މާލޭގެ ގުދަނެއްގައި ކެމިކަލް ރައްކާކޮށްފައި ހުރިކަން ފަޅާ އެރުމުން މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.
މިކަން އާންމުންގެ ސަމާލުކަމަށް ގެނައީ އަހުމަދު ނައީމް ކިޔާ މީހަކު ޓުވިޓާގައި އެވެ. އޭނާ ވަނީ ގުދަނުގެ ފޮޓޯތަކާއި އެކު ގުދަން ހުރި ތަނުގެ މައުލޫމާތު އާންމުކޮށްފައި އެވެ.
ލިލީ މަގުގައި ހުރި އެ ގުދަނުގައި ރައްކާކޮށްފައި ހުރިތަކެތީގެ ތެރޭގައި ކެމިކަލް ހިމެނޭކަން އޭނާ ޔަގީން ކުރީ މުވައްޒަފުން ކައިރިން މައުލޫމާތު ހޯދައިގެން ކަމަށް ބުނެފައިވެ އެވެ.
މިކަމާއި ގުޅިގެން އެމްއެންޑީއެފުން ބުނީ މި މަޢުލޫމާތު ލިބުމުން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔުގެ ޓީމުން މިތަނުގެ އިނީޝިއަލް އިންސްޕެކްޝަނެއް ހަދާފައިވާ ކަމަށެވެ. އަދި އެ ގުދަނުގައި ގަވާއިދާއި ޚިލާފަށް ބައެއް އެއްޗެތި ގުދަން ކޮށްފައިވާކަން ފާހަގަކުރެވުނު ކަމަށް ބުުނެފައިވެ އެވެ.
މިކަން ދިވެހި ފުލުހުންގެ ސަމާލުކަމަށް ގެނެވި ފުލުހުން މިކަން ބަލަމުންދާ ކަމަށް ބުންޏެވެ.
އަބަދަށް ފެހި މަހުގައި ހުރި ކެމިކަލް ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ސަރަހައްދުގައި ހުރި ގިނަ އަދަދެއްގެ ގޭގޭގައި އަލިފާން ރޯވެ އެކަކު މަރުވި ހާދިސާއަށް ފަހު ތިލަފުއްޓަށް ކެމިކަލް ގުދަށްތައް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން ފެށި އެވެ. އަދި މާލޭގައި ކެމިކަލް ގުދަން ހިންގުން މަނާ ކުރި އެވެ.
އާބަންކޯއިން ވަނީ ތިލަފުށިން ގިނަ އަދަދެއްގެ ކުންފުނިތަކަށް ކެމިކަލް ގުދަން ކުރުމަށް ބިން ދޫކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް