ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ލަސްވާތީ، ދައުލަތުން ބަދަލު ދޭންޖެހޭ މައްސަލަތައް އިންސާފުވެރިކަމާއި، ދެފުށް ފެންނަ ގޮތެއްގައި ކުރިއަށް ގެންދަން، ހުރަސް އެޅޭ ކަމަށް ސަރުކާރުން ބުނެފި އެވެ.
ރޭ ރައީސް އޮފީހުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ކައުންސެލް، އަހްމަދު އަބްދުﷲ އަފީފު ވަނީ، ބަދަލު ދިނުމުގެ މައްސަލަތަކުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތު ސާފުކޮށްދެއްވައިފަ އެވެ.
އަހްމަދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީ، އިންސާފު ގާއިމުކޮށްދިނުމުގެ މުހިންމު ވައުދާ އެކުގައި ކަމަށެވެ. ނަމަވެސް އޭގެ މާނައަކީ ހަމައެކަނި ކޯޓުތަކަށް ގެންނަ ބަދަލުތަކުގެ ވާހަކަ ނުވަތަ ހަމައެކަނި ނުހައްގުން ޖަލަށް ލާފައި ތިބި މީހުންނަށް އިންސާފު ހޯދައިދިނުމުގެ ވާހަކަ ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގެ ތެރޭގައި އެންމެ މުހިންމު އެއް ކަމަކީ ދައުލަތުން އެކި އެކި މީހުންނާ އެކީ ވެފައިވާ އެއްބަސްވުންތައް، ގާނޫނާ ހިލާފަށް އަދި އެ އެއްބަސްވުމަކާ ހިލާފަށް ބާތިލްކޮށްފައިވާ ހާލަތުގައި އެމީސްމީހުންނަށް ލިބޭ ގެއްލުމުގެ ބަދަލު ދިނުން ވެސް އެބަ ހިމެނޭ،" އޭނާ ވިދާޅުވި އެވެ.
އެހެންކަމުން މި ސަރުކާރުން އެންމެ ފުރަތަމަ ވެސް މަސައްކަތް ކުރީ ކޯޓަށް ހުށަހެޅިފައި ހުރި އެބާވަތުގެ މައްސަލަތަކުގައި، ދައުލަތުން އެއްބަސްވުމެއް ބާތިލުކޮށްފައި އޮތީ ކަނޑައެޅިގެން އެ އެއްބަސްވުމާ ހިލާފަށް ކަން އެނގޭ މައްސަލަތަކުގައި ދައުލަތް ދިފާއު ކުރުމުގެ ބަދަލުގައި، އެކަމަށް އެއްބަސްވެ ކޯޓުގެ މަރުހަލާގެ ތެރޭގައި ދެ ފަރާތް އެއްބަސްވެވޭ ގޮތަކަށް، ދައުލަތަށް ވެސް އެންމެ ލުއި ވާނެ ގޮތަކަށް މައްސަލަތައް ނިންމުމަށް އޭނާ ވިދާޅުވި އެވެ.
އެއީ އެޓާނީ ޖެނެރަލްގެ އޮފީހުން، ބަންޑާރަނައިބު އިބްރާހިމް ރިފްއަތުގެ ނިންމެވުމެއް ކަމަށާއި، އެ ނިންމެވުމާ އެއްގޮތަށް ބައެއް މައްސަލަތައް ނިމި، އޭގެ ނަތީޖާއެއްގެ ގޮތުން ދައުލަތުން ދޭންޖެހޭ އަދަދު ކުޑަ ކުރެވިފައި ހުންނާނެކަމަށް އަހްމަދު ވިދާޅުވި އެވެ.
ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރާ ފަރާތްތަކާ ވާހަކަ ދައްކައިގެން، ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށްޓަކައި މި ސަރުކާރުން ކޮމިޓީއެއް އެކުލަވާލި އެވެ. ރައީސްގެ އިސްނެންގެވުމުގެ މަތިން އެ ކޮމިޓީ އެކުލަވާލެވުނު ދުވަހުން ފެށިގެން ވެސް މަސައްކަތް ކުރަމުން އަންނަނީ ކޯޓަށް ނުގޮސް، ދެ ފަރާތުން ވާހަކަ ދައްކައިގެން އެއްބަސްވުމަކަށް އާދެވޭ ގޮތަކަށް މައްސަލަތައް ހައްލުކުރުމަށް ކަމަށް އަފީފު ފާހަގަ ކުރެއްވި އެވެ. އަހްމަދު ދާޅުވީ އެގޮތަށް މަސައްކަތް ކުރަނީ ކޯޓުގެ ތިން މަރުހަލާ ކަޑައްތު ކުރުމަކީ ގިނަ ވަގުތުތަކެއް ހޭދަވާ ކަމަކަށް ވާތީ ކަމަށެވެ.
އަހްމަދު ވިދާޅުވީ އޭރުވެސް އަދި މިހާރު ވެސް ސަރުކާރުން ދެކޭ ގޮތަކީ، މީހަކަށް އިންސާފު ލިބެންޖެހޭނީ ކޯޓުގެ ތިން މަރުހަލާ ނިންމައިގެން ނޫން ކަމަށެވެ.
އަހްމަދު ވިދާޅުވީ ނިމިދިޔަ ސަރުކާރުގައި އެއްވެސް ސަަބަބެއް ނެތި، އަދި އެއްވެސް ސަބަބެއް ނުދައްކާ، ގާނޫނާ ހިލާފަށް ވަރަށް ގިނަ އެއްބަސްވުންތައް ބާތިލްކޮށްފަ އެބަހުރި ކަމަށެވެ. އަދި އޭގެ ސަބަބުން އެތައް ބަޔަކަށް ގެއްލުންތަކެއް ލިބެމުންދާ ކަމަށާއި އެ ގެއްލުންތަކަށް ބަދަލު ދޭނެކަމުގެ ވައުދާއެކު އައި ސަރުކާރަކީ ހަމައެކަނި މި ސަރުކާރު ކަމަށެވެ.
އަހްމަދު ވިދާޅުވީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ މީހުންނަށް ޖިނާއީ ދައުވާކުރާނެ ކަމަށާއި، އެކަމުގައި ސަރުކާރުން ފަސް ނުޖެހޭނެ ކަމަށެވެ. އަދި މިފަދަ މައްސަލަތައް ހުއްޓުވެން އޮތް ގޮތަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.
އަހްމަދު ވިދާޅުވީ ގެއްލުމުގެ ބަދަލުދޭން ޖެހެނީ، ދައުލަތުން މީހަކަށް ގެއްލުން ދީފަ އޮތުމުން ކަމަށާއި، ގެއްލުން ލިބުނު މީހާއަށް އިންސާފު ހޯދައިދިނުމުގެ ވާހަކަ ދައްކަން ޖެހޭނެ ކަމަށެވެ. ނަމަވެސް އޭގެ ކުރިން އެ ގެއްލުން ދިން މީހުންގެ ވާހަކަ ދައްކަން ޖެހޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން، އަހްމަދު ވިދާޅުވީ ބަދަލު ދިނުމުގެ މައްސަލަތައް އެންމެ އިންސާފުވެރި ގޮތަކަށް ކުރެވޭނީ ކަމާބެހޭ ގާނޫނެއް އޮވެގެން ކަމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ސަރުކާރުން މަޖިލީހަށް ފޮނުވި މަދަނީ އިޖުރާއަތުގެ ބިލު އަދިވެސް މަޖިލީހުން ނިމިފައި ނުވާތީ، އިންސާފު ލިބިދިނުމަށް ހުރަސް އެޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މަދަނީ އިޖުރާއަތުގެ ބިލަކީ، މަދަނީ މައްސަލަތަކުގައި އަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރާ ގާނޫނެއް ނެތުމުގެ ސަބަބުން، މަދަނީ އަދުލުގެ ނިޒާމުގައި އުފެދިފައި އޮތް ހުސްކަން ފޫބައްދައި، އެ ނިޒާމުގައި ހިމެނޭ އެންމެހައި ކޯޓުތަކުން އެ ކޯޓުތަކަށް ހުށަހެޅޭ ދައުވާތައް އަދުލުވެރިކަމާއި ހާމަކަމާއެކު ބެލުމަށް މަގުފަހިކޮށްދިނުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހެޅި ބިލެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް