'ޑިސްކަވާ ޔޯ ގްރޭޓްނަސް': އަފީފްގެ ހާއްސަ ސެޝަނެއް މޭ މަހު

'ޑިސްކަވާ ޔޯ ގްރޭޓްނަސް' ގެ ނަމުގައި، ބައިނަލްއަގްވާމީ ކީނޯޓު ސްޕީކަރ އަދި އެގްޒެކެޓިވް ކޯޗު އަފީފް ހުސެއިންގެ ހާއްސަ ސެޝަނެއް ބާއްވަން ރެޒޫމޯ މޯލްޑިވްސް އިން އިއުލާނުކޮށްފި އެވެ. މި ސެޝަން އޮންނާނީ ގ...

03 Apr 2024 | 17:22

'ޑިސްކަވާ ޔޯ ގްރޭޓްނަސް' ގެ ނަމުގައި، ބައިނަލްއަގްވާމީ ކީނޯޓު ސްޕީކަރ އަދި އެގްޒެކެޓިވް ކޯޗު އަފީފް ހުސެއިންގެ ހާއްސަ ސެޝަނެއް ބާއްވަން ރެޒޫމޯ މޯލްޑިވްސް އިން އިއުލާނުކޮށްފި އެވެ.

މި ސެޝަން އޮންނާނީ ގައުމީ ޔުނިވާސިޓީގެ ބިޒްނަސް ސްކޫލުގައި އަންނަ މޭ މަހުގެ 4 ދުވަހު ހެނދުނު 9 އިން މެންދުރުފަހު 3 އަށެވެ.

މިއީ އަމިއްލަ ނަފުސުގެ ގާބިލުކަން ދެނެގަނެ، އެ ގާބިލުކަމުގެ އެހީގައި ދިރިއުޅުމުގައި އާ އުސްމިންތަކަށް ވާސިލްވާނެ ގޮތްތައް ކިޔައިދޭނެ މޯޓިވޭޝަނަލް ސެޝަނެކެވެ. މީގެ އިތުރުން ދިރިއުޅުމުގައި ކަނޑައަޅާ އަމާޒުތައް ހާސިލުކުރުމަށް މަގުކޮށާނެ ގޮތާއި، އަމިއްލަ ނަފުސާ މެދު ހުރި ޝައްކުތައް ފިލުވާލައި، ކުރިއަށް ދާނެ ގޮތްތައް ވެސް ކިޔައިދޭނެ އެވެ.

އެކަންކަން އަފީފް ކިޔައިދެއްވާނީ އިލްމާއި، ދިރާސާތަކާއި، އެންމެ ފަހުގެ ހޯދުންތަކާއި، ކޭސް ސްޓަޑީތައް އަދި އަމިއްލަ ތަޖުރިބާގެ އަލީގަ އެވެ.

އަފީފަކީ ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ އެއް ލީޑާޝިޕް ކޯޗު ޖޯން މެކްސްވެލްގެ ޓީމުގެ މެމްބަރެކެވެ. އޭނާ އަކީ 15 އަހަރަށް ވުރެ ގިނަ ދުވަހު ޓޫރިޒަމާއި، ހޮސްޕިޓާލިޓީ ދާއިރާގައި މަސައްކަތްކޮށް، މީހުން ބިނާކުރުމުގެ ރޮނގުން އެތައް ތަޖުރިބާއެއް ހާސިލްކޮށްފައިވާ ފަރާތެކެވެ.

އަފީފަކީ ބައިނަލްއަގްވާމީ ހޮސްޕިޓާލިޓީ ބްރޭންޑެއް ކަމަށްވާ ލަކްސްގެ ޓެލެންޓް އެންޑް ކަލްޗަރ، ސީނިއާ ޑިރެކްޓަރެވެ. އޭނާ އަކީ ރާއްޖޭގެ ހިއުމަން ރިސޯސަސް ޕްރޮފެޝަނަލުންގެ ޖަމިއްޔާ ކަމަށްވާ މާޕްގެ މަސްއޫލު މެމްބަރެކެވެ. ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޔުނިވާސިޓީ ކަމަށްވާ ހާވާޑްގެ ބިޒްނަސް ސްކޫލުގެ އެގްޒެކެޓިޗް ޕްރޮގްރާމުގެ ދަސްވެނިއެއް ކަމަށްވާ އަފީފް ވަނީ ދުނިޔޭގެ ވަރަށް ގިނަ ކޮންފަރެންސްތަކުގައި ތަގުރީރުކޮށްފަ އެވެ. އަދި ގްލޯބަލް ޓްރެއިނިން އެންޑް ޑިވެލޮޕްމަންޓް ލީޑާޝިޕް އެވޯޑާއި ވޯލްޑް އެޗްއާރްޑީ ކޮންގްރެސްއިން ދޭ "އެންމެ ނުފޫޒުގަދަ 100 ގްލޯބަލް އެޗްއާރް ޕްރޮފެޝަނަލްސް" ގެ ލަގަބު ވެސް އަފީފަށް ވަނީ ލިބިފަ އެވެ.

ފީ އެއް ދައްކައިގެން ބައިވެރިވެވޭ މި ސެޝަނުގެ ބައިވެރިންނަށް ސެޓްފިކިޓެއް ލިބޭނެ އެވެ. އަދި އެ ދުވަހުގެ މެންދުރުގެ ކެއުމާއި، ކޮފީ/ސައި ވެސް ފީ ގައި ހިމެނޭނެ އެވެ.

މިއީ ރެސޫމޯ އާއި އަފީފް ގުޅިގެން ބާއްވާ ތިން ވަނަ އިވެންޓެވެ. މީގެ ކުރިން ބޭއްވި ސެޝަންތަކުގެ ތެރޭގައި "ޑިވެލޮޕިން ޔޯ ގްރޯތު ޖާނީ އެންޑް މައިންޑްސެޓް" އަދި "ޑިވެލޮޕިން އެންޑް ލީޑިން އަ ކަލްޗާ އޮފް ވޯލްޑް ކްލާސް ސާވިސް އެންޑް މައިންޑްސެޓް" ހިމެނެ އެވެ.

މި ސެޝަނުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން މި ލިންކުން ރަޖިސްޓްރީކުރެވޭނެ އެވެ: https://shorturl.at/nBL19

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް