ތ. ހިރިލަންދޫއިން ފުރައިގެން މާލެ ދަތުރުކުރަމުންދަނިކޮށް ރޭގައި އަލިފާން ރޯވެ އަޑިއަށްދިޔަ "ހޮޅުދޫ ބޯޓް" އިން ގެއްލުނު ޢަލީ މުޝްފިޤް ޝަރީފް ހޯދުމަށް ވައިގެމަގުން 4000 އަކަ ކިލޯ މީޓަރު ސަރަހައްދެއް މިހާތަނަށް ބަލާފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
މުޝްފިޤް ހޯދުމަށް ރެއިން ފެށިގެން ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގެ އެންމެ ފަހުގެ އަދާހަމަތައް ހާމަކުރަމުން އެމްއެންޑީއެފްއިން މިރޭ ބުނެފައިވަނީ މިހާތަނަށް ސާފޭސް ސާޗްގެ ގޮތުގައި 53.04 ސްކޮޔާ ނޯޓިކަލް މޭލު، އަންޑަވޯޓާ (ޑައިވިން) ސާޗްގެ ގޮތުގައި 64240 އަކަ މީޓަރު އަދި ވައިގެ މަގުން 1545 ސްކޮޔާ މޭލު (4000 އަކަ ކިލޯމީޓަރު)ގެ ސަރަހައްދު ބަލާފައިވާކަމަށެވެ.
މިހާތަނަށް މުޝްފިޤު ހޯދަން ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.
އެމްއެންޑީއެފްއިން ރޭގައި ބުނެފައިވާގޮތުގައި 18 މީހުންނާއެކު ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓު (ހޮޅުދޫ ބޯޓު)ގައި އަލިފާން ރޯވިކަމުގެ މައުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑަށް ލިބުނީ ރޭ 09:07 ހާއިރުގައެވެ.
އެ އޭރިއާ ކޮމާންޑުން ބޯޓު އޮތް ސަރަހައްދަށް ދިޔަ ކަމަށާއި 18 މީހުންގެ ތެރެއިން 17 މީހަކު ސަލާމަތް ކުރެވުނު ކަންވެސް ރޭގައި ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް