ރޯދަ އާއި އަޅުކަން : ރޯދަ ވީއްލާ ވަޤުތު ދުޢާކުރުން

ރަމަޟާން މަހަކީ ހެޔޮކަމާއި ބަރަކާތުގެ މައްސަރެކެވެ. މާތްﷲއަށް ތަޤުވާވެރިވުމަށާއި ކުރެވިފައިވާ ކުށްފާފަތަކުން ތައުބާ ވުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އެހެންކަމުން މިބަރަކާތްތެރި ރަމަޟާން މަހުގެ ދުވާލާއ...

03 Apr 2023 | 09:49

ރަމަޟާން މަހަކީ ހެޔޮކަމާއި ބަރަކާތުގެ މައްސަރެކެވެ. މާތްﷲއަށް ތަޤުވާވެރިވުމަށާއި ކުރެވިފައިވާ ކުށްފާފަތަކުން ތައުބާ ވުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އެހެންކަމުން މިބަރަކާތްތެރި ރަމަޟާން މަހުގެ ދުވާލާއި ރޭގަނޑުގެ ވަޤުތުތަކުގައި މާތްﷲއަށް ދުޢާ ކުރުން ގިނަ ކުރުމަކީ ވަރަށް ވެސް މުހިންމުކަމެކެވެ.

ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. ” ރަމަޟާންމަހުގެ ފުރަތަމަ ދުވަހުގެ ރޭ ނުބައި ނުލައިފާ ޖިއްނި ޝައިޠާނުންނުން ކަސްތޮޅު އެޅުވޭ ހުއްޓެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދު ކުރެވޭ ހުއްޓެވެ. އަދި ރަމަޟާންމަހުގައި އެއިން އެއްވެސް ދޮރުކޮޅެއް ނުހުޅުވޭ ހުއްޓެވެ. އަދި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވޭ ހުއްޓެވެ. އަދި މިމަހުގައި އެއިން އެއްވެސް ދޮރުކޮޅެއް ބަންދު ނުކުރެވޭ ހުއްޓެވެ. އަދި ނިދާ އިއްވަވާ ބެއިކަލަކު ނިދާ އިއްވަވާ ހުއްޓެވެ. ހެޔޮކަންތަކަށް އެދޭ މީހާއެވެ. ހެޔޮކަންތަކާވީ ފަރާތަށް އަވަސްވެ ގަންނާށެވެ. އަދި ނުބައިކަންތައް ކުރާ މީހާއެވެ. ނުބައިކަންތައް ކުރުމުން ދުރުވެގަންނާށެވެ. އަދި ﷲ އެންމެން ނަރަކައިން މިންޖުކޮށް ދެއްވާ ހުއްޓެވެ. އަދި މިގޮތަށް ރަމަޟާންމަހުގެ ކޮންމެ ރެއަކު ކަން ހިނގަމުންދެއެވެ.”

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ ދުޢާ އިޖާބަކުރައްވާނެ ޚާއްޞަ ވަޤުތުތަކަކާއި ތަންތަން ވެސް ބަޔާންކޮށްދެއްވާފައެވެ. އެވަޤުތުތަކަށް ބަލައިގެން ދުޢާ ކުރުމަކީ އިތުރުވެގެންވާ ކަމެކެވެ. އަދި އިލާހީ ޙަޟްރަތުގައި ދުޢާ ޤަބޫލުކުރެއްވުންވެސް އަވަސްވާނެއެވެ. މިގޮތުން ރަމަޟާންމަހުގައި ކުރާ ދުޢާއާއި ރޯދަވެރިޔާ ކުރާ ދުޢާ މާތްﷲ އިޖާބަ ކުރައްވާނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ” ތިންމީހެއްގެ ދުޢާ މާތްﷲ ރައްދު ނުކުރައްވައި އިޖާބަ ކުރައްވާ ހުއްޓެވެ. އެއީ ރޯދަވެރިޔާ ރޯދަވީއްލާ ވަޤުތު ކުރާ ދުޢާއާއި ޢަދުލުވެރި އިމާމުމީހާ ކުރާ ދުޢާއާއި އަދި އަނިޔާވެރިޔާ ކުރާ ދުޢާއެވެ.”

މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. ” فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُواْ لِي وَلاَ تَكْفُرُونِ ” ( سورة البقرة: 152)

މާނައީ: “ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ މަތިން ހަނދުމަ ކުރާށެވެ. އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މަތިން ހަނދުމަ ކުރާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެ އަށް ޝުކުރުވެރިވާށެވެ. އަދި ކުފުރުވެރި ނުވާށެވެ.”

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް