އަހަރުން އަހަރަށް ބަލާއިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރި ފައިސާގެ މިންވަރު އިތުރުވެ، ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި ހުރި މިންވަރު ވެސް އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ ބުރާސްފަތި ދުވަހު އާއްމުކުރި މިދިޔަ މަހުގެ "އިގްތިސާދީ ރިވިއު"ގައި ބުނި ގޮތުގައި މިދިޔަ މާޗު މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި 644.9 މިލިއަން ޑޮލަރު ހުރިކަމަށެވެ. އެއީ މިދިޔަ އަހަރުގެ މާޗު މަހާ އަޅާބަލާއިރު 29 އިންސައްތަ އިތުރު އަދަދެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ރަސްމީ ރިޒާވްގެ ތެރެއިން މާޗު މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވްގައި ހުރީ، 195.6 މިލިއަން ޑޮލަރެވެ. އެއީ، މަހުން މަހަށް ބަލާއިރު 48 އިންސައްތަ އަދި އަހަރުން އަހަރަށް ބަލާއިރު 44 އިންސައްތަ އިތުރު އަދަދެކެވެ.
އެހެން ނަމަވެސް، އެމްއެމްއޭ އިން ބުނި ގޮތުގައި ރާއްޖޭގެ އިގްތިސާދުގައި ދައުރުވާ ޖުމްލަ ފައިސާގެ މިންވަރު މާޗު މަހު ވަނީ 28.3 ބިލިއަން ރުފިޔާ އަށް ދަށް ވެފަ އެވެ. އޭގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އެ އޮތޯރިޓީން ފާހަގަކޮށްފައި ވަނީ ބޭންކިން ނިޒާމުގެ ނެޓް ފޮރިން އެސެޓްސް އިތުރުވި މިންވަރު ދަށަށް ދިއުމާ އެކު، ނެޓް ޑޮމެސްޓިކް އެސެޓްސް ދަށަށް ދިއުމެވެ.
ރަސްމީ ރިޒާވްގައި ހުންނަ ފައިސާ އާއްމުކޮށް ބޭނުންކުރަނީ ބޭރުގެ ދަރަނިތައް އަދާކުރުމަށާއި ރާއްޖެ އަށް ބޭނުންވާ ތެލާއި ގޭސް އަދި ކާޑުގެ ބާވަތްތަކާއި ބޭސް އެތެރެކުރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް