ލ. މާވަށު ކައުންސިލްގެ ރައީސް ކަމަށް ހޮވުނީ ޕީޕީއެމްގެ ކެންޑިޑޭޓު އަހުމަދު މޫސާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
މާވަށު ކައުންސިލްގެ ރައީސަކު ހޮވުމަށް ދެވަނަ ބުރުގެ ވޯޓުލުން ބޭއްވީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ދާއިރާގައި ދެ ވަނަ ބުރެއް ބާއްވަން ޖެހުނީ މާވަށު ދާއިރާ ނޫން މީހަކު އެ ރަށުގައި ބެހެއްޓި ވޯޓު ފޮއްޓަކަށް ވޯޓުލުމާއި ވޯޓު އެއްވަރުވެފައި އޮތުމުންނެވެ.
އެ ރަށު ކައުންސިލްގެ ރައީސް ކަމަށް އަހުމަދު މޫސާ އާއި ވާދަ ކުރީ އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އަބްދުއްރަހްމާނެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާނު ކުރި ވަގުތީ ނަތީޖާ ދައްކާގޮތުން ޕީޕީއެމްގެ އަހުމަދު މޫސާއަށް ޖުމްލަ 557 ވޯޓު ލިބިފަވެ އެވެ. އެމްޑީޕީގެ އާދަމް އަބްދުއްރަހްމާނަށް ލިބިފައިވަނީ 531 ވޯޓެވެ.
ހޮނިހިރު ދުވަހު ނެގި ވޯޓު ކާމިޔާބު ކުރީ އެމްޑީޕީ ކެންޑިޑޭޓެވެ. މާވަށު ކައުންސިލްގެ ރައީސްގެ ގޮނޑިއަށް ވާދަވެރިކަން އުފެދުނީ އެ ދުވަހު ނެގި ވޯޓުން ކުރި ހޯދި އެމްޑީޕީގެ ކެންޑިޑޭޓަށް އެ ރަށުގެ ކައުންސިލް ރައީސްގެ ގޮނޑި ކަށަވަރުވެފައިވާ ކަމަށް އެމްޑީޕީން ބުނުމުންނެވެ.
އެމްޑީޕީން އެހެން ބުނަން ފެށުމުން އިދިކޮޅު ޕީޕީއެމްއިން ވަނީ އެ ދާއިރާގެ ހުރިހާ ވޯޓެއް އެއްކުރުމުން ކުރި ލިބެނީ ޕީޕީއެމްއަށް ކަމަށް ބުނެ އެ ދުވަހުގެ ނަތީޖާއިން އެކަނި ނަތީޖާ ނުނެރެވޭނެ ކަމަށް ބުނެ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް