މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ކަސްޓަމްއަށް އާމްދަނީގެ ގޮތުގައި 574 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހާއި އަޅާ ބަލާއިރު މިއަހަރުގެ އެ މުއްދަތުގައި އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސް އަށް ލިބުނު އާމްދަނީ ވަނީ 28 އިންސައްތަ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރު އެ މުއްދަތުގައި 449.7 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއަހަރު އެ މުއްދަތުގައި 574.3 މިލިއަން ރުފިޔާ ލިބިފަ ވެ އެވެ.
ތަފާސް ހިސާބް ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ރާއްޖެއަށް އިމްޕޯޓްކުރެވުނު މިންވަރު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ފަހެއް އިންސައްތަ އިތުރުވެފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 7.2 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާއިރު، މިއަހަރުގެ އެ މުއްދަތުގައި އެތެރެ ކުރެވުނު މިންވަރު ވަނީ 7.6 ބިލިއަނަށް އަރާފައެވެ.
މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ކާބޯތަކެތީގެ ބާވަތްތަަކެވެ. ކާބޯތަކެތީގެ ބާވަތްތަކުން 1.5 ބިލިއަން ރުފިޔާގެ ތަކެތި އެތެރެކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ތެލެވެ. 1.2 ބިލިއަން ރުފިޔާ ގެ ތެޔޮ އެ މުއްދަތުގައި އެތެރެކޮށްފައިވާއިރު ތިންވަނައަށް އެންމެ ގިނައިން އެތެރެކޮށްފައިވާ މެޝިނަރީއާއި އިލްކްޓްރޯނިކްސްގެ ބާވަތްތަކުގެ އަގު 1.1 ބިލިއަނަށް އަރަ އެވެ.
މިއަހަރުގެ ފުރަތަމަ ތިން މަހުގެ އެކްސްޕޯޓަށް ބަލާއިރު މިދިޔަ އަހަރުގެ އެމުއްދަތާއި އަޅާބަލާއިރު އެކްސްޕޯޓް ކުރެވުނު މިންވަރު ވަނީ 16 އިންސައްތަ އިތުރުވެފައެވެ. މިދިޔަ އަހަރުގެ އެމުއްދަތުގައި 562.2 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާއިރު، މިއަހަރުގެ އެމުއްދަތުގައި އެކްސްޕޯޓް ކުރެވުނު މިންވަރު ވަނީ 653.3 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
ތަފާސް ހިސާބުތަކަށް ބަލާއި މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އައްޑޫ ސިޓީ ހިތަދޫ ބަނދަރުން ނިންމުނު ޑިކްލަރޭޝަންގެ އަދަދު ވަނީ 174 ޕަސެންޓް އިތުރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް