ރޯދަމަސް އެ މަހެއްގައި މި އަހަރު ލައްވައިލި މާރިޗް މަހުގެ ކަރަންޓު ބިލަށް ޑިސްކައުންޓް ދިން ނަމަވެސް ބިލުގެ އަދަދު ބޮޑުވީ ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވުމާއި ރޯދަމަހާއި ހޫނު މޫސުމާއި ދިމާވުމުން ކަމުގައި ސްޓެލްކޯއިން ބުނެފިއެވެ.
ރޯދަމަހުގެ ކަރަންޓު ބިލު ބޮޑުވުމުގެ ޝަކުވާ ބައެއް އާންމު ރައްޔިތުން އަންނަނީ ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.
މިކަމާއި ގުޅޭގޮތުން ދުވަހަށް މަޢުލޫމާތުދެއްވަމުން ސްޓެލްކޯގެ މީޑިއާ އޮފިޝަލް، އަޙްމަދު މުޙައްމަދު ވިދާޅުވީ ކަރަންޓު ބިލު ބޮޑުވުމުގެ ސަބަބަކީ ރޯދަމާއި ހޫނު މޫސުން ދިމާވުން ކަމަށާއި ކަރަންޓު ބޭނުންކުރި މިންވަރުވެސް އިތުރުވުމުން ކަމަށެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި މިދިޔަ އަހަރުގެ ރޯދަ މަހަށްވުރެ މި އަހަރު ރޯދަ މަހު ޕީކް ކުޑަވިނަމަވެސް ޖުމްލަކޮށް ކަރަންޓު ބޭނުންކުރި މިންވަރު މައްޗަށް ގޮސްފައިވާކަމަށެވެ.
މާރިޗް މަހުގެ ބިލަށް ޑިސްކައުންޓް ދިން ގޮތް އިތުރަށް ސާފުކޮށްދެމުން އޭނާ ވިދާޅުވީ ޑިސްކައުންޓް ދިނުމުގައި ބަލާފައިވަނީ އެންމެ ހޫނު ދުވަސްވަރު ނުހިމެނޭހެން ފާއިތުވި ނުވަ މަހުގެ ބިލުތަކުގެ އެވްރެޖަށް ބަލައިގެން ކަމަށެވެ.
އެމަގުން ޑިސްކައުންޓް ދިނުމުން ބައެއް ގެތަކަށް 1،400 އާއި 1،700 އާއި ދެމެދުގެ އަދަދެއްގެ ޑިސްކައުންޓެއް ދެވިފައިވާކަން ފާހަގަކުރައްވަމުން އިތުރަށް ވިދާޅުވީ ފާއިތުވި ނުވަ މަހު މީހުން އުޅެފައި ނެތް ތަންތަނަށް ދިނީ 10 އިންސައްތައިގެ ޑިސްކައުންޓެއް ކަމަށެވެ.
މިއަދުވެސް ސްޓެލްކޯއިން ބުނީ ބޭނުން ނުކުރާ ކަރަންޓަކަށް ބިލް ނުކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް