި އެ ބިލް ދިރާސާ ކުރި ޖުޑިޝަރީ ކޮމިޓީގެ މުޤައްރިރު އިމްތިޔާޒް ފަހްމީ (އިންތި) ވަނީ މިއަދު ސުވާލު އުފައްދަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަފީފް ވަނީ ރައްޔިތުންގެ މަޖިލިހުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެ ގޮތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މަދަނީ އިޖުރާއަތްތަކުގެ ބިލް ފާސްކުރުމުގެ މަސައްކަތް ލަސްވަމުންދާތީވެ އިންސާފު ޤާއިމް ކޮށްދިނުމަށް ހުރަސް އެޅިގެންދާ ކަމަށް ޢަފީފް ވިދާޅުވެފައިވެއެވެ.

އެ ވާހަކަތަކަށް އިޝާރާތްކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިންތި ފާހަގަކުރެއްވި ގޮތުގައި ޢަފީފަކީ މަންދު ކޮލެޖްގެ ލީގަލް ފާމްގައި މަސައްކަތް ކުރައްވާ ވަކީލެއްގެ އިތުރުން ރައީސް އޮފީހުގެ ސެޓަލްމަންޓް ކޮމިޓީގެ ވެސް މެންބަރެކެވެ. އަދި އޭނާއަކީ މަންދު ކޮލެޖްގެ މަސްއޫލުވެރިޔާ އިބްރާޙީމް އިސްމާއީލް (އިބްރާ)ގެ ޅިޔަނެކެވެ.

"އަޅުގަނޑުމެން ބަލާލިން މިއީ ކިހިނެއްވާ ކަމެއްތޯ. ރައީސް އޮފީހުން ޕްރެސްއާ ބައްދަލުކޮށް ލީގަލް ކައުންސެލް މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައި މިވަނީ ސޯޝަލް މީޑިއާގައި މަންދު ކޮލެޖްގެ ވެރިޔާ ވަރަށް ގިނައިން އެ ކޮލެޖަށް ބަދަލު ދިނުން ނިންމި ސަބަބު ސަރުކާރުން ސާފުކޮށްދޭށޭ ބުނެ ވާހަކަ ދައްކަމުން ދަނިކޮށް، ރައީސް އޮފީހުގެ ލީގަލް ކައުންސެލްއަކީ، މަންދު ކޮލެޖް ލީގަލް ފާމްގައި މަސައްކަތް ކުރައްވާ އަދި ރައީސް އޮފީހުގެ ސެޓަލްމަންޓް ކޮމިޓީ އަދި މަންދު ކޮލެޖްގެ ވެރިޔާގެ ޅިޔަނު، އޭނާގެ އިންޓެގްރިޓީއާ މެދު ސުވާލު އުފައްދަން." އިންތި ވިދާޅުވިއެވެ.

އަފީފް ވިދާޅުވި ގޮތުގައި، މި ސަރުކާރަކީ މިދިޔަ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން އެކި ގޮތްގޮތުން ގެއްލުން ލިބުނު މީހުންނަށް އިންސާފު ހޯދައިދޭނެ ކަމުގެ ވައުދާއެކު އައި ސަރުކާރެކެވެ. އޭގެ ތެރޭގައި އެއްބަސްވުންތައް ގާނޫނާ ހިލާފަށް އުވާލުމުގެ ސަބަބުން އެކި ކުންފުނިތަކަށް ލިބިފައިވާ ގެއްލުންތަކަށް އިންސާފު ހޯދައިދިނުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.

އެފަދަ މައްސަލަތަކުގައި ދައުލަތުން ގެއްލުން ލިބިފައިވާ މީހުންނަށް ބަދަލު ދޭން ޖެހޭއިރު އެންމެ އިންސާފުވެރި ދެފުށް ފެންނަ ގޮތެއްގައި އަމަލު ކުރެވޭނީ އެކަމާ ގުޅޭ ހާއްސަ ގާނޫނެއް އޮވެގެން ކަމަށް އަހުމަދު ފާހަގަ ކުރެއްވި އެވެ. އެގޮތުން މަދަނީ އިޖުރާއަތުގެ ގާނޫނުގެ މުހިންމު ކަމަށް ވިދާޅުވި އެވެ.

މަދަނީ އިޖުރާއަތުގެ ބިލް ސަރުކާރުގެ ފަރާތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މަޖިލީހަށް ފޮނުވާފައިވާއިރު އަަދިވެސް އެ ބިލް އޮތީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގަ އެވެ.

"އެހެންވީމަ މިހާ ގިނަ ދުވަސް މި ބިލް ގާނޫނަކަށްވެފައި ނުވާތީ އެއީ އަނެއްކާވެސް އިންސާފު ލިބިދިނުމަށް ސަރުކާރަށް އޮތް ހުރަހެއް،" އަފީފް ވިދާޅުވި އެވެ.

އޭގެއިތުރުން، އަހުމަދު ވިދާޅުވީ، ބަދަލުގެ މައްސަލާގައި ކޯޓުތަކުގެ ތިން މަރުހަލާ ނިމުމުން ނޫނީ ދައުލަތުން ބަދަލު ނަގައިނުދިނުމަށް ދީބާޖާ މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ލަފާ ދީފައިވާ ކަމަށާއި، އެއީ ވެސް ސަރުކާރުން ކުރަމުންދިޔަ މަސައްކަތަށް އެޅުނު ހުރަހެއް ކަމަށެވެ.

މި ސަރުކާރު އައި ފަހުން ބަދަލު ނަގައިދޭ މައްސަލަތަކާއި އަދަދުތައް ކޯޓުތަކުގައި އިތުރުވެފައިވާއިރު، އެކަމަށް ބަޖެޓްގައި 100 މިލިއަން ރުފިޔާ ވެސް ހިމަނާފައިވެ އެވެ. ބަދަލުގެ ގޮތުގައި މިހާރު ވެސް މިލިއަނުން ނަގައިދޭން ދައުލަތުން އެއްބަސްވެފައިވާއިރު، ކޯޓުތަކުގައި ގިނަ މައްސަލަތަކެއް އަދިވެސް އެބަހުއްޓެވެ.

އަހުމަދު ވިދާޅުވީ ބަޔަކަށް ގަސްދުގައި ގެއްލުމެއް ދީފައި އޮތުމުން، ބަދަލު ދިނުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. ނަމަވެސް، ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އެކަމުގައި އެންމެ ކުޑަ މިންވަރެއް ދެވޭނެ އުސޫލުތަކެއްގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.

އެހެންވެ އެކަމަށް ސެޓެލްމެންޓް ކޮމިޓީން ހަދައިގެން އިންސާފުވެރިކަމާ އެކު އެ މަސައްކަތްތައް ކުރެވެމުންދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ހަމަައެއާއެކު، ގަސްދުގައި ބަޔަކަށް ގެއްލުންދީ، ދައުލަތަށް ބުރައެއް އުފުލަން ޖެއްސި މީހުންގެ މައްޗަށް ދައުވާތައް ކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރަމުންދާނެ ކަމަށް އަހުމަދު އަފީފް ވިދާޅުވި އެވެ. އެކަން ކުރަމުންދާނީ ލިބޭ ހެކިތަކުގެ މައްޗަށް ކަމާއި ސިޔާސީ ގޮތުން އެއްވެސް ފަރާތަކަށް ދައުވާ ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖުޑިޝަރީ ކޮމިޓީގައި އޮތީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުންގެ އަޣުލަބިއްޔަތެކެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޓީގެ މުޤައްރިރު އިންތި ވަނީ ސަރުކާރުން ފޮނުވަން ޖެހޭ ގިނަ ބިލުތަކެއް ފޮނުވުން ލަސްވެގެން ވެސް ފާޑުވިދާޅުވެފައެވެ.

އެ ގޮތުން، 33 ބިލުގެ ތެރެއިން މިހާތަނަށް ފޮނުވާފައިވަނީ އެންމެ ހަތް ބިލު ކަން އިންތި ފާހަގަކުރެއްވިއެވެ. އެ ހަތް ބިލުގެ ތެރޭގައި ބައެއް މާއްދާ އުނިކުރުން ނޫނީ އުވާލުން ފަދަ ވަރަށް ކުދި ބިލްތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ނިމިފައިވާއިރު، އެ ދައުރުގެ ތެރޭ ފޮނުވަން ސަރުކާރުން ބުނެފައިވާ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ހެއްކާ ބެހޭ ބިލާއި، ގާނޫނީ އެހީތެރިކަމުގެ ބިލް ނުފޮނުވާ އޮތް ކަން ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް