1903 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ސްޕެނިޝް ފުޓުބޯޅައިގެ އެންމެ ގިނަ ދުވަސްވީ ފުޓުބޯޅަ މުބާރާތް "ސްޕެނިޝް ކޮޕަ ޑެލްރޭ"ގެ ފައިނަލުގައި ވާދަކުރާނެ ޓީމުތައް މި ބުދަ އަދި ބުރާސްފަތީގައި ކުޅެވޭ ފޯރިގަދަ ސެމީ ފައިނަލު މެޗުތަކަށްފަހު އެނގޭނެއެވެ. މި ދެމެޗުވެސް މީޑިއާނެޓުގެ އައިސް ޕްލަސް ޗެނަލް މެދުވެރިކޮށް ފެންނާނެއެވެ. އަދި މީޑިއާނެޓުގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ތާކު ހުރެވެސް މި މެޗު ބަލާލެވޭނެއެވެ.
ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗުތަށް 2 އަދި 3 މާރޗުގައި ކުޅެ ނިމިފައިވާއިރު އޮސަސޫނާ އަދި ބާސެލޯނާއިންވަނީ އެތްލެޓިކް ކްލަބް އަދި ރިއާލް މެޑްރިޑް މައްޗަށް ކުރި ހޯދާ މުބާރާތުގެ ފައިނަލާ ގާތަށް ޖެހިލާފައެވެ.
މިހާ ހިސާބުން ސެމީ ފައިނަލުގެ ދެ މެޗަށް ކުޑަ ނަޒަރެއް ހިންގާލާނަމެވެ.
އޮސަސޫނާ – އެތްލެޓިކް ކްލަބް
މެޗު ކުޅޭ ދުވަސް: 05 އޭޕްރިލް 2023
މެޗު ކުޅޭ ގަޑި: 00:00
މި ދެ ޓީމު މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ބައްދަލު ކުރީ 02 މާރޗް ގައި އޮސަސޫނާގެ އެލް ސަދާރް ސްޓޭޑިއަމްގައެވެ. މި މެޗު 1-0 ގެ ނަތީޖާއަކުން އޮސަސޫނާއިންވަނީ ކާމިޔާބުކޮށްފައެވެ. މި މެޗުގެ ހަމައެކަނި ގޯލު މެޗުގެ 47 ވަނަ މިނެޓުގައި ޖަހާދީފައިވަނީ އޮސަސޫނާގެ ފޯވަޑް މޮރޮކޯގެ އަބްދެ އެޒަލްޒޫލީއެވެ.
ސްޕެނިޝް ލަލީގާގައިވެސް މިދެޓީމުގެ ވާދަވެރިކަން ބޮޑެވެ. އެތްލެޓިކް ކްލަބް 37 ޕޮއިންޓާއެކު 7 ވަނައިގައި އޮތް އިރު އެންމެ 2 ޕޮއިންޓް މަދުކޮށް އޮސަސޫނާ އޮތީ 35 ޕޮއިންޓާއެކު 9 ވަނައިގައެވެ. މި މެޗަކީ ދެ ކްލަބަށްވެސް މުހިއްމު މެޗަކަށްވާނެއެވެ. އޮސަސޫނާ އެންމެ ފަހުން މި މުބާރާތުގެ ފައިނަލުގައި ކުޅެފައިވަނީ 2005 ވަނަ އަހަރުއެވެ. އެތްލެޓިކް ކްލަބްއިން ވަނީ 2021 ވަނަ އަހަރު ފައިނަލުގައި ވާދަކޮށްފައެވެ.
ބާސެލޯނާ – ރެއާލް މެޑްރިޑް
މެޗު ކުޅޭ ދުވަސް: 06 އޭޕްރިލް 2023
މެޗު ކުޅޭ ގަޑި: 00:00
ސެމީ ފައިނަލެއްގައި "އެލް ކްލެސިކޯ" އެއް ފެނިގެންދިޔުމަކީ ހަމަގައިމުވެސް ފުޓުބޯޅަ ޝައުގުވެރި ފުޓުބޯޅަ މެޗެއް ފެނިގެންދާނެކަން ޔަގީންވާ ކަމެކެވެ. މުޅި މި މުބާރާތުގެ ވެސް އެންމެ ކާމިޔާބު ޓީމު ބާސެލޯނާއިންވަނީ 31 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ. ރިއާލް މެޑްރިޑުންވަނީ 19 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ.
މިދެޓީމު ކުޅުން ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ބާސެލޯނާއިން ވަނީ 1-0 ނަތީޖާއަކުން ރިއާލް މެޑްރިޑް މައްޗަށް ކުރިހޯދާފައެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ހަމައެކަނި ގޯލަކީ ރެއާލް މެޑްރިޑްގެ ޑިފެންޑަރު އެޑަރ މިލިޓާއޯ އަތުން ބައިކޮޅަށްވަން ލަނޑެކެވެ.
ދާދި ފަހުންވެސް ކުޅެވިގެންދިޔަ އެލް ކްލެސިކޯގައި ބާސެލޯނާއިންވަނީ ރެއާލް މެޑްރިޑް މައްޗަށް ކުރިހޯދާފައެވެ. ނަމަވެސް ރެއާލް މެޑްރިޑް މިވަގުތު އޮތީ ވަރަށް ވަރުގަދަ ފޯމެއްގައެވެ އެހެންކަމުން މި މެޗު ވަރަށް ފޯރިގަދަވާނެކަމަށް ޔަގީންކުރެވެއެވެ.
މީޑިއާނެޓުން ދިވެހިންނާއި ހަމައަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޅެވޭ ފުޓުބޯޅައިގެ އެންމެ ފޯރިގަދަ މުބާރާތްތަކާއި މެޗުތައް ގެނެސްދިނުމަށް ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މެޗުތައް ޓީވީ ސްކްރީންތަކުން އަދި މީޑިއާނެޓުގެ ފޯން އެޕްލިކޭޝަން އެމް އެސް ޑިޖިޓަލް މެދުވެރިކޮށްވެސް ބަލާލެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް