ވެކްސިން ކިއުގައި ގައިދުރުކަމެއް ނޯންނަ މައްސަލައަކީ އަވަސްކޮށް ހައްލުކުރަންޖެހޭ ނުރައްކާތެރި ކަމެއް ކަމުގައި ޑރ. އަބްދުﷲ ނިޔާފް ވިދާޅުވެއްޖެއެވެ.
ޑރ. ނިޔާފް މިހެން ވިދާޅުވީ ޓްވިޓާގައި މީހަކު ކޮށްފައިވާ ސުވާލަކަށް ޖަވާބުދެމުންނެވެ.
"އަޖައިބުވާކަމަކީ މިހުރިހާ ވާހަކަ ދައްކާއިރުވެސް ކޮވިޑު ވެކްސިން ޖަހާތަނުން ބަލި ފެތުރޭނެ ވާހަކަ ނުދައްކާ، އެތާ ކިއު ޖެހިފަ އޮންނަގޮތް ދެކޭ ބަޔަކު ނެތީބާ" މީހަކު ޓްވިޓާގައި އަހާފައިވެއެވެ.
ރައްދުގައި ޑރ. ނިޔާފް ވިދާޅުވެފައިވަނީ އެއީ ވަރަށް ދެރަކޮށް އޮންނަ ކަމެއް ކަމަށެވެ.
"ގައިދުރުކަމެއްނެތި، ޕެންޑަމިކް ތެރޭ، އެތައް އިރެއް، ގެއިން ބޭރުގަ އެތައް ބަޔަކު ތިބުން: ހަމަ ވެކްސިން ކްލަސްޓާއެއް" ޑރ. ނިޔާފް އިތުރަށް ވިދާޅުވެފައިވެއެވެ.
ޑރ. ނިޔާފް މި ކަންބޮޑުވުން ފާޅުކޮށްފައިވާއިރު އިއްޔެއަކީ ކޮވިޑަށް ރާއްޖޭގައި ރެކޯޑު އަދަދަކަށް މީހުން ޕޮޒިޓިވް ވި ދުވަހެވެ. އަދަދު ވަނީ 500 އިން މައްޗަށް ގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް