ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް ރައީސް ގެންގުޅުއްވާ "ޖެނެރޭޝަން ބޭން" އަށް ތިން އުމުރެއް ބަޔާންކުރައްވައި އާންމުންގެ ޚިޔާލަށް

ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވާނޭ ގޮތާމެދު ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް، ރައީސުލްޖުމްހޫރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޕޯލެއް ހުޅުވާލައްވައި...

03 Apr 2025 | 18:50

ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވާނޭ ގޮތާމެދު ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް، ރައީސުލްޖުމްހޫރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޕޯލެއް ހުޅުވާލައްވައިފިއެވެ.

ރައީސް އޮފީހުން ފާހަގަކޮށްފައިވާގޮތުގައި މިއަދު ހުޅުވާލި ތާރީޚީ ޕޯލަކީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކު ދައުރުގެ ތެރޭގައި، މުހިންމު ނިންމެވުމަކާ ބެހޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް، މީސް މީޑިއާ މަންސައެއްގައި ހުޅުވާލެއްވި މިފަދަ ފުރަތަމަ ޕޯލެވެ.

އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ހުޅުވާލައްވާފައިވާ ޕޯލްގައި ވަނީ، ޖެނެރޭޝަނަލް ބޭން ކަނޑައެޅުއްވުމުގައި އެ މަނިކުފާނު ހުށައަޅުއްވާ ގޮތްތައް ހިއްސާކުރައްވާފައެވެ. އެ ގޮތުން އެ މަނިކުފާނު ހުށައަޅުއްވާ ގޮތްތަކުގެ ތެރެއިން ގޮތެއް އިޚުތިޔާރުކުރެއްވުމަށް ޕޯލްގައި ވަނީ އެދިވަޑައިގެންފައެވެ.

ޖެނެރޭޝަނަލް ބޭން، ކަނޑައެޅުއްވުމުގައި އެ މަނިކުފާނު ހުށައަޅުއްވާ ގޮތްތަކަކީ:

  • 2007 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން

(މިހެންކަމުގައިވާނަމަ އެ ކަނޑައެޅެނީ 18 އަހަރުން ދަށް ކަމަށް)

  • 2004 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން

(މިހެން ކަމުގައިވާނަމަ އެ ކަނޑައެޅެނީ 21 އަހަރުން ދަށް ކަމަށް)

  • 2000 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން

(މިހެންކަމުގައިވާނަމަ އެ ކަނޑައެޅެނީ 25 އަހަރުން ދަށް ކަމަށް)

ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ ދެ ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން، މި ހިނގާ އެޕްރިލް މަހުގެ ދެ ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، މިކަމާ ގުޅޭ ކެބިނެޓް ކަރުދާސް ތައްޔާރުކުރެއްވުމުގައި ކަމާގުޅޭ ފަރާތްތަކުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރުންނާއި، އަދިވެސް އެނޫންވެސް ފަރާތްތަކުގެ މަޝްވަރާވެސް ހޯއްދަވަން އިރުޝާދު ދެއްވާފައިވާނެކަން ހާމަކުރައްވާފައެވެ.

ޕޯލަށް ހުޅުވާލެއްވި ތިން ގޮތް ހުށައެޅުއްވުމުގެ ޙިކުމަތަކީ، 18 އަހަރާއި 25 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުން، ނުވަތަ ޒުވާނުން އެކަމުގެ ތެރޭގައި އެހާ ގިނަ ދުވަސް ނުވަނީސް، އެ ވަބާއިން ސަލާމަތް ކުރަން ފަސޭހަވާނެކަމުގައި ވާތީ ކަމަށްވެސް، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ޕޯލް އެކްސްގައި

ޕޯލް ފޭސްބުކްގައި

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް