ލިޔުނީ: ޙަޔާ އިސްމާޢީލް ސުލައިމާން
"އައްސަލާމް އަލައިކުމް، ސަމީރާ ގާސިމް ކޮބައިތޯ؟" ދޮރުހުޅުވައިލުމަށްފަހު ގޭތެރެއަށް ވަންނަމުން ސިފައިން ސުވާލުކޮއްލިއެވެ. "އަޅުގަނޑު" އަހަރެން ޖަވާބު ދިނީ ވާނުވާ ނޭނގިހުރެއެވެ. ދެން ވީ ހުރިހައި ކަމަކީ ދުވަހަކުވެސް ވީކަމެއް ކަމަށް އަހަރެން ގަބޫލު ކުރަން ބޭނުންވީ ކަންކަމެއްނޫނެވެ. އަހަރެންގެ ދޫ މަންމަންވެ، ބީރުވެ، ކަނުވެފައިވީނަމަ މިއަށްވުރެ ހިތައް ފަސޭހަ ވީސްކަން ކަށަވަރެވެ. ކޯޓު އަމުރެއްގެ ދަށުން އަހަރެންނެރެ މަގުމަތި ކޮއްލީ އަހަރެންގެ އަމިއްލަ ފިރިމީހާ އަހަރެންނަށާއި އަހަރެންގެ ތިން ދަރިންނަށް ފޯރުކޮށްދީފައިވާ ބޯހިޔާވަހިކަމުންނެވެ. ހުދް ފިރިމީހާ ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ. ވާރޭ ވެހެމުން ދިޔައެވެ. އަހަރެންގެ ދަރިން ކުރެ އެންމެ ދެއަހަރުގެ އަހްސަން އަހަރެން ގާތަށް އަންނަން ރޯއަޑު މުޅި މަގަށް އިވެމުން ދެއެވެ. އަހަރެންގެ ހުރިހައި އަންނައުނެއް އަހަރެން މަގުމަތީ ހުއްޓި ހުރި ދިމާ ފައިބުޑުގައި އެގޮތް މިގޮތައް އެބަހުއްޓެވެ. އަހަރެންނެއް ނުރޮމެވެ. ސިފައިން އަހަރެންނާއި ދެއްކި ވާހަކަތަކެއް އަހަންނަކަށް އަޑެއް ނީވެއެވެ. ކާރާއި ސައިކަލުތަކުގެ ބަރުގޮނުގެ އަޑެއްވެސް ނާހަމެވެ. ގޭދޮށުގައި އެއްވެތިބި އެއްވެސް ބަޔަކު އަހަންނެއް ނުދެކެމެވެ. ކުޑަކަކޫ މައްޗަށް އިށީނުމަށްފަހު އަހުސަންއަށް އުރަށް އަންނަން އަހަރެން އިޝާރާތްކޮށްލީމެވެ. އަހަރެންނަށް ފެންނަނީވެސް،އިވެނީވެސް އިހުސާސްވަނީވެސް ހަމަ އެކަނި އަހަރެންގެ ދަރިންއެކަންޔެވެ. އަހަރެންގެ އިޝާރާތާއި އެކު ތިން ކުދިންވެސް އަހަރެންގާތައްއައެވެ.
"ތިހާވަރު ވެގެންދިޔައިރު ގައިމު އަހަރެންކައިރި އެންމެ ފަހަރަކުވެސް ބުނެލިނަމަ! ލާނާބުނި ދުވާލަކު އެއްމެ ފަހަރަކުއޭ ކަނީވެސް. ކަރަންޓެއްވެސް ފެނެއްވެސް ގެއަކު ނެތޭ މިހާރު ތިންދުވަސް ވެއްޖެޔޭ. ދޮންބެ ތިގެޔަށް ވަންނަން ދިޔަ ދުވަހުވެސް ޝަރީފާ ނޫޅެއޭބުނި. ކިތަންމެ ވަރަކަށް އަހަރެމެން މީހަކު ގުޅިއަސް ފޯނެއްވެސް ނަގަނިއްޔެއްނޫން. އަހަރެންނަށް ހަބަރެއްނުވާތާވެސް މަސްދުވަސް ވެގެންދިޔައީ. މަންމައަށްވެސް އެއިނގުނީ ގައިމު ރޯޝަނީގޭ މީހުން ގުޅާފަ ބުނީމަ. ތި ހާލަތުގައި މީހާއިންނަ އިރު ތިހާ ބޮޑާވާންވާނެތަ އަޅެ." އަހަރެންގެ މެދަށް ހުންނަ ދަރި ފެންވަރުވައި ރީތިކުރަމުން ދޮންބެ ދައްތަ ގޮވެލިފަތި ގޮވަމުން ގެންދިޔައެވެ. އަހުސަން ނިންޖައްބަރުވެގެން ކާންދީދީ އިންއިރުވެސް ނިދިގެން ވެއްޓިދާނެއޭ ހީވިއެވެ. ވިއްސާރައިގައި އެހެން މަގުމަތިވެފައި އަހަރުމެން ތިންމައިން ތިބީކިހާ އިރަކުކަމެއްވެސް އަހަރެންނަކަށް ނޭނގެއެވެ. ދޮންބެ އަހަރެން ބަލާއައީމަ މަގުމަތިން ހޮވުނު އަންނައުނަކާ ތިން ދަރިންނާއެކު އައިސް މިގެޔަށް ވައިން އިރު އިޝާ ނަމާދަށްގޮވަނީއެވެ. އަހަރެންގެ ގައިގައި ރިއްސާކަމުގެ އިހްސާސް އަހަރެންނަށް ކުރެވެމުން ދިޔަނަމަވެސް ހިތްވަރުކޮށް އަހްސަނަށް ކާންދިނީމެވެ.
ދަންވަރުގެ ހަމަހިމޭންކަމުގައި އަހަރެންމީނީ ހަމަ ކޮޅަށެވެ. އެނދުމަތީ ނިދިފައި އެތިބަ ތިންދަރިންނަށް ބަލަންށެވެ. އަހަރެންގެ އާއިލާއަކީ އަތޮޅުތެރެއަށް ނިސްބަތްވިއަސް ފުދުންތެރި ބައެކެވެ. މާލޭގައިވެސް އެމީހުން އުޅެނީ ތަނަވަސްކަން ބޮޑު ތަންތަނުގައިއެވެ. ބައްޕައާއި މަންމަވެސް ފުރިހަމަ ސިއްހަތަކާއިއެކު ހެޔޮހާލުގައި އެބަތިއްބެވެ. ދޮންބެއާއި އެކުވެގެން ކުރަމުން އަންނަ ވިޔަފާރިތައް ރަށުކޮޅުން ހިންގުމުގައި ތިބެނީ އަބަދުވެސް މަންމަޔާއި ބައްޕައެވެ. އެނދުން ތެދުވެގެންގޮސް ފެންފޮދެއް ބޮވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. އަރުތެރެއިން އެފެންނޮދު ދިރޭއިރުވެސް މިރޭ އަހަރެންނަށް ލިބެނީ އިތުރު އަނިޔާއެކެވެ.
"ނަދާއަށް ކުޅަދާނަ! ދޭއްނުޖަހަނީސް ބުނެފިން ދޯ ކާންއެބައަންނަމޭ. ގައިމު ހުންނަން ޖެހޭނީ ތައްޔާރުކުރެވެފައިނުން. ޝަރީފާކޮބާތަ؟ އޭނަ ލައްވައިވެސް މަސައްކަތް ކުރުވަބަލަ ތިހާ އަވަދިނެތިކޮށް އުޅޭއިރު." ދޮންބެ ކާމޭޒުދޮށުގައި އިޝީންނަމުން ބުނަމުންދިޔައެވެ. ދޮންބެދައްތަގެ ހަމަހުގެ ދަރި އުރައްޖަހައިގެން ކާންހެދޭތޯ އޭނަ އެއުޅެނީ ހަމަ އެންމެ ހިނދުފުކަކަށްވެސް މަޑުނުވެއެވެ. އަހަރެންނަށް އަޑުއިވުނެއްކަމަކު ދާހިތެއްނުވެއެވެ. އެހީވާހިތެއްވެސް ނުވެއެވެ. ދަރިންނަށްވެސް ކާންދިނީ ދޮންބެމެންގޭގައި ގެންގުޅޭމީހާއެވެ. މިގަޑީގައި އޭނަވީ ދޮންބެގެ ދޮށީދަރި ބަލާ ސްކޫލްދޮށަށްގޮހެވެ. "ސަމީރު މަގުމަތިން ހޮވައިން ގެނައީ ރާނީއެއްހެން މަށަށްހީވަނީ! މިވީ ތިންދުވަހުން އެއްދުވަހުވެސް މަށާ އަނގައިންވެސް ބުނިއްޔެއްނޫން. އޭނަގެ އަމިއްލަ ދަރިއެއްގެ ކަމެއްވެސް ކުރަނިއްޔެއްނޫން. ޕަދްމާ އެކުރަނީ ހުރިހައިކަމެއް. އަމިއްލައަށް ފެންނުވަރާތާ ދަރިއެއްވެސް ފެންނުވަރުވާ. ނުތާހިރަސް ބޮޑުވަރު. ނަމާދަކަށްވެސް އަރަނިއްޔެއްނޫން. ޕަދުމާ އެކޮޓަރިއަށް ވެއްދި އެއްޗެއްކައިން އެނދުމަތީއެއޮންނަނީ އަބަދު. މައިންބަފައިން ގުޅީމައެކަނި ފޯނަށްވެސް ޖަވާބުނުދެނީ. އަސްރަފު ގޭފޯނަށް ގުޅާކޮންމެފަހަރަކު ވާހަކަދައްކާތަން އަހަރެން ދެކެން. ފޮނި މީހުން އުޅޭތަން މަވެސްދެކެން،އެކަމަކު މި ރާނީވަރެއް ނުދެކެން!ޔުނިފޯމުތައް ގެންނަން އޭނަގެ ފިރިމީހާއަށް ގުޅާބަލާށޭވެސް ކިހާވަރަކަށް މިކިޔަނީ. އެކަމަކު ސަމީރުބުނަން، އޭނަގެ އަމިއްލަ ދަރިންތައްބަލައި ސްކޫލްދޮށަށް ދެވޭވަރުނުވަންޏާ އެގޭދޮށަށް އެބަލާ ސަމީރު ގޮސްގެންނުވާނެ!" އަހަންނެއް ނުރޮމެވެ. ނުވެސް ވިސްނަމެވެ. އަހަރެންގެ ގައިގައި ނޫފައިގަނެފައި ހުރި ތަނުން އެއްވެސް ތަނެއް އެމީހުނަކަށް ނުފެންނާނެއެވެ. އަހަރެންގެ ފައިގެ ފަލަމަސްގަނޑުގައި ފިހިފައިހުރި ބޮޑު ފާރުގަނޑުވެސް ނުފެންނާނެއެވެ. އަދި އަހަރެންގެ ބަނޑުމަތީގައި އާއި ކަށިމަތީ ފަސޭހަވެފައިހުރި ބޮޑެތި ލަކުނުތައްވެސް އެމީހުނަށް ފެންނާނީ ކިހިނެތްހެއްޔެވެ. އެވާހަކަ އަހާލާނެ މީހަކު ނެތެވެ. އިންސާނުން މިއީ އަޖައިބެއްކަހަލަ ބައެއް ނޫންހެއްޔެވެ. އެބައިމީހުނަށް ލޮލުކުރިމައްޗައް ފެންނަ ހުންނަ ކަމެއްގެ ވާހަކަނޫނީ އެމީހުން ދައްކާނޫޅޭނެއެވެ. ހުޅުވިފައި އެހުރި ކުޑަދޮރުން ފެންނަން އެހުރި ގަސްތަކުގެ ފަތްތައް އަހަންނަށް ވަރަށް ޗާލެވެ. ވަޔާހޫރޭއިރު ގަސް އުފާވެފައި ހުންނަ ކަހަލައެވެ. އެއީ ކިހާ މިނިވަން އިހުސާސެއްހެއްޔެވެ. އަހަރެންވެސް ބޭނުމެވެ. އެފަދައިން އުފާވެލަންށެވެ. އެފަދައިން މިނިވަންވެލުމަށެވެ. އަހަރެންގެ ހިޔާލީދުނިޔެއިން ނިކުމެވުނީ ލާނާ މާއުފަލުން ވާހަކަ ދައްކާ އަޑު އިވޭތީއެވެ. އެއަޑުއަހަރެން އަހަމެވެ. ލާނާއެހެން އުފަލުން ވާހަކަދެއްކީމަ އަހަންނަށް އުނދަގުވެއެވެ. އަހަރެންގެ ހިތްއަވަސްވެ މޭތެޅޭންފަށައެވެ. ވަރަށް ބާރަށްގޮސް ކޮޓަރިން ބޭރަށްނިކުތްއިރު އަހަރެންގެ ފިރިމީހާ ލާނާ އުނގައްލައިގެން އިނެވެ. އޭނަގެ އަތުގައި ޗޮކުލެޓެއްއޮތެވެ. އަދި ނުގެނެވިގެން އުޅުނު ޔުނިފޯމުތަކާއި، ފޮތް ދަބަސްތައްވެސް ހުއްޓެވެ. އަހަރެންގެ މެދަށްހުންނަ އަމީރުވެސް އޭނާގެ ބައްޕަގާތު އެބަހުއްޓެވެ. އަހަރެންނަށް ބޭއިހްތިޔާރުގައި ރުޅި އާދެވެންފެށުނެވެ. އަދި ލާނާ އޭނަގެ އުނގުން ނަގަން އުޅެންފެށުމުން ބޮޑާހަދައިލިއެވެ. އަމީރު އަތުގައި ހިފުމުން ދޮންބެ އަހަންނަށް ބުންޏެވެ. "ބަލަ ހަމަޖެހިބަލަ. ސަމީރާ ގެއިން ނެރެލީމަ މަވެސް ހުރީ އަސްރަފުދެކެ ހަމަ ތިހާރުޅި އައިސްފައޭ. އެކަމަކު އިއްޔެ އަސްރަފު ގުޅީމަ މި އިނގުނީވީގޮތް. މިހާރު މަހެއްވީދޯ ވަރިކުރިފަހުން ވެސް! ކޮއްކޮގެ ވިޔާނުދާކަމާއި އުޅުންނެތްކަމުން އަހަރެން ލަދުން ބޯހަލާކުވި. އަމިއްލަ ދިރިއުޅުން އަމިއްލަ އަތުން ތި ހަލާކުކޮއްލީ. މަންމަމެން ނުގަބޫލުގައި އިނަސް އަސްރަފު ކޮންކަމެއް ސަމީރާއަށް ނުކޮއްދިނީ. އަސްރަފު އެއައީ ލާނާގޮވައިގެން ދުއްވާލަންދާން. އޭނާއާއި އެކު ފޮނުވާ އޭނަ. ވަރިވިއެއްކަމަކު ކުދިން ބައްޕައިންނާ ވަތްކެއްނުކުރެވޭނެ!" ދޮންބެގެ މިބަސް އިވި ލާނާ އުފަލުން އަސްރަފާއެކު ދާން ދިޔައެވެ. އަހަރެންނަށް ބަލަންހުރެވުނެވެ. އެމީހުން ދޮރާހަމަޔަށް ދިޔުމުން އަހަންނަކަށް ކެތެއްނުވިއެވެ. ދުވެފައިއެދިޔަ ގޮތައްގޮސް ލާނާ ހިފަހައްޓަން މަސައްކަތްކުރީމެވެ. އަސްރަފުގެ އަތުގައި ޖަހަންވެސް ޖެހީމެވެ. ލާނާ ބޮޑާހާކާ އަޑުއިވެއެވެ. ދޮންބެ އައިސް އަހަރެން ހިފެހެއްޓުމުން އަސްރަފު ހީލިތަން ފެނުނީ އަހަންނަށް އެކަނިހެން އަހަންނަށް އިހުސާސް ކުރެވުނެވެ. އެވަގުތު އަހަރެން އިންތިހާއަށް ރުޅި އައެވެ. އަދި އަސްރަފުގެ އަތުގައި ދަތްއަޅާ ބާރުކޮއްލުމުން ލިބުން ވޭނުން ލާނާގެ އަތުން އޭނާ ދޫކޮޢްލިއެވެ. އެވަގުތު ލާނާ ދަމަމުން ގެންގޮސް އޭނަކޮޓަރިއަށް ވައްދައި ދޮރުވެސް ތަނޑުއެޅުވީމެވެ. "ސަހަރޯ! މޮޔަވެފަތަ އޭނައެހުންނަނީއަޅެ! ދަތްއެޅި އެޅީނުން ލޭވިއްޔަ އެދުއްވާލީ!"ދޮންބެދައްތަ ބުނަމުން ދިޔައެވެ. ލާނާރޮމުން ދިޔައީ ބޭރަށް ނިކުންނަންށެވެ. ނިދިފައި އޮތް އަހުސަނުވެސް އައަޑަށް ހޭލައިން ރޮނީއެވެ. އަމީރު އެހުރީ އަހަރެންނަށް ބަލަންށެވެ. އަހަރެންގެ ކަންފަތުގައި ގުގުމަމުން ދިޔައީ ހަމައެކަނި އަސްރަފުގެ ބުނަމުން ދިޔަ ބަސްތައްއެކަންޏެވެ. "ތިފާޑަށް ކަންތައްކުރަންޏާ ދެން ކޯޓު މެދުވެރިކޮށް ލާނާ ގެންދާނީ އެއްކޮށް" އޭނަގެ މިބުނުމާއި އެކު އަހަރެންގެ ދޮންބެ އޭނަގެ ރުޅިގަނޑު މަސަލަސް ކުރުވައި މިއަދު ދެން ދޫކޮއްލުމަށް ބުންޔެވެ. ނަމަވެސް ދޮންބެއާއި ދިމާލައްވެސް ކޮންމެވެސް އެއްޗެހި ތަކެއްކީއަޑު އަހަރެންނަށް އިވުނެއްކަމަކު ޔަގީނެއް ނޫނެވެ. އަސްރަފު އެގެއިން ނިކުމެގެން ދިޔަކަން އެގުމުން ދޮރުބުޑުގައި އަހަރެން އިޝީނީމެވެ. ލާނާ ރޮނީއެވެ. އަހުސަން ރޮމުން އައިސް އަހަރެން އުނގަށް ވަނުމުން އަމީރުވެސް އައިސް އަހަރެންގާތު އިޝީނެވެ. އަހަންނެއް ނުރޮމެވެ. އަދި އެކުދިންގައިގައި ބައްދާ ތަގުޅިކޮއްލައި ކުޑަދޮރުންބޭރަށް ބަލަން އިނީމެވެ.
ރޭދުވާ އަހަރެންނަށްޓަކައި ތަކުލީފަކަށް ވެއްޖެއެވެ. މުޅި ރޭގަނޑު ހޭދަވަނީ މި ނިކަމެތި ތިންކުދިންނާއި މެދު ވިސްނުމުގައިއެވެ. ދުވާލުވެއްޖެނަމަ އަސްރަފު އައިސްއެގެޔަށް ވަދެދާނެކަމަށް މިހުންނަނީ ބިރުންނެވެ. މި ދުނިޔޭގައި ނިކަމެތިކަން ބޮޑަށް ލިބެނީ އަދި ގޮތް ހުސްވަނީ ހަމައެކަނި އަންހެނުންނަށްށޭ ބުނާ އަޑު އަހަރެންވެސް އަހަމެވެ. އެކަމަކު މިހާރުވެސް އެކަން އަހަރެން ތަޖުރިބާ ކުރިއެއް ކަމަކު ގަބޫލެއް ނުކުރަމެވެ. ފިރިހެނަކަސް އަންހެނަކަސް އެމީހަކަށް ޖެހޭ ކަމެއްގެ ގޮތުން އަނގަބަންދުވެ ގޮތްހުސްވެ ހަތަރު އުދަރެސް ފެނުޖެހިދާނެއެވެ. ބައެއްގެ އެއްބާރުލުން ދުނިޔެ އާރާސްތުކުރަން ބޭނުންވަނީ އެހެންވެއެވެ. އާއިލާގެ ހަގީގީ މާނައަކީވެސް އެއީ ނޫންތޯއެވެ. އަހަރެންނާއި މެދު ކަންތައް ހިނގާ އުސޫލު ތަފާތަސް ދުނިޔޭގެ ހަގީގަތަކީ މިއީ ނޫންހެއްޔެވެ. "މަންމާ ތަދުވަނީ". ލާނާ ހޭލުމަށްފަހު ދައްބަނޑުގައި އަތްލައިގެން އިނދެގެން ކިޔަންފެށިއެވެ. އަހަރެންނަށްވެސް ރޮވެންފެށުނެވެ.
ހުރިހައި ކުދިން ސްކޫލުންއައިސް ހަމަޖެހިލީ ކާޓޫންބެލުމަށެވެ. ދޮންބެދައްތަވެސް އެއުޅެނީ އޭނާގެ މަންމަ ބަލިވެގެން މަންމަގެއަށް ދާން ތައްޔާރުވުމަށެވެ. ކުޑަމީހާގެ އެއްޗެހި ދަބަހަށް އެޅުމަށްފަހު ކުޑަމީހާއަށް ބުއްފުޅި ޖެއްސިތަނާހެން ދޮންބެވެސް އައިސް ވަނެވެ. ދޮންބެ ދައްތަގެ މަންމައަށް ގެންދަން ބައިވަރު ތަރުކާރީއާއި މޭވާ އަދި އެހެން އެއްޗެތިވެސް ހުއްޓެވެ. އަހަރެންގެ ކުދިންނާއި ދޮންބެގެ ކުދިންވެސް ތިބީ ސޯފާގައިއެވެ. "ތެންކް ޔޫ.. މި ޗޮކްލެޓުވެސް ކެވޭނީ ކޮޓަރިއަށް ގޮސްތަ؟" ދޮންބެ ލާނާއަށް ދޮންބެ ގެނައި ޗޮކްލެޓުކޮތަޅުން ޗޮކްލެޓެއް ދިއްކޮއްލުމުން ލާނާ އޭގައި ހިފަމުން ބުނެލިއެވެ. އެ ބުނުން ވެގެންދިޔައީ އެންމެނަށްވެސް ލިބުން ސިހުމަކަށެވެ. "ކީކޭ؟" ދޮންބެދައްތަވެސް ހައިރާންވެހުރެ އެތަނަށް އައިސް ލާނާއާސުވާލުކޮއްލިއެވެ. "ބައްޕަ އެކަނި އަޅުގަނޑަށް ޗޮކްލެޓު ދެއްވާނީ. އެކެވޭނީ ބައްޕަޔާއެއްކޮށް ކޮޓަރީގައި. އަޅުގަނޑު ހެދުންވެސް ބާލުވާ......"ލާނާއަށް އެހިސާބަށް ބުނެވުނު އިރަށް ދޮންބެދައްތަ އޭނާގެ އަނގަމަތީގައި އަތްއެޅިއެވެ. ދޮންބެވެސް ބަހަންއޮތް ޗޮކްލެޓު ކޮތަޅު އަތުންދޫކޮއްލިއެވެ. އަދި އައިސް އަހަރެންގެ ކޮޓަރި ތެރެއަށް ވަނެވެ. "ލާނާ އެދައްކާ ވާހަކަ ސަމީރާއަށް އިނގޭތަ؟....." އަހަރެން އަނގަޔަކުން ނުބުނަމެވެ. ބުނާނެހާ ހިތްވަރުވެސް ނެތިއްޔެވެ. އަހަރެންގެ ލޮލުން ކަރުނަތައްފައިބަމުން ދިޔައެވެ. އަހަރެންނަށް ދޮންބެޔާ ހަތަރުކަޅި ހަމަކޮށްލެވުނީ އާދޭހުގެ ނަޒަރަކުންނެވެ. "ހުންނަ ވިޔާނުދާކަން ބަލާބަލަ. މިކަހަލަ ބޮޑު ކަމެއް ވާކަން އިނގޭއިރު އަހަރުމެންނަށް ނޭނގިތާނގަ އަދި އެކަން ކުރިއަދިނީނުން ތި. " އަހަރެންނަކަށް ދެން ވީނުވީއެއްނޭނގުނެވެ. އަހަރެންގެ މޫނުމަތީ އެތައްއެތިފަހަރެއް ޖެހިކަމުގެ އިހްސާސްކުރެވުން ފިޔަވައެވެ.
"ސަމީރާ! އަހަރުމެން މިތިބީ އެހީވާން، ޑޮކްޓަރުން ކޮއްފައިހުރި ހުރިހައި ތަހުގީގީ ޓެސްޓްތަކަކުންވެސް ދައްކަނީ ލާނާއަށް ޖިންސީ އަނިޔާ ލިބިފައިހުރި ކަމަށް. އަދި ފުލުހުން ބެލިބެލުމުންވެސް އިނގިފައިހުރީ ހަމަ އެއްކަމެއް. ލާނާއާއި ކުރި ސުވާލުތަކުންވެސް އެކަން ސާބިތުވޭ. ސަމީރާއަށް އެހީ ވެވޭނެ. އަހަރުމެންނަށް އެއްބާރުލުންދީ..." އަހަރެން މީނީ ފުލުހުންގެ ތަހުގީގީ އިދާރާއެއްގައިއެވެ. ލާނާ ހުރީ ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުގައިއެވެ. އަސްރަފް ހުރީ ބަންދުގައިއެވެ. އަހަރެންގެ ދަރިފުޅުގެ ހައްގުގައި އަނގައިން ބުނަން އަހަރެންބޭނުންވެއެވެ. އެހެންކަމުން އެކަމަށް ހިތްވަރުލައި އެ އޯގާތެރި އޮފިސަރަށް އަހަރެން ބަލައިލީމެވެ. މިކަމުގައި އަހަރެން ހައްޔަރުކުރިއަސް އަދި އަހަރެން ވަރުގެ ނުބައި އަންހެނަކު ނެތޭ އަހަރެންގެ އާއިލާގެ އެންމެނަށް ހީވިއަސް މިވަގުތަކު އަހަރެން ބިރެއްނުގަނެއެވެ. ލަދެއްވެސް ނުގަތެވެ. ދެރައެއްވެސް ނުވެއެވެ. ފުންނޭވާއެއްލުމަށްފަހު އެހުރިހައި ވާހަކަތަކެއް އަހަރެން ކިޔައިދޭންފެށިމެވެ. ލާނާގެ ހައްގުގައިއެވެ. މިހެންދިމާވާ އެހެން އަންހެނުންނަށް ޓަކައިއެވެ. ޅަ އަންހެން ދަރިއަކު ބަފައެއްގެ ޝިކާރައަކަށް ނުވުމަށް އަހަރެން އެދޭތީއެވެ. ނުބައި ފިރިންގެ އަތްދަށުވެފައިވާ އަނބިންގެ ހައްގުގައެވެ. ބަފާ ކިޔަން ކުފޫ ހަމަނުވާ ބައްޕައިންނަށް ބައްޕަ ކިޔަން މަޖުބޫރުވެފައިވާ ދަރީންނަށްޓަކައިއެވެ.
އެކަންތައް ހިނގައި ދިޔަފަހުން ބަރާބަރު ތިންމަސް ފާއިތުވެގެން ދިޔައީއެވެ. މިނިވަންކަން އަހަރެންގެ ހިތައް އިހުސާސްކުރެވި، ނުބައި މީހެއްގެ ވަކިތަކުދަށުން ސަލާމަތް ކުރެއްވި ކަމަށްޓަކައި އަހަރެން އަބަދުވެސް ޝުކުރު ކުރަމެވެ. ލާނާއާއި އެހެން ކުދިންނާއި އެކު އަހަރެން މިހާރު ދިރިއުޅެމުންމިދަނީ އަހަރެންގެ އުފަންރަށުގައި މަންމައާއި ބައްޕަ ގާތުގައިއެވެ. ހަވީރުގެ ހިތްގައިމު ވަގުތެވެ. އަހަރެންގެ ކުދިން އަހަރެންނަށް ފެންނަ ފަށުގައި ގޮނޑުދޮށުގައި ކުޅެން އެބަތިއްބެވެ. ރަށުގައި އެކުދިންގެ ދިރިއުޅުން މާހިތްގައިމު ހެން އަހަރެންނަށް އިހުސާސު ކުރެވެއެވެ. ރަށުބައެއް މީހުން އަހަރެންނަށް މަލާމާތްކޮށް އެއްޗެތި ގޮވިއަސް ގިނަމީހުން އަހަރެންގެ ކުދިންނަށް ވެސް ވަރަށް ރަނގަޅެވެ. އަހަރެންނާއި އެކު އަހަރެންކައިރި އިނީ އަހަރެންގެ އެންމެ ކުޑައިރުގެ ރަހްމަތްތެރިޔާ އިރާދާއެވެ. އަސްރަފުއާއި ގުޅުން ބަދަހިވީއްސުރެ އަހަރެންގެ ރައްޓެއްސަކައި އަނގައިން ބުނުމުގެ ހުއްދަވެސް އަހަރެންނަށް ނޯވެއެވެ. "މިހުރިހައި ކަމެއްވީއިރު ކީއްވެތަ އަޅެ މީހެއްގެ އެހީއައްވެސް ނޭދުނީ؟" އޭނާ އަހަންނާއި ސުވާލުކޮށްލުމުން އަހަރެން އޭނާއަށް ބަލައިލަމުން ޖަވާބުދިނީމެވެ. "ކާކުކައިރިއަށް އެހީއަށް އެދި ދާނީ؟ ދޮންބެމެންނަށް އަސްރަފް ވަރަށް ރަނގަޅު. އަސްރަފުގެ މަންމައަށް ހުރިހައި ކަމެއް އެނގިހުރެ އެކަންކުރުވަނީ. އަހަރެން އަސްރަފު ހުއްޓުވަން މަސައްކަތްކުރާކޮންމެ ރެޔަކު އަހަރެންނަށް އަނިޔާކުރޭ. ފޯނުވެސް އަހަރެން އަތަކަށް ނުދޭ. އަހަރެން ލާނާ ހިފައްޓައި ކޮންމެ ފަހަރަކު އަހަރެންގެ ގައިގައި އަލިފާން ނުޖައްސައި ދޫކޮއްލާނީ މަދު ފަހަރަކު. މައިން ބަފައިން ކައިރިއަށް އެހީ އަށްއެދި އަންނަން ނުކެރުނީ ނާންނަން ބުނެފައި އޮތީމަ. މަންމައަށް ގުޅަންވެސް ގުޅިން ފުރަތަމަކޮޅު. އެކަމަކު ވަރަށް ހަޑިކޮށް އެއްޗެހި ގޮވާ ފަހުން ގުޅީމައި ފޯންވެސް ނުނަގައި. ދޮންބެ ދައްތައަށްވެސް ކިޔައިދޭން އުޅުނިން އެކަމަކު އެމީހުނަށް ފެންނަނީ އަސްރަފުގެ ރަނގަޅުކަމާއި އަސްރަފު މަންމަގެ އޯގާތެރިކަން. ބޮޑުދައިތައަކަށް ގުޅަން ކެރޭ ވަރަށް ވުރެ މާދުރުވެފައި ތިބީ. އެކަކާވެސް ގުޅުމެއް ބާއްވަން ފަހުންފަހުން އައިސް ބޭނުންނުވީ އެހެންވެގެން. އެއްވެސް މީހަކު އަހަރެންނަށް އެވަގުތު އެއްބާރުލުމެއްދިންނަމަ އަދި އަހަރެންގެ އާއިލާއިން އަހަރެން ބަލައިގަނެ އަހަރެންނަށް އަބަދުވެސް އަޅާލުންތެރިކަމެއްދިންނަމަ މިއަށްވުރެ ރަނގަޅަށް މިކަންތަކުގައި އަމަލުކުރެވުނީސް. ދޮންބެ އަހަރެންނަށް އިތުބާރުނުކުރިއެއްކަމަކު ފުލުހައް މައްސަލަ ހުށަހަޅައިދިންކަން ވަރަށް ރަނގަޅު. އެހެންނަމަ އަހަރެންނަށް ދުވަހަކުވެސް ލާނާ ސަލާމަތް ނުކޮއްދެވުނީސްކަންނޭނގެ. ހަދަންވީ އެއްވެސްގޮތެއް ސިކުނޑިއަށް ވިސްނައިވެސް ނުގަނެވޭ. ވަރިކުރި ރޭވެސް ބުނި ކަލޭ ނިކުމެގެން ދިޔަސް ލާނާ ނުގެންދެވޭނެއޭ. ކޯޓުން ލާނާ ހޯދުނުގޮތަކަށް ހޯދާނަމޭ. ވަރިކުރީމަވެސް އެގެއިން ނުނިކުމެ އިނީ އެހެންވެގެން. އަހަރެން އެގެއިން ނެރެން އޭނަ ހާދަ މަސައްކަތެއްކުރިއޭ. ދަރިންނަށް ކާންދެނީ ދުވާލަކު އެއްފަހަރު. ކަރަންޓުވެސް ގެއިންކަނޑާލި. އެކަމަކުވެސް އެގެއިން ނުނިކުމެ އިނދެ ލާނާއަށް ގޯނާކުރިޔަ ނުދޭތީ ސިފައިން ފޮނުވައިގެން އަހަރެން އެގެއިން ނެރުނީވެސް. ކުދިންގޮވައިން ދިޔައިމަވެސް ވަރަށް އެއްޗެހި ގޮވައި އިންޒާރުދިން. ލާނާ ސްކޫލަށް ގެންދިޔުމުން ވަގަށް ގެންދާނަމޭވެސްބުނި. އިރާދާ ބުނަން. އަހަރެން އުއްމީދުވެސް ނުކުރަން އަސްރަފުގެ މިއުޅުން ދުވަހަކުވެސް ހުރެދާނެކަމަށް. ރައްޓެހިވެގެން އުޅުންދުވަސް ތަކުގައިވެސް ވަރަށްރަނގަޅު. އިންނަން އުޅުންއިރުވެސް. އެކަމަކު އިނދެގެން އެގެއަށް ދިއުމަށްފަހު އަހަރެންނަށް ހީވީ މުޅިން އެހެން މީހަކާ އިނދެވުނުހެން. އަސްރަފުގެ އެހެން ރައްޓެހިންނާއި އެކު ކޮފީ ތަކަށް އަރުވައި އަހަރެންގެ ހަށިގަނޑަށް އެއްޗެހި ބުނެ ހީހަދާނެ. ބުނަން ނުވާކަހަލަ އެތައް އެއްޗެއް ބުނާއިރުވެސް އަސްރަފުއަށް ވަނީ އެއީ މަޖާކަމަށް. އަހަރެން ގޭގައި ހުއްޓާ އެހެން އަންހެނުން ގެއަށް ވައްދާ ކޮޓަރިއަށް ވައްދަނީ. އެއީ އިނދެގެން ހަމަސްވެސް ނުވަނީސް. ކައިވެނި މަތީ ދެމިހުންނަން މަސައްކަތް ކޮށް ނަސޭހަތް ދެން އޭރުވެސް، ކެތްކޮށްލައިގެން ހުރީ އަދި ރަނގަޅުވާނެކަމަށް އުއްމީދުކޮށް. ފަހަރުގައިވެސް ހިއެއްނުކުރަން އެކަން ނިމޭނީ މިހެންކަމެއް. އަސްރަފު ބުނިހައިގޮތެއް ހެދިގެން ގޭގައި އިނީވެސް ހަމައެހެންވެގެން. އަސްރަފު ބަދަލުވޭތޯ.. ލާނާއަށް ބަނޑުބޮޑުވެގެންވެސް އަހަރެން ވަރަށް އުއްމީދުކުރިން އަސްރަފު ދެން ވިސްނިގެން ރަނގަޅުވާނެކަމަށް. އެކަމަކު ކަންތައްވީ މުޅިން ތަފާތުކޮށް. ލާނާއަށްފަހު އަހަރުދެކޮޅުހެން އަހަރެން އިންނަނީ ބަލިވެ. އަސްރަފަކަށް ބަދަލެއްނާދޭ. ވިޔާނުދާ ކަމުން ބައެއްފަހަރަށް ލަދުން ބޯހަލާކުވޭ. އަސްރަފުގެ މަންމަމެންވެސް މިއިން ކަމެއް ގޯހެއްނުކުރޭ. އަސްރަފު ކޮއްފިއްޔާ ކޮންމެކަމެއްވެސް ރަނގަޅުވޭ. މިކަމެއްކުރަންފެށީ ލާނާއަށް ހަތަރު އަހަރުވީތަނާހެން. އަހަރެންނަށް އިގުނުތާ އަދި މިވީ ހަތަރުމަސް. ލާނާ ސަލާމަތްކުރަން މަސައްކަތްކުރި ކޮންމެ ރެއަކީ އަހަންނަށް އެތައް އަނިޔާއެއް ލިބޭރެއެއް. ބައެއްފަހަރަށް ފުރާނަވެސް ނުހުންނާނެއޭ ހީވޭ..."އިރާދާ އަޑުއަހަން އިނީ ޝައުގުވެރިކަމާއިއެކުއެވެ. އަދި އަހަރެން ދެއްކި ވާހަކަ އަށް ބުނެލިއެވެ. "ތިއޭ އަހަރުމެން އަންހެންވެރިންނަށް ހެދޭ އެންމެ ބޮޑު ގޯހަކީ.. އަނެކާ ރަނގަޅުވާނެކަމަށް ގަބޫލުކުރުން. ހަގީގަތަކީ އެމީހުން ބަދަލުނުވާނެކަން. ކައިވެންޔަކީ ހާދަ ބޮޑުކަމެކޭ. ބައެއްފަހަރަށް އަހަރުމެން ބަލަންޖެހޭ ބައެއްކަންކަން ނުބަލާ ކައިވެނި ކުރެވުން އެއީ އަނެއް ގޯސް" އަހަރެންނަށް އެކަން ގަބޫލުކުރެވުނެވެ. އަދި އާއަޒުމަކާއިއެކު ދިރިއުޅުން ކާމިޔާބުކުރަން ހިތްވަރުވެސް ލިބިގެން ދިޔައެވެ. މިއީ ފަސޭހަދަތުރަކަށް ނުވާނެއެވެ. އެއީ އިންސާނުންނަށް ކުށްކުރުމަށް ފަހުވެސް މާފުވާނޭކަމަށް ގަބޫލުކުރާ އިންސާނުން މަދުވުމުންނެވެ. އަދި އަނެކާގެ ގޯސްތަކުގެ ވާހަކައިގެ އަޑު ރަނގަޅުކަންތަކުގެ އަޑަށް ވުރެ ގަދަވާތީއެވެ. ކުށްކުރެވޭ މީހަކަށްވެސް ދެވަނަ ފުރުސަތެއްލިބެން ޖެހޭނެކަން ގަބޫލު ނުކުރެވުމެވެ. އަހަރެންގެ އާއިލާގެ ނަޒަރުން ގޯހީ އަހަންނެވެ. އަހަރެންގެ ނުބައިކަމުން އަހަރެންގެ ދަރިންގެ މުސްތަގުބަލު ގެއްލުނީއެވެ. އަހަރެންގެ މަންމަ އަދިވެސް އަހަންނަކަށް މާފެއްނުކުރެއެވެ. ދޮންބެވެސް ރުންކުރެވެ. މިއީ އަހަންނަށް ލިބޭ އަނެއް އަނިޔާއެވެ. އަހަރެންނަށް މިހާރަށް އެންމެ ބޮޑަށް ބޭނުންވަނީ އެމީހުންގެ އޯގާތެރިކަމެވެ. ނަމަވެސް ކެތްކޮއްލާނަމެވެ. ހަމަ މިކުދިންނަށްޓަކައެވެ.
ނިމުނީ..
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް