ފަނާކުރަނިވި އެންމެހައި ކަންކަމުން ރައްޔިތުން ދުރުހެލިކުރުމަށް މަސައްކަތް ކުރުމަކީ ނޫސްވެރިންގެ އެންމެ މަތީ ޒިންމާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ވިދާޅުވީ ކޮންމެ ކަމެއްގައިވެސް އެންމެ ފުރިހަމަ ތެދު މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމާއެކީ، ފަނާކުރަނިވި އެންމެހައި ކަންކަމުން ރައްޔިތުން ދުރުހެލިކޮށް، ޤައުމު ބިނާކޮށް އާރާސްތުކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރުމަކީ ނޫސްވެރިންގެ އެންމެ މަތީ ޒިންމާކަމަށް ހެދުން މުހިންމު ކަމަށެވެ. އަދި، އެމަނިކުފާނު ވަނީ ނޫސްވެރިކަމަކީ ވެސް ޤައުމީ ޚިދުމަތެއް ކަމުގައި ދެކިގެން، ޤައުމު ބިނާކުރުމުގެ ރޫޙުގައި ހުރިހާ ނޫސްވެރިން ވެސް މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރަމުންދާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
ރައީސްގެ ޚިޠާބުގައިވާ ގޮތުން ނޫސްވެރިއެއްގެ ހައިސިއްޔަތުން ލިބިފައިވާ މިނިވަންކަމުގެ ބޭނުން ހިފާއިރު، އަނެކުންނަށް ލިބިގެންވާ އަބުރު ރައްކާތެރިކުރުމުގެ ޙައްޤަށް
ޙުރުމަތްތެރިވުމަކީ، ނޫސްވެރިޔާގެ ޒިންމާއެއްކަން ހަނދާނުގައި ބަހައްޓަންވާނެއެވެ. އެ ޒިންމާ އަދާކުރުމަކީ، މީސްމީހުންނާ ބެހޭ ގޮތުން، ޙަޤީޤަތެއް ނެތް ވާހަކަތައް ނުފެތުރުމާއި، ޔޯލަ ވާހަކަ ފެތުރުން ހުއްޓައިލުން ކަމުގައި ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މަޢުލޫމާތު ފެތުރުމުގައި ގައިމުކޮށް ނޭނގޭ ވާހަކަތަކަށް ބަރޯސާނުވެ، ތަޙުލީލީ ނޫސްވެރިކަމުގެ ޒަރީޢާއިން، ކޮންމެ ކަމެއްގެވެސް ޙަޤީޤަތާ ހަމައަށް ފީނައި، ކަން އޮތް ގޮތް ރައްޔިތުންނަށް ހާމަކޮށްދިނުމަށް ގޮވާލައްވާފައެވެ. އަދި، ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި މިހާރަށް ވުރެވެސް ބޮޑަށް ޒިންމާދާރު ވުމަށް ހުރިހާ ދިވެހި ނޫސްވެރިންނަށް، އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
މީގެ އިތުރުން ވެސް ރައީސް ވިދާޅުވިގޮތުގައި ދިވެހި ނޫސްވެރިކަމަށް މިނިވަން މާޙައުލެއް ފަހިކޮށްދިނުމުން، ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރު ވަނަ ބާރުކަން، މިދިޔަ ތިން އަހަރުގެ ތެރޭގައި ވަރަށް ރަނގަޅަށް ސާބިތުވެއްޖެއެވެ. ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ހުރި ނުރަނގަޅު އެތައް ކަމެއް، ނޫސްވެރިންގެ ޚަބަރުތަކާއި ރިޕޯޓްތަކުގެ ޒަރީޢާއިން، ޢާންމު ރައްޔިތުންނާ ހަމައަށް ތިލަކުރުމުގެ ސަބަބުން، އެކަންކަން އިޞްލާހްކުރުގެ ފުރުޞަތު ތަނަވަސްވެގެން ދިޔަކަމަށް ވެސް ވިދާޅުވިއެވެ. އަދި، މިކަމަކީ ދައުލަތުގެ މުވައްޒަފުން އަމިއްލައަށް ޒިންމާދާރުވުމަށް ލިބުނު ވަރަށް ބޮޑު ބާރަކަށްވި ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދު ދިވެހި ނޫސްވެރިން ތަޖުރިބާކުރަމުން އެދަނީ، ދިވެހި ރައްޔިތުންނާއި ދިވެހި ނޫސްވެރިން، މީގެ އަހަރުތަކެއް ކުރިން ޚިޔާލު ވެސް ނުކުރާ ވަރުގެ މިނިވަން ނޫސްވެރިކަމެއްކަމަށް އެމަނިކިފާނު ވިދާޅުވިއެވެ.
މި ސަރުކާރުން މިނިވަން ނޫސްވެރިކަމަށް ޖާގަދިނުމަށް ކުރެވުނު މަސައްކަތްތަކަށް ފަހު، ފާއިތުވެގެން މިދާ ތިން އަހަރުގެ ތެރޭގައި، ބައިނަލްއަޤްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑުގައި ރާއްޖެ ބޮޑު ކުރިއެރުމެއް ހޯދައިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން، ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި، މިހާރު ރާއްޖެ އޮތީ 72 ވަނައަށް ކުރިއަށްޖެހިފައެވެ. 2018 ވަނަ އަހަރު މި ސަރުކާރުން ވެރިކަމާ ޙަވާލުވިއިރު ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އޮތީ 120 ވަނައިގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް