އައްޑޫއިން ހިމަބިހި (މީސްލްސް) އައުޓްބްރޭކެއް ދެނެގަނެވިފައިވާކަމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިގޮތުން އެޗްޕީއޭއިން މިއަދު ބުނެފައިވަނީ މިއަދު އައްޑޫ ސިޓީން ހިމަބިހި (މީސްލްސް) ކޭސްއެއް ވަނީ ޕޮޒިޓިވްވެފައި ކަމަށާއި މީގެ އިތުރުން މީސްލްސް ޖެހުނުކަމަށް ބެލެވޭ އިތުރު އެއް ކޭސް ދެނެގަނެވި، ކޮންފާރމް ކުރުމަށް ސާމްޕަލް ނަގައި ޓެސްޓް ހެދުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށެވެ.
"މި ދެ ކޭސްވެސް ފެނިފައިވަނީ ކުޑަކުދިންގެ ތެރެއިންނެވެ. އެހެންނަމަވެސް މި ދެކުދިންގެ ގައިން ބަލި ފެތުރޭ މުއްދަތު (އިންފެކްޝަސް ޕީރިއަޑް) ފާއިތުވެފައިވާތީ، މި ދެކުދިންގެ ފަރާތުން މިވަގުތު އިތުރަށް ބަލި ފެތުރުމުގެ ފުރުސަތު ނެތްކަން ފާހަގަކުރަމެވެ." އެޗްޕީއޭއިން ބުނެފައިވެއެވެ.
ހިމަބިއްސަކީ ދިވެހިރާއްޖޭގައި ނައްތާލެވިފައިވާ ބައްޔެއްކަމަށް ވުމާއެކު މި ބަލީގެ އެންމެ ކޭސްއެއް ފެނުނު ކަމުގައިވިޔަސް ބެލެވޭނީ އައުޓްބްރޭކެއްގެ ގޮތުގައި ކަމުގައި އެޗްޕީއޭއިން ބުނެއެވެ. އަދި މިފަދަ ހާލަތުގައި އަމަލުކުރަން ހަމަޖެހިފައިވާ އުސޫލުގެ މަތިން، ކޮންޓެކްޓުން ދެނެގަތުމާއި، ބަލި ޖެހެން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް މި އޭޖެންސީގެ ލަފާގެ މަތިން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ދަނީ ކުރިއަށް ގެންދަމުންނެވެ. އަދި ވަރަށް ވެކްސިން ދޭންޖެހޭ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތްވެސް ފެށޭނެކަމުގައިވެސް އެޗްޕީއޭއިން ބުނެއެވެ.
ހިމަބިހީގެ މައިގަނޑު އަލާމާތްތަކަކީ ހުންއައުމާއި ހަމުގައި ރަތް ބިހިތަކެއް ނެގުމެވެ. މީގެ އިތުރުން ކެއްސުން، ނޭފަތުން އަރިދަފުސް ފޭބުން އަދި ލޯ ރަތްވުންފަދަ އަލާމާތްތައްވެސް ބައެއް މީހުންގެ ފަރާތުން ފެނުން އެކަށީގެންވެއެވެ. ވީމާ އެއްވެސް ފަރާތަކުން މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސް ނުކުރައްވާ ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯއްދެވުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.
މި އައުޓްބްރޭކްގެ ކޭސް އިންވެސްޓިގޭޝަން އަދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އިތުރު މައުލޫމާތު އެނގެމުންދާވަރަކަށް ހާމަކުރާނެކަމުގައި އެޗްޕީއޭއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް